އަހުމަދު އާދަމް (ހޮލޯގްރާމް އަހުމަދު).-
ހޮލޯގްރާމް އަހުމަދުގެ ހަނދާނުގައި
މުޙައްމަދު އަބްދުالله ޝަފީޤް 18 އޯގަސްޓް 2026 (އަންގާރަ)   15:19
ރޭ ލިބުނު ހިތާމަވެރި ޚަބަރަކީ ހޮލޯގްރާމް އަހުމަދު (އަހުމަދު އާދަމް، ހދ.ކުޅުދުއްފުށި/ވައްތީނިގެ) އުމުރުން 55 އަހަރުގައި ނިޔާވި ޚަބަރެވެ. އެޔާއެކު ވަރަށް ކުރީގެ ހަނދާންތަކެއް އާވެއްޖެ އެވެ.

އަހުމަދާ ފުރަތަމަ ބައްދަލުވީ 1995 ވަނަ އަހަރު އެވެ. އަޅުގަނޑާއި ދެ ރަހުމަތްތެރިއަކާ ގުޅިގެން ނެރުނު މަޖައްލާއެއްގެ ލޭއައުޓް ހެދުމުގެ މަސައްކަތުގެ ތެރެއިންނެވެ. އަހުމަދަކީ ވަރަށް ރީތިކޮށް ތާނަ ލިއުއްވައި ބޮޑު އަކުރު އަޅުއްވާ ބޭފުޅެކެވެ. އަޅުގަނޑުމެންގެ މަޖައްލާގެ ލޯގޯ އާއި ލޭއައުޓް ހައްދަވައިދެއްވީ އަހުމަދެވެ. އެއީ ކޮމްޕިއުޓަރުގެ ޒަމާނެއް ނޫނެވެ. ހުރިހާ ކަމެއްވެސް ކުރެއްވީ އަހުމަދުގެ ހުނަރުވެރިކަމުންނެވެ.

އޭގެ ފަހުން ބައްދަލުވާ ފަހަރުތަކުގައި ހާލުއަހުވާލު އޮޅުން ފިލުވާލުން ފިޔަވާ މާބޮޑު ވާހަކަތަކެއް ނޯވެއެވެ. އެއީވެސް ވަރަށް މަދުންނެވެ.

2004 ޖޫން 9 ގައި ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ އިއުލާންކުރެއްވުމާ ގުޅިގެން، މިނިވަން ބަހުސް ސިލްސިލާ ފެށުނެވެ. މިނިވަން ބަހުސްގެ 2 ވަނަ ބައްދަލުވުން 2004 އޮގަސްޓް 6 ގައި ޣިޔާސުއްދީން ސްކޫލްގައި ކުރިއަށް ދަނިކޮށް ބައްދަލުވުން އަޑުއަހަން ވަދެ ތިބި މީހުންގެ ތެރެއިން ރައީސް މައުމޫންގެ އިސްތިއުފާއަށް ގޮވައިލާ ބޯޑެއް ނެގިއެވެ. އެއީ އެ ޒަމާނަށް ބަލާއިރު ވަރަށް ބޮޑު ކަމެކެވެ.

ދެ ބްރެސަލްބޯޑް ގުޅުވައިގެން އިސްތިއުފާގެ ބޯޑު ތައްޔާރުކުރީ އަހުމަދެވެ. އެކަން ކުރީ އޭރު އޭނާ ހިންގަވަމުން ގެންދެވި ހޮލޯގްރާމް ގައެވެ. ހޮލޯގްރާމަކީ ފޮޓޯކޮޕީ އާއި ލޭއައުޓް ޚިދުމަތްދޭ ތަނެކެވެ. އިސްތިއުފާގެ ބޯޑު އެ ބައްދަލުވުމަށް ގެންގޮސް ނެގުމުގައި އަހުމަދާ ބައިވެރިވީ އޭނާގެ ކޮއްކޮ އަބްދުއްރަޝީދު (އަބްސީ) އެވެ.

އެރޭ އެ ބައްދަލުވުމުގައި ތިބި އެންމެންވެސް ދެކުނީ އެއީ ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައެވެ. އަޅުގަނޑަށްވެސް ގަބޫލުކުރެވުނީ އެފަދައިންނެވެ. އެކަމަކު އެކަމާ ގުޅިގެން ދެންވާނީ ކިހިނެއްބާއޭ އެއީ އެރޭ ބައެއް މީހުން އުފެއްދި ސުވާލެކެވެ.

އޭގެ އެއް ދުވަސް ފަހުން އަހުމަދު ފުލުސް އޮފީހަށް ހާޒިރުކޮށް ހައްޔަރުކުރިއެވެ. އޭނާގެ ކޮއްކޮގެ އިތުރުން ހޮލޯގްރާމްގައި ބޭނުންކުރި ކޮމްޕިއުޓަރާއި ބައެއް ލިޔެކިޔުންތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މަޝްހޫރު 'ކަޅު ހުކުރު' ގެ ފެށުން ގުޅެނީ އަހުމަދާއި އަބްސީ ހައްޔަރު ކުރުމާ ހިސާބުންނެވެ. އޭގެ ދެ ދުވަސް ފަހުން 11 އޮގަސްޓްގައި، މިނިވަން ބަހުސްގެ ބައްދަލުވުންތައް ވީޑިއޯކޮށް ސީޑީއަށް ރެކޯޑްކޮށް އާންމުކުރުމުގައި އުޅުނު ފިރުޝާން ޒާހިރާއި ހުސައިން ރަޝީދު ވެސް، ހައްޔަރުކުރި އެވެ. އަދި ޖެހިގެން އައި 12 ވަނަ މުހައްމަދު ޔޫސުފް ފުޅު (ފުޅުބެ) ވެސް ހައްޔަރު ކުރި އެވެ.

އެއާއެކު 12 ވީ ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން މަދުމަދުން ޖުމްހޫރީ މައިދާނަށް މީހުން ޖަމާވާން ފެށިއެވެ. އެރޭ 12 ޖެހި އިރު ޖުމްހޫރީ މައިދާން ސަރަހައްދު އޮތީ ފުރިފައެވެ. ސަރުކާރާ ދެކޮޅު ބޮޑު އެއްވުމެއް އޮތީ ފެށިފައެވެ. "ރައްޔިތުންގެ ޑިމާންޑްތައް" ސަރުކާރަށް ހުށަހެޅިއެވެ. ހައްޔަރުކޮށްފައިތިބި މީހުން ދޫކޮށްލި އެވެ. އޭގެތެރެއިން އެކަކީ އަހުމަދެވެ. އެރޭ ދޫކޮށްލުމަށްފަހު އޭގެ އެއް ދުވަސް ފަހުން އަނެއްކާވެސް ހައްޔަރުކުރި އެވެ.

އެފަހަރު ކަންހިނގާދިޔަގޮތް އަޅުގަނޑަށް އަހުމަދު ކިޔައިދެއްވީ 'ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރު' ލިޔުނު ދުވަސްވަރު އެވެ. ފޮތް ޝާއިއުކުރުމަށްފަހު، 2011 ވަނަ އަހަރު އެ ފޮތުގެ ޗެޕްޓަރުތަކުގެ މައްޗަށް ވީޑިއޯ ތައްޔާރުކުރިއިރުވެސް އަހުމަދުގެ އެހީތެރިކަން ލިބުނެވެ. ޖުމްހޫރީ މައިދާނުގައި ހުރެ އެ ހަނދާންތައް އޭނާ އާކުރި އެވެ.

އަދި އޭގެ ފަހުންވެސް އަހުމަދު ވަނީ އެކިފަހަރު މަތިން އޭނާ ޖަލަށްލީއިރު ކަންހިނގި ގޮތާއި 'ކަޅު ހުކުރު' ގެ ހާދިސާއާ ގުޅިގެން ޖަލަށްލީއިރު ކަންހިނގިގޮތް ވަރަށް ތަފުސީލުކޮށް، ޔޫޓިއުބް ޗެނަލް މޯލްޑިވްސް ފައިލްސް އަށް ކިޔައިދީފައެވެ.

އަހުމަދާއި އަހުމަދު ފަދަ އެތައް ބައެއްގެ ބައިވެރިވުމާއެކު ކުރިއަށްދިޔަ އިސްލާހީ ހަރަކާތުން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އޭރު ޖަލުގައި ކުރަމުންދިޔަ ލާއިންސާނީ އަނިޔާތައް ހުއްޓުމަކަށް ގެނައުމެވެ. އޭގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ބަދަލުވެފައިވާކަން އިއްޔެ އާއި މިއަދު އަޅާކިޔާލުމުން ފާހަގަވާނެއެވެ. އަހުމަދުގެ ވާހަކަތަކުން އޭރުގެ އަނިޔާތަކާއި އެ އަނިޔާތަކުގެ ކުރިމަތީގައި އޭނާ ދެއްކި ހިތްވަރު ހާމަވާނެއެވެ.

އެ ހިތްވަރުގަދަ އަހުމަދު ނިޔާވީ އިންޑިޔާގެ ޓްރިވެންޑްރަމްގަ އެވެ. ކިމްސް ހޮސްޕިޓަލުގައި ސިއްހީ މައްސަލަތަކަކަށް ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ. ނިޔާވިއިރު ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ. އަހުމަދު ނިޔާވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ވަނީ ބާއްވާފައެވެ. މަރުހޫމްގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާށި އެވެ. އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި އެވެ. އާމީން. 

ކޮމެންޓް