މިސް ވޯލްޑްގެ ރަސްމީ މީސް މީޑިއާ އެކައުންޓްތަކުން ކުރި ޕޯސްޓެއްގައި ހެޑް ޓު ހެޑްގެ އޭޝިއާ އައި އޯޝިއާނާ ގްރޫޕްގެ ގަދަ ފަހެއްގައި ރާއްޖޭގެ އީމާގެ އިތުރުން، ކޫކް އައިލެންޑްސްގެ ޓިއާރާ ހެންރީ އަންގުނާ އާއި ކޮރެއާގެ މިންސިއޯ ޗާ އާއި ފިލިޕީންސްގެ އޭޝިއާ ރޯސް ސިމްޕްސަން އާއި ވިއެޓްނާމްގެ ލެ އެންގުޔެން ބައޯ ވަނީ ހޮވިފައެވެ.
އީމާ އެ ބައިގެ ގަދަ ފަސް ވަނައިގެ ތެރޭގައި ހިމެނިފައިވާތީ ދިވެހިންވެސް ދަނީ އެކަން ފާހަގަކުރަމުންނެވެ.
އީމާގެ "ބިއުޓީ ވިތު އަ ޕާޕަސް" ދަތުރުގައި ހުށަހަޅައިދެނީ ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުފަޅުތައް ރައްކާތެރިކުރުމާއި، ރާއްޖޭގެ ރަށްތަކުގެ މުސްތަގުބަލާ ގުޅޭ ވަރުގަދަ މެސެޖެކެވެ.
މިސް ވޯލްޑްގެ ހެޑް ޓު ހެޑް ޗެލެންޖްގައި އީމާ ބުނީ، މި ޕްލެޓްފޯމްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ. ގިނަ މީހުންނަށް ރާއްޖެ އެނގެނީ ރީތީ ސާފު މޫދާއި، ހުދު ދޮންވެލިގަނޑާއި، ޕޯސްޓްކާޑުން ފެންނަ ހުންނަ ރަށްތައް ކަހަލަ ރަށްތަކެއް ނަމަވެސް، އޭނާއަށް ރާއްޖެ ފެންނަނީ އޭނާގެ "ގެ" ކަމަށެވެ.
އޭނާ ބުނީ، ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެވްރެޖްކޮށް އެންމެ 1.5 މީޓަރު އުސް ގައުމަކަށް ވުމުން، ދިވެހިންގެ ދިރިއުޅުން ވަނީ ކަނޑާ ނުހަނު ބޮޑަށް ގުޅިފައި ކަމަށެވެ.
އަދި ކަނޑައަކީ އަހަރުމެންނާއި ދުރު ތަނެއް ނޫން ކަމަށާއި، ކޮންމެ މަގެއް ނިމޭ ހިސާބުން މޫދު ފެންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
އޭނާގެ ވާހަކައިގައި މޫސުމީ ކަންކަމާ ރާއްޖެއާ ގުޅުވާދޭ ގޮތް ކިޔާދިންއިރު، 2004ގެ ސުނާމީއާ ގުޅުވައިގެންވެސް ވާހަކަދައްކާފައި ވެއެވެ.
އީމާ ބުނީ، އޭނާއަކީ ސައިކޮލޮޖީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރަމުންދާ ފަރާތެއް ކަަމަށެވެ. އަދި އޭނާ ބޭނުން ވަނީ ކްރިމިނަލް ސައިކޮލޮޖީ ދާއިރާއިން ހާއްސަވާން ކަަމަށްވެސް ބުނެފައި ވެއެވެ.
އަދި އޭގެ ފަހުން ފެޝަން ޑިޒައިން އާއި ޓެކްސްޓައިލްސް ދާއިރާއިންވެސް ޑިގްރީ ހާަސިލް ކުރާނެ ކަމަށްވެސް ބުންޏެވެ.
"ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް އިހްތިޔާރުކުރީ، އަންނާން އޮތް ޖީލުތަކަށްޓަކައި އޭނާގެ ވަޒަން ރައްކާތެރިކުރުމުގެ އަޒުމުގައި،". އޭނާ ބުނެފައި ވެއެވެ.
އޭނާ ވަނީ ސޭވް ދަ ބީޗް މޯލްޑިވްސް އާއެކުވެސް މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައެވެ.
އެއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުތަކާއި ގޮނޑުދޮށްތައް ޙިމާޔަތްކޮށް, މުރަކަ އާލާކުރުމުގެ މަސައްކަތްކުރާ މަޝްހޫރު ތިމާވެށީގެ ޖަމްއިއްޔާއެކެވެ
"މި ސެޕްޓެމްބަރު މަހު އަނބުރާ ގައުމަށް އައިސް، އަޅުގަނޑު އެ ފަރާތްތަކާއެކު ވ. އަތޮޅުގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ މަޝްރޫއާ ބައިވެރިވާނަން. އަދި ރަށްތަކުގެ ރައްޔިތުންނާއެކު ކުނި މަދު ކުރުމުގެ ކަންކަމުގައިވެސް ހަރަކާތްތެރިވާނެ،".
އީމާ ދެކޭގޮތުގައި ރާއްޖެއަކީ ހަމައެކަނި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ރީތި މަންޒިލެއް ނޫނެވެ.
"މިއީ ހިމާޔަތްކުރަން ޖެހޭ އަމިއްލަ ވަޒަން. އެންމެ މުހިންމު ތަރިކައަކީ މިއަދު ފެންނަން އޮތް ރީތިކަމެއް ނޫން. އެއީ އަންނަން އޮތް ޖީލުތަކާ ހަމައަށް ފެންނަން އޮންނަ، ސަލާމަތުން އޮތް ރަށްތައް،" އޭނާ ބުނެފައި ވެއެވެ.
ވިއެޓްނާމުގައި ކުރިއަށްދާ މިސްވޯލްޑް 73 ވަނަ މުބާރާތުގައި ރާއްޖެއިން އީމާ ވާދަކުރާއިރު، އެ މުބާރާތުގެ ގްރާންޑް ފިނާލޭ އޮންނާނީ އަންނަ ސެޕްޓެމްބަރު 5 ގައެވެ.




