
ތުރުކީގެ ގިނަ މީޑިއާތަކަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 53 އަހަރުގެ ރޮބާޓޯ ކާލޯސް އިސްލާމް ދީން ގަބޫލުކޮށްފައިވަނީ މީގެ ހަތަރު ވަރަކަށް ހަފްތާ ކުރިންނެވެ.
ރެއާލް މެޑްރިޑްގެ އިތުރުން، ތުރުކީގެ ފެނަބާޗޭ އަށް ވެސް ކުޅެފައިވާ ރޮބާޓޯ ކާލޯސްއާ ގުޅޭގޮތުން މި ވާހަކަތައް އެންމެ ބޮޑަށް ރިޕޯޓްކޮށްފައިވަނީ، ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، އަލީ ޝާހީން ދެއްކެވި ވާހަކަތަކާ ގުޅުވައިގެންނެވެ.
އެ ގޮތުން، ތުރުކީގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ މެންބަރު ޝާހިން ވިދާޅުވި ގޮތުގައި، ރޮބާޓޯ ކާލޯސް، ބްރެޒިލްގެ މުސްލިމް ކޮމިއުނިޓިގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ޝެއިހް ޖިހާދު ޝައިޚް ހައްމާދޭއާ ގުޅުން ބާއްވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، މީގެ ހަތަރު ހަފުތާއެއްހާ ދުވަސް ކުރިން ކާލޯސް ޝައިޚްގެ އަރިހަށް ޒިޔާރަތްކުރި ކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި ކުރީގެ ފުޓުބޯޅަ ތަރި ޝަހާދަތް ކިޔައި، އިސްލާމްދީން ގަބޫލުކުރި ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިން މިކަން އިއުލާނު ކުރެއްވީ ސައޮ ޕައުލޯގައި ހުންނަ އިސްލާމިކް ޗެރިޓަބަލް ޔޫތު ލީގު އޮފް ބްރެޒިލްގައި، ޝައިޚް ހައްމާދޭ އަދި ބްރެޒިލްގެ މުސްލިމް މުޖުތަމަޢުގެ އެހެނިހެން މަންދޫބުންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރޮބާޓޯ ކާލޯސް އިސްލާމްދީން ޚިޔާރުކުރުމާ ގުޅިގެން އޭނާއަށް މަރުޙަބާ ދަންނަވަމުން، ޝާހިން ވަނީ ކާލޯސް އަށާއި އޭނާގެ ޢާއިލާއަށް އަމަންއަމާންކަމާއި، ދުޅަހެޔޮކަމާއި، ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ބްރެޒިލްގެ އިސްލާމީ ޖަމްޢިއްޔާތަކުގެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އިސްލާމިކް ޗެރިޓަބަލް ޔޫތު ލީގުގެ ރައީސް ޝަރީފް ނެޓޯ، ޕަރީ މިސްކިތް ފައުންޑޭޝަންގެ ރައީސް އުމަރު އަރެފް އަދި އަނާޖީ އާއި އެހެނިހެން އިސްލާމީ ޚައިރާތީ އަދި ތަޢުލީމީ ޖަމްޢިއްޔާތަކުގެ މަންދޫބުން ހިމެނެއެވެ.
މޮރޮކޯ އާއި ސްޕެއިނުގެ މީޑިއާ އާއި ސޯޝަލް މީޑިއާގައި މިދިޔަ ޖުލައި 25 ވަނަ ދުވަހު އަދި މި މަސް ތެރޭ ދައުރުވި ފޮޓޯތަކަށް ބަލާއިރު، ރޮބާޓޯ ކާލޯސް ވަނީ ދާދި ފަހުން، މޮރޮކޯގެ މޮޑެލް އެއް ކަމަށްވާ ސުހެއިލާ އަލް ތަހީރީއާ ކައިވެނިކޮށްފަ އެވެ. ސުހައިލާ އަލް ތަހީރީ އަކީ ފީފާގެ ލައިސަންސް އޮތް ފުޓްބޯޅަ އެޖެންޓެކެވެ.
ބްރެޒިލްގެ ތިން ކްލަބެއް ކަމަށްވާ އުނައިއޯ ސައޮ ޖޮއާއޯ އާއި އެތުލެޓިކޯ މިނޭރޯ އަދި ޕަލްމެއިރާސް އަށް ކުޅުނު ރޮބާޓޯ ކާލޯސް، އެންމެ ފުރަތަމަ ޔޫރަޕްގެ ކްލަބަކަށް ބަދަލުވީ، 1995 ވަނަ އަހަރު އިންޓަ މިލާނަށެވެ. އޭގެ ޖެހިގެން އައި އަަހަރު ރެއާލް މެޑްރިޑަށް ބަދަލުވެ، 2007 ވަނަ އަހަރާ ހަމައަށް އެ ޓީމަށް ކުޅެ، އެ އަހަރު މެދުތެރެއިން، ތުރުކީގެ ފެނަބާޗޭ އަށް ބަދަލުވި އެވެ. ދެ އަހަރު އެ ޓީމަށް ކުޅެދިނުމަށް ފަހު، 2010 އާއި 2011 ވަަނަ އަހަރު އަލުން ބްރެޒިލަށް ގޮސް ކޮރިންތިއަންސް އަށް ކުޅުނެވެ. އޭގެ ފަހުން، 2011 އާއި 2012 ވަނަ އަހަރު ރަޝިއާގެ އަންޒީ މަކަޗްކަލާ އަށް ކުޅުމަށް ފަހު، ރިޓަޔާކުރީ، 2015 އާއި 2016 ވަނަ އަހަރު އިންޑިއަން ސުޕަ ލީގުގެ ދިއްލީ ޑައިނަމޯސް އަށް ކުޅެފަ އެވެ.
ރޮބާޓޯ ކާލޯސް އިސްލާމްދީން ގަބޫލުކުރި ކަމަށް ދެކެވޭ ވާހަކަތައް އޭނާ އަމިއްލައަށް އަދި ފާޅުގައި ކަށަވަރުކޮށްދީފައެއް ނުވެއެވެ.




