އާއިޝަތު އާޒިމާ ޝުކޫރު.--- ފޮޓޯ: އަވަސް
އާޒިމާ ޝަކޫރު ރައީސް އޮފީހުގެ ސިޔާސީ މަގާމަކަށް އައްޔަނުކޮށްފި
ހިޝާމް ހާރޫން 23 އޯގަސްޓް 2026 (އާދީއްތަ)   14:23
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަގާމަށް އައްޔަނުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަނީ އާޒިމާ އެ މަގާމަށް ނުކުމެވަޑައިގަންނަވަން ފައްޓަވާފައިވާކަން، ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ފަހުން ސަރުކާރުން ވަނީ މިކަން ހާމަކޮށް ޚަބަރެއް އާންމުކޮށްފަ އެވެ. 

ކުރިން ބަންޑާރަނައިބް ކަމާއި މިނިސްޓަރުކަންވެސް ކުރެއްވި އާޒިމާ، 2023 ވަނަ އަހަރު ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރުކަމުގެ ބައިއިލެކްޝަންގައި ވާދަކުރެއްވިއެވެ. މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވިވަޑައިގަތުމުން ބޭއްވި އެ ބައިއިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އާދަމް އާޒިމް އެވެ.

އާޒިމާ މިފަހުން ފާހަގަ ވެފައިވަނީ ރައީސް މުއިއްޒުގެ އާއިލީ ވަކީލުގެ ގޮތުގައެވެ. އެގޮތުން ދާދި ފަހުން އެކި ފަރާތްތަކާއި ދެކޮޅަށް ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރެއްވި ދައުވާތަކުގައިވެސް ވަކީލެއްގެ ގޮތުގައި ހުންނެވީ އާޒިމާ އެވެ.

އާޒިމާ ސަރުކާރުގެ އިސް މަގާމަކަށް އައްޔަންކުރެއްވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައިގެން 2019 ވަނަ އަހަރު އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނބުރާ ނަގާފައެވެ.

ޕީޖީ އޮފީހުން 2025 ނޮވެމްބަރު 25 ގައި އާންމުކުރި މައުލޫމާތުގައި ބުނީ އާޒިމާގެ ފަރާތުން އެ ދައުވާތައް ރިވިއުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި ދައުވާތައް މުރާޖައާކުރުމަށްފަހު ޕީޖީ އޮފީހުން ދައުވާތައް އަނބުރާ ނެގީ، ތުހުމަތު ކުރެވޭ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީ، އާޒިމާގެ މައްޗަށް އެ ދައުވާތައް ކުރިއަށްގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށް ޕީޖީ އަށް ފެންނާތީ ކަމަށްވެސް ބުނެފައި ވެއެވެ. 

އާޒިމާ ސިޔާސީ މަގާމަކަށް އައްޔަންކޮށްފައި މިވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ސިޔާސީ މަގާމުތަކަށް ދެން މީހުން ނުނަގާނެކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށެވެ. އަދި ހަރަދުތައް ކުޑަކުރަން ކަމަށް ބުނެ ސަރުކާރު ބައެއް ކުންފުނިތަކުން އާދައިގެ މުވައްޒަފުން މަދުކުރަމުން ދާ ދުވަސްކޮޅެއްގަ އެވެ.

ކޮމެންޓް