މުހައްމަދު ޔަސީން
ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށްބުނެ މިލިޔަނުން ފައިސާ ނެގި ޑެޕިއުޓީ މިނިސްޓަރުގެ މައްސަލަ ބަލަނީ
ހަސަން އިބްރާހީމް 11 ޖުލައި 2026 (ހޮނިހިރު)   15:49
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ތެރެއިން ވަގަށް ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން މިލިޔަނުން ފައިސާ ހޯދި ކަމަށް ބެލެވޭ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީންގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވެ އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެހެންނަމަވެސް، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވެއެވެ.

"ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ސްކީމްތަކުން ފްލެޓާއި ގޯތި ޔަގީންކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާއި ފަނޑިޔާރުން އަދި ބައެއް އާންމުން އަތުން ވެސް މަކަރާއި ހީލަތުން ޔަސީން ފައިސާ ހޯދާފައި ވެއެވެ.

ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން 25 މިލިޔަނެއްހާ ރުފިޔާ އޭނާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

ކޮމެންޓް