ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް.-
އަރީޝް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް އައްޔަނުކޮށްފި
23 އޯގަސްޓް 2026 (އާދީއްތަ)   18:47
މާލެ ސިޓީ ކައުންސިލަށް ދެވަނަ ދައުރަކަށް ވާދަކޮށް އިންތިހާބުން ނާކާމިޔާބުވި ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން އެ އޮފީހުގެ އަންޑަ ސެކްރެޓަރީއެއްގެ މަގާމު އަރީޝްއަށް ދީފައިވާކަން ކަށަވަރުވި ނަމަވެސް އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ ކޮން ތާރީހެއްގައި ކަމެއް ނޭނގެ އެވެ.

މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރުކަމަށް 2021 ވަނަ އަހަރު އިންތިހާބު އަރީޝް އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ މޭޔަރުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަނުކުރީ 2025 މާޗު 16 ގަ އެވެ.

އަރީޝް ސިޓީ ކައުންސިލަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. އެހެން ނަމަވެސް ވެރިކަން ބަދަލުވުމާއެކު 2024 ޖެނުއަރީ 25 ގައި އޭނާ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރެއްވި އެވެ.

އޭނާ ސިޓީ ކައުންސިލުގައި ހުންނެވިއިރު އެ ކައުންސިލުގެ ޖަލްސާތަކަށް ގަވާއިދުން ހާޒިރުނުވާތީ ނަސޭހަތް ވެސް ދިނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އެކި ދާއިރާތަކަށް ވާދަކޮށް ކާމިޔާބުނުވި ކެންޑިޑޭޓުންނަށް ރައީސް މުަހައްމަދު މުއިއްޒު ގެންދަވަނީ ސިޔާސީ މަގާމުތައް ދެއްވަމުންނެވެ. އަދި އެކަން އެގޮތަށް ކުރައްވަނީ ސިއްރުންނެވެ. 

ސިޔާސީ މަގާމުތަކަށް އައްޔަނުކުރާ މީހުންގެ ވަނަވަރު ކުރިން ހާމަކުރިނަމަވެސް، އެކަން އެގޮތަށް ނުކުރާތާނގައި ރައީސް އޮފީހު ވެބްސައިޓްގައި ކުރިން އާންމުކުރަމުން އައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތުވެސް މިހާރު ވަނީ އެ ވެބްސައިޓުން ނަގާފަ އެވެ. 

ކޮމެންޓް