ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު.-- ފޮޓޯ: މަޖިލިސް
ތިން މަސްތެރޭ 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން ޖެހޭ
މަރްޔަމް މުޙައްމަދު 18 ޖުލައި 2026 (ހޮނިހިރު)   12:48
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ 33 ޕަސެންޓު މުވައްޒަފުން މަދުކުރަންޖެހޭނެކަން އަންގައި، މަދުކުރާ މުވައްޒަފުންގެ އަދަދު ކޮންމެ ހަފުތާއަކު ފޮނުވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އަންގައިފި އެވެ.

ޕީސީބީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ 33 ޕަސެންޓު މުވައްޒަފުން މަދުކުރަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

ޕީސީބީން މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ ސާކިއުލާއަކާ ހަވާލާދީ، މި ހިނގާ ޖުލައި 13، ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު ވަނީ އަންގާފަ އެވެ.

މި ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން މޮނިޓަ ކުރުމަށް ޕީސީބީން ވަނީ ނިންމާފަ އެވެ. އެގޮތުން، ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ފޮނުވަމަށް ވެސް ޕީސީބީގެ ސާކިއުލަގައި ބުނެފައިވެ އެވެ.

ޕީސީބީން ބުނި ގޮތުގައި، މި އެންގުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެ ބޯޑަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން ނެރެފައިވާ އެންގުމެކެވެ.

އެހެންކަމުން، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވިޔަފާރި އުސޫލުން ހިންގާ ދައުލަތުގެ ހުރިހާ ތަންތަނަކުން ވެސް މި އެންގުމަށް އަމަލުކުރުން ގާނޫނުން ލާޒިމުވާނެ ކަމަށް ބުނެފައިވެ އެވެ.

މި ފިޔަވަޅަކީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެކެވެ.

އޭޕްރީލް މަހު އަންގާފައިވާ އެންގުމަށް ހަރުކަށި ގޮތެއްގައި އަމަލުކުރަން މި ނިންމީ ސަރުކާރު ހިންގާ ޕީއެންސީ އެތެރޭގެ އިންތިހާބު ނިމުމާއެކު އެވެ. އެ އިންތިހާބު އޮތީ 11 ޖުލައި ގައެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް އިންތިހާބުތަކާ ދިމާކޮށް ހުރިހާ ސަރުކާރަކުންވެސް މުވައްޒަފުން ވައްދައެވެ. އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުންވެސް ވަނީ އެސްއޯއީތަކުގެ އިތުރުން ސިޔާސީ މަގާމުތައްވެސް އިންތިހާއަށް އުފައްދާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރުކާރުން އެންމެ ގިނަ އަދަދަކަށް ވަޒީފާތައް ދިނީ 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށެވެ. އޭގެ ފަހުން ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމް ވޯޓް މިއަހަރުގެ އެޕްރީލްގައި އޮތްއިރު އެ ދުވަސްވަރުވެސް ގިނަ އަދަދަކަށް ވަޒީފާތައް ދިނެވެ. މިފަހުން ސިޔާސީ ބޮޑެތި މަގާމުތައްވެސް ދެނީ ސިއްރިއްޔާތުގައެވެ.

ކޮމެންޓް