
ކެބިނެޓްގެ ނިންމުމަކުން ކައުންސިލެއްގެ ބިން ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވި ބިލު އަވަސް އަރުވާލައިގެން މަޖިލީހުގައި ކުރިއަށް ގެންދިޔައީ ސަރުކާރު ހިންގާ ޕީއެންސީ މެންބަރުންގެ ފުރިހަމަ ތާއީދާއި ބައިވެރިވުމާއެކު އެވެ.
އެ ބިލާ ދެކޮޅަށް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވީނަމަވެސް، އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 59 މެންބަރުންގެ ތެރެއިން 47 ވޯޓުންނެވެ. ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
މި ބިލު ބޭރުކޮށްލަން ގޮވައިލާ ގިނަ އަދަދެއްގެ އާންމުން މަޖިލީހުގެ ވެބްސައިޓް މެދުވެރިކޮށް އީޕެޓިޝަން ހުށަހެޅުމާއެކު، ސަރުކާރު އަޑީގައި އޮވެ، ބިލު ފާސްކުރަން ގޮވައިލާ ގިނަބަޔަކު ލައްވާ އީޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިއެވެ.
ލާމަރުކަޒީ ގާނޫނުގެ ބާރު ކެނޑޭގޮތަށް އެ ބިލު ފާސްކުރަން ޕެޓިޝަންގައި ސޮއިކުރުވީ ސަރުކާރާއި ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކަމަށް ތުހުމަތުކޮށް ސޯޝަލްމީޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ބިލަށް ތާއީދުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ، މަޖިލީހަށް ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅަށް ވެސް ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ކުއްލި ގޮތަކަށް ގަވައިދުވެސް ބަދަލުކުރުމަށް ފަހުއެވެ.




