ރައީސް ނަޝީދު، ބައެއް ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއެކު.-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ކައުންސިލުތަކުން އިހުތިޖާޖަށް ނުނިކުމެއްޖެނަމަ ލާމަރުކަޒީ ނިޒާމު ގެއްލިދާނެ: ނަޝީދު
ހިޝާމް ހާރޫން 27 އޯގަސްޓް 2026 (ބުރާސްފަތި)   18:42
ކައުންސިލުތަކުގެ އާމްދަނީ އާއި ބިންތައް ސަރުކާރަށް ނަގަން ގާނޫނުތައް ބަދަލުކުރަމުންދާއިރު، ކައުންސިލުތަކުން ދިގުމެދިގެންދާ އިހުތިޖާޖަށް ނުނިކުމެއްޖެ ނަމަ ލާމަރުކަޒީ ނިޒާމު އެކަށް ގެއްލިގެން ހިނގައިދާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، ކައުންސިލުތަކުގެ ބާރުތައް އިތުރަށް ނިގުޅައިގަންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަމުންދާ ބަދަލުތައް ފާހަގަކުރައްވަމުންނެވެ.

އެ ގޮތުން ނަޝީދު ވިދާޅުވީ، ކައުންސިލު އިންތިހާބުގައި ނާކަމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުން ކައުންސިލުތަކުގެ އާމްދަނީ އާއި ބިން އަތުލަން ސަރުކާރުން ގާނޫނަށް އިސްލާހުތައް ގެންނަމުންދާ ކަމަށެވެ. މި ކަމުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ކައުންސިލުތަކުން ކުރާ އިހުތިޖާޖުގައި، ރައްޔިތުން ބައިވެރިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކުގެ މައްސަލައިގައި މީގެ ކުރިން ވެސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މިއީ ސަރުކާރުން ވިސްނާނުލައި ގެންނަން އުޅޭ ބަދަލުތަކެއް ކަމަށް ބުނެ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސަރުކާރުން ބޭނުން ވެގެން ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކުގެ ދަށުން ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ހުރި ބިންތައް ނެގޭނެ އިޖުރާއަތުތައް ވަނީ ފަސޭހަކޮށްފަ އެވެ. މި ބަދަލުތަކަކީ، ސަރުކާރު ހިންގާ ޕީއެންސީން ބުނާ ގޮތުގައި، ރަށްރަށުގެ ކައުންސިލުތަކުން ތަރައްގީއަށް ހުރަސް އަޅަމުންދާތީ ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކެކެވެ.

މިހެން ނަމަވެސް ރަށްރަށުގައި ކައުންސިލުތަކާއި އިދިކޮޅާއި ބައެއް މަދަނީ ޖަމިއްޔާތަކުން ވަނީ އެ ވާހަކަތައް ދޮގުކޮށް، މި ގޮތަށް ބަދަލުތައް ނުގެންނަން ގޮވާލާފަ އެވެ. އަދި ގިނަ އަދަދަކަށް ސޮއި ހޯދުމަށް ފަހު މި ބަދަލުތައް ނުގެންނަން ގޮވާލާ ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ.

މި ހުރިހާ އެންމެންގެ ކަންބޮޑުވުންތަކާ ދެކޮޅު ހެދުންތަކަށް އެއްވެސް ވަރަކަށް އިޖާބަ ނުދީ، ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީއެންސީގެ މެންބަރުން ވަނީ ކައުންސިލުތަކުގެ ބާރުތައް ހަނިވާ ގޮތަށް ބޭނުންވި ހުރިހާ ބަދަލުތަކެއް ގެންނަން އިއްޔެ ފާސްކޮށްފަ އެވެ. މި ބަދަލުތައް ގާނޫނުގައި ހިމަނާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގުކުރެއްވުމުންނެވެ. ބެލެވޭ ގޮތުގައި މުއިއްޒު އެ ބިލު ވަރަށް އަވަހަށް ތަސްދީގު ކުރައްވާނެ އެވެ.

ކޮމެންޓް