ބިލުގެ ބަހުސް މުޅި މަޖިލިސް ކޮމިޓީގައި ކުރިއަށް ގެންދިއުން.-- ފޮޓޯ: މަޖިލިސް
ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ހުރިހާ ބާރެއް ރައީސަށް ދޭ ބިލު މަޖިލީހުން ފާސްކޮށްފި
ހިޝާމް ހާރޫން 26 އޯގަސްޓް 2026 (ބުދަ)   14:42
ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް އިތުރަށް މަގުފަހިވާ ގޮތަށް ގާނޫނަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 12 މެންބަރުން ވޯޓުދެއްވި އެވެ.

މި ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ. އެ ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އެ ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އިސްލާހު ހުށަހެޅުއްވިނަމަވެސް، އެ އިސްލާހުތައް ހިމަނާފައެއް ނުވެއެވެ.

އެ ބިލުގައި އޮތްގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ދީފައިއޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ކުއްޔަށް ދޫކުރެވޭނެ މުއްދަތެއްގެ ގޮތުގައި އޮތީ 21 އަހަރެވެ. އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް ލިބެއެވެ.

ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި، ސިނާއީ ބޭނުންތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގުތިސޯދީ އެހެނިހެން ބޭނުންތަކާއ، އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކަށް ތިން ރުފިޔާ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2.50ރ. އެވެ. އަދި އިޖުތިމާއީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް ދެ ރުފިޔާ އެވެ.

ފަޅު ކުއްޔަށް ދޫކުރެވޭނީ ލާޖް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، ލާޖް-ސްކޭލް އިގުތިސޯދީ މަސައްކަތްތަކާއި އެކުއަކަލްޗާ ނުވަތަ އެކުއަކަލްޗާއާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ކަމަށް ބިުގައި ބަޔާންކޮށްފައިވެ އެވެ.

ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުގެ ކުއްޔެއްގެ ގޮތުގައި އޮތީ އަކަމީޓަރަކަށް ތިން ރުފިޔާ އެވެ. މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 50 ލާރި އެވެ.

ފަޅާއި ފަޅުރަށްރަށް ވިޔަފާރީގެ ބޭނުމަށް ކުއްޔަަށް ދެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ރީރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކާއި ޕާޓްނާޝިޕްތަކަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ރަށްރަށް ކުއްޔަށް ދޫކުރުމަށްފަހު އެކަމުގެ ތަފްސީލީ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓު އޮފީހާ ކަމާބެހޭ މިނިސްޓްރީތަކުން ހިއްސާކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައި ބަޔާންކޮށްފައި ވާގޮތުން ރަށްރަށް ވަރުވާއަށް ލިޔެދެވޭނީ 5 އަހަރުގެ މުއްދަތަށެވެ.

ކޮމެންޓް