
އެމެރިކާގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތާ ދިމާކޮށް ނެރެފައިވާ މިފައިސާފޮއްޗަކީ، ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ ފައިސާއެއްގައި ދުނިޔޭގައި ހުންނެވި ރައީސެއްގެ ތަސްވީރު ހިމެނި ފުރަތަމަ ފައިސާފޮތި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ މީޑިއާ ތަކުން ބުނަނީ، މި ފައިސާފޮއްޗަކީ ގާނޫނީ ގޮތުން ބޭނުން ކުރެވޭނެ ފައިސާއެއް ނަމަވެސް، މިއީ ހަނދާނީ ފައިސާފޮއްޗެއްގެ ގޮތުގައި ވިއްކާ އެއްޗެކަމަށާ، އެގޮތުން 25 ފައިސާފޮތީގެ ރޯލެއް 61 ޑޮލަރަށް އަދި 100 ފައިސާފޮތީގެ ކޮތަޅެއް 154.50 ޑޮލަރަށް ވިއްކަމުން އަންނަކަމަށް އެ ގައުމުން ބުނެއެވެ.
ރަން ކުލައިގައި މިފައިސާފޮތި ފެންނަ ނަމަވެސް، އެއްވެސް ވަރަކަށް ރަން ނުހިމެނޭ ކަމަށާ، މިއީ ލޮޔާއި ޒިންކް، މެންގަނީޒް އަދި ނިކަލް ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށް ޔޫއެސް މިންޓުން ބުނެއެވެ.
ފައިސާފޮތީގެ އެއް ފަރާތުގައި ޓްރަމްޕްގެ ތަސްވީރާއެކު “ލިބަޓީ” އަދި “1776 - 2026” ލިޔެފައިވާއިރު، އަނެއް ފަރާތުގައި ވަނީ އެމެރިކާގެ ރިޔާސީ ނިޝާނާއި “250” އެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި މި ފައިސާފޮތި ނެރެފައިވަނީ 2020 ވަނަ އަހަރު ފާސްކުރި ގާނޫނެއްގެ ދަށުންނެވެ.
އެމެރިކާގެ ގާނޫނުތައް އާންމުގޮތެއްގައި ދުނިޔޭގައި ތިބޭ މީހުންގެ ތަސްވީރު ފައިސާގައި ޖެހުން މަނާކުރި ނަމަވެސް، މީގެ ކުރިން 1926 ވަނަ އަހަރު އެމެރިކާގެ 150 ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުނު ފައިސާފޮއްޗެއްގައި އޭރުގެ ރައީސް ކެލްވިން ކޫލިޖްގެ ތަސްވީރު ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.




