
ތާރީހީ ގޮތުން ބަލާއިރު، އެމެރިކާގެ ސިޔާސީ މައިދާނުގައި މުސްލިމުންގެ ދައުރު އޮތީ ވަރަށް ހަނިކޮށެވެ. ސެޕްޓެމްބަރު 11 ގެ ބިރުވެރި ހަމަލާއަށްފަހު، އެމެރިކާގައި އިސްލާމޯފޯބިއާ ނުވަތަ އިސްލާމްދީނަށް ބިރުގަތުން އިތުރުވެ، މުސްލިމުންނާ މެދު ޝައްކުގެ ނަޒަރަކުން ބަލަން ފެށުނެވެ. މިކަމުގެ ސަބަބުން މުސްލިމުން ސިޔާސީ ކަންކަމާ ދުރުވެ، އެކަހެރިވުމުގެ ބަދަލުގައި، ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މުސްލިމް މުޖުތަމައުން ގަބޫލުކުރީ އެމީހުންގެ ހައްގުތައް ހިމާޔަތްކުރެވޭނީ ސިޔާސީ ނިޒާމުގެ ތެރެއަށް ވަދެ، ގާނޫނުހަދާ މަޖިލިސްތަކުން ޖާގަ ހޯދައިގެން ކަމަށެވެ. އެގޮތުން، 2006 ވަނަ އަހަރު ކީތު އެލިސަން އެމެރިކާގެ ތާރީހުގައި ފުރަތަމަ މުސްލިމް ކޮންގްރެސް މެންބަރުގެ ގޮތުގައި އިންތިހާބުވުން ވެގެންދިޔައީ މި ދަތުރުގެ ފެށުމަކަށެވެ. ކީތު ކޮންގްރެސްގެ ހުވާކުރެއްވީ ކީރިތި ޤުރުއާނުގައި އަތްއަޅުއްވައިގެންނެވެ. މިއީ އެމެރިކާގެ ސިޔާސީ ތާރީހުގައި ރަން އަކުރުން ފެވިގެންދިޔަ ވަރަށް މުހިއްމު ތާރީހީ ހާދިސާއެކެވެ.
ގާނޫނުހަދާ މަޖިލިސްތަކުގެ ކާމިޔާބީ
އެމެރިކާގެ ފެޑެރަލް ނުވަތަ މަރުކަޒީ ސަރުކާރުގެ އެންމެ މަތީ ގާނޫނުހަދާ މަޖިލިސް ކަމަށްވާ ޔޫއެސް ކޮންގްރެސްއިން މުސްލިމުން އިންތިހާބުން އޮތީ މުސްތަހީލު ނުވަތަ ނާދިރު ކަމެއްގެ ގޮތުގައެވެ. އެއީ، އެމެރިކާގެ ކޮންގްރެސްއަށް މުސްލިމުން އިންތިހާބުވުމަކީ ގައުމީ ސިޔާސަތުތަކަށް ސީދާ ބަސްބުނުމުގެ ފުރުސަތު މުސްލިމް މުޖުތަމައަށް ލިބިގެންދާނެ ކަމަކަށް ވާތީވެސް އެކުގައެވެ. ކީތު އެލިސަނަށްފަހު އިންޑިއާނާ ސްޓޭޓުން އަންދްރޭ ކާސަން ކޮންގްރެސްއަށް އިންތިހާބުވެ ވަޑައިގަތެވެ. ނަމަވެސް، އެމެރިކާގެ ބަރުލަމާނީ ހަޔާތަށް އެންމެބޮޑު އެންމެ އިންގިލާބެއް އައީ 2018 ވަނަ އަހަރުގެ މިޑްޓާމް އިންތިހާބުގައެވެ. އެ އަހަރު އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުސްލިމް އަންހެން ބޭފުޅުން ކޮންގްރެސްގެ ގޮނޑިތައް ކާމިޔާބު ކުރެއްވިއެވެ. އެއީ މިނެސޯޓާ ސްޓޭޓުން އިންތިހާބު ކާމިޔާބު ކުރެއްވި ސޯމާލިއާ ދަރިކޮޅުގެ އިލްހާން އުމަރާއި، މިޗިގަން ސްޓޭޓުން ހޮވިވަޑައިގެން ފަލަސްތީނު ދަރިކޮޅުގެ ރާޝިދާ ތަލީބެވެ.
އިލްހާން އުމަރާއި ރާޝިދާ ތަލީބް ކޮންގްރެސްއަށް ހޮވިވަޑައިގަތުމާއެކު އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ސަގާފަތަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެގޮތުން، ކޮންގްރެސްގެ ތަޅުމުގައި ބޯނިވާކޮށްގެން ނުވަތަ ބުރުގާ އަޅައިގެން އިނުން މަނާކުރާ 181 އަހަރުވީ ގަވާއިދު ބަދަލުކުރަން މަޖުބޫރުވިއެވެ. އަދި މިއާއެކު އިލްހާން އުމަރަށް ހިޖާބާއެކު ކޮންގްރެސްގައި މަސައްކަތް ކުރެއްވުމުގެ ހުއްދަ ލިބިގެންދިޔައެވެ. މިއަދާ ހަމައަށްވެސް އިލްހާން އުމަރާއި، ރާޝިދާ ތަލީބާއި މި ދެބޭފުޅުން ދަނީ ބޮޑއަގުލަބިއްޔަތަކުން ނި ބޭފުޅުންގެ ގޮނޑިތައް ދިފާއުކުރައްވަމުންނެވެ. އަދި ކެލިފޯނިއާ ފަދަ ބޮޑެތި ސްޓޭޓްތަކުން ލަތީފާ ސައިމަން ފަދަ މުސްލިމު އާ މޫނުތައް ވަނީ ކޮންގްރެސްގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މިއިން ދޭހަކޮށްދެނީ އެމެރިކާގެ ބޮޑެތި މޭޖަރ ޕާޓީތަކުގެ ނޮމިނޭޝަންތައް ހޯދުމުގެ ގާބިލުކަން މުސްލިމް ސިޔާސީ ބޭފުޅުންގެ ކިބައިގައި މިހާރު އެބަހުރިކަމެވެ.
ފާހަގަކޮށްލެވޭ މުސްލިމް ލީޑަރުން
އެމެރިކާގެ ސިޔާސީ މަސްރަހު ބަދަލުކޮށްލުމުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންގެ ތެރޭގައި؛
ކީތު އެލިސަން (Keith Ellison): ކީތު އެލިސަން އަކީ އެމެރިކާގެ ތާރީހުގައި ޔޫއެސް ކޮންގްރެސްއަށް ހޮވިވަޑައިގަތް ފުރަތަމަ މުސްލިމް މެންބަރެވެ. 2006 ވަނަ އަހަރު މިނެސޯޓާ ސްޓޭޓް ތަމްސީލުކުރެއްވި ކީތު އެލިސަން އަކީ ފަހުން އެ ސްޓޭޓްގެ އެޓާނީ ޖެނެރަލްގެ މަގާމަށްވެސް ހޮވިވަޑައިގެން ފުރަތަމަ މުސްލިމެވެ.
އިލްހާން އުމަރު (Ilhan Omar): ސޯމާލިއާގެ ދާހިލީ ހަނގުރާމައިން ސަލާމަތްވުމަށް ރެފިއުޖީއެއްގެ ގޮތުގައި އެމެރިކާއަށް ހިޖުރަކުރެއްވި އިލްހާން އުމަރަކީ ކޮންގްރެސްއަށް ހޮވިވަޑައިގެން ފުރަތަމަ މުސްލިމް އަންހެން ބޭފުޅުންގެ ތެރެއިން އެކެކެވެ.
ރާޝިދާ ތަލީބް (Rashida Tlaib): ފަލަސްތީނުގެ ހިޖުރަވެރި އާއިލާއަކަށް އުފަންވެ ވަޑައިގެންނެވި ރާޝިދާ ތަލީބަކީ ކޮންގްރެސްއަށް ހޮވުނު ފަލަސްތީނު ދަރިކޮޅުގެ ފުރަތަމަ އަންހެން ބޭފުޅާއެވެ. ރާޝިދާ ތަލީބު ވަނީ މަސައްކަތްތެރިންގެ ހައްގުތަކަށާއި ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި އެންމެ އިސް އަޑަށް ވެފައެވެ.
އަބްދުالله ހައްމޫދު (Abdullah Hammoud): އަބްދުﷲ ހައްމޫދަކީ އެމެރިކާގައި މުސްލިމް އާބާދީ އެންމެ ބޮޑު އެއް ޝަހަރު ކަމަށްވާ މިޗިގަންގެ ޑިއަރބޯން ސިޓީގެ މޭޔަރެވެ. ހައްމޫދަކީ އެ ސިޓީގެ 90 އަހަރުވީ ތާރީހުގައި ހޮވިވަޑައިގަތް ފުރަތަމަ އަރަބި-މުސްލިމް މޭޔަރެވެ.
ގަޒާލާ ހާޝިމީ (Ghazala Hashmi): އިންޑިއާއަށް އުފަން ގަޒާލާ ހާޝިމީއަކީ އަކީ ވާޖިނިއާ ސްޓޭޓްގެ ސެނެޓަށް ހޮވިވަޑައިގެން ފުރަތަމަ މުސްލިމް މެންބަރެވެ. އޭނާ ވަނީ ސްޓޭޓް ފެންވަރުގައި ބަޑީގެ އަނިޔާވެރިކަން ހުއްޓުވުމަށާއި އާންމު ތއައުލީމު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ސްޓޭޓް އަދި ލޯކަލް ގަވަރމަންޓުގެ ކާމިޔާބީތައް
މުސްލިމުންގެ ސިޔާސީ ބާރުވެރިކަން ފެޑަރަލް ނުވަތަ މަރުކަޒީ ފެންވަރަށްވުރެ ބޮޑަށް ފެނިގެންދަނީ އެމެރިކާގެ ސްޓޭޓްތަކުގެ ގާނޫނުހަދާ މަޖިލިސްތަކާއި ލޯކަލް ސަރުކާރުތަކުންނެވެ. އެމެރިކާގެ ސިޔާސީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ރައްޔިތުންގެ އާންމު ދިރިއުޅުމާ އެންމެ ގާތުން ގުޅިފައިވަނީ ސްޓޭޓް އަދި ސިޓީ ފެންވަރުގެ ނިންމުންތަކެވެ. މި ދާއިރާއިން މުސްލިމުން ދަނީ ރެކޯޑް އަދަދުތަކުން ކުރިއެރުން ހޯދަމުންނެވެ. 'ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (CAIR) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާގެ އެކި ސްޓޭޓްތަކުގެ ލޯކަލް މަގާމުތަކުގައި 250 އަށްވުރެ ގިނަ މުސްލިމް އޮފިޝަލުން އެބަތިއްބެވިއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 43% އަކީ މުސްލިމް އަންހެނުންނެވެ.
ލޯކަލް ސަރުކާރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ ނިއުޔޯކް ސިޓީގެ ގާނޫނުހަދާ މަޖިލީހު (New York State Assembly) ގައި މުސްލިމް ލީޑަރެއް ކަމަށްވާ ޒޮހްރާން މަމްދާނީ (Zohran Mamdani) ހޯއްދަވާފައިވާ ތާރީހީ ކާމިޔާބީތަކެވެ. 2020 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވައި ނިއުޔޯކުގެ ގާނޫނުހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވުމާއެކު މަމްދާނީ ވެގެން ގޮސްފައިވަނީ އެ ސިޓީގެ ތާރީހުގައި ނިއުޔޯކުގެ ސިޓީގެ ގާނޫނުހަދާ މަޖިލީހަށް އިންތިހާބުވި ފުރަތަމަ އޭޝިޔާ ދަރިކޮޅުގެ އަދި މުސްލިމުންގެ ތެރެއިން އެއްބޭފުޅަކަށެވެ. މަމްދާނީ ވަނީ ނި ޔޯކްގެ ފަގީރުންނާއި، ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ގެދޮރުގެ ކުލިބޮޑުވުމުގެ މައްސަލަތަކަށް ވަކާލާތު ކުރައްވައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައެވެ. އަދި މަމްދާނީ ނިއުޔޯކު ސިޓީގެ މޭޔަރުކަމުގެ މަގާމަށް 2025 ވަނަ އަހަރު ވާދަކުރައްވައި ހޯއްދެވި ކާމިޔާބާއި، ސިޔާސީ ކުރިއެރުމަކީ އެމެރިކާގެ އެންމެ ނުފޫޒޫގަދަ ސިޓީގައި މުސްލިމުންގެ އަޑު ސިޔާސީ ނިންމުން ތަކުގެ ތެރެއަށް ވެއްދުމަށް ލިބިގެންދިޔަ ހިއްވަރެކެވެ. އަދި އަބްދުالله ހައްމޫދުގެ ކާމިޔާބީއާއެކު މިޗިގަންގެ ޑިއަރބޯން ސިޓީގެ ކައުންސިލްގެ އަގުލަބިއްޔަތަކީ ވެސް މިހާރު މުސްލިމުންނެވެ. މީގެ އިތުރުން ސިޓީ ސްކޫލުތަކުގެ ބޯޑުތަކުގައި މަސައްކަތްކުރާ ހަތަރުބައިކުޅަ އެއްބައި މީހުންނަކީ މުސްލިމުންނެވެ. މިއީ ވަރަށް މުހިންމު ކާމިޔާބީއެކެވެ. ސަބަބަކީ ސްކޫލް ބޯޑުތަކުގެ ޒަރީއާއިން މުސްލިމް ކުދިންގެ ދީނީ އަދި ސަގާފީ ހައްގުތައް ހިމާޔަތްކުރުމުގެ ފުރުސަތު ލިބުމަށް މަގުފަހިވެގެން ދިޔުމެވެ. އެގޮތުން ގިނަ ސިޓީތަކެއްގެ ސަރުކާރު ސްކޫލްތަކުގައި އީދު ބަންދު ދިނުމާއި، ކެންޓީންތަކުގައި ހަލާލު ކާނާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ ކަންކަން ވަނީ މިފަދަ ލޯކަލް އިންތިހާބުތަކުގެ ކާމިޔާބީތަކުގެ ސަބަބުން ހާސިލްވެފައެވެ.
ޝަރުއީ ދާއިރާއާއި ސިޔާސީ ނުފޫޒު
ސިޔާސީ ގޮތުން ގާނޫނުހަދާ މަޖިލިސްތަކާއި ވެރިކަން ހިންގާ ބާރުގެ އިތުރުން، އެމެރިކާގެ ތިންވަނަ ބާރު ކަމަށްވާ ޝަރުއީ ދާއިރާ (Judiciary) ގައިވެސް މުސްލިމުން ދަނީ ތާރީހީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެމެރިކާގެ ގާނޫނީ ނިޒާމުގެ ތެރޭގައި މުސްލިމް ފަނޑިޔާރުން ތިއްބެވުމަކީ ގާނޫނު އަސާސީގެ ދަށުން އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު އިންސާފުލިބުމަށް މަގުފަހިވާ ކަމެކެވެ. އެމެރިކާގެ އެކި ސްޓޭޓްތަކުގެ ކޯޓުތަކުގައި 18 އަށްވުރެ ގިނަ މުސްލިމް ފަނޑިޔާރުން މިހާރު ދަނީ ހިދުމަތް ކުރައްވަމުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ، އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފެޑެރަލް ކޯޓެއްގެ ފަނޑިޔާރުކަމަށް މުސްލިމް ބޭފުޅެއް ކަމަށްވާ ޒާހިދު ގުރައިޝީ އައްޔަންކުރެވިގެން ދިޔުމެވެ. އަދި ނުސްރަތު ޗައުދަރީ ފަދަ މުސްލިމް އަންހެން ފަނޑިޔާރުން ވަނީ ފެޑެރަލް ކޯޓުތަކުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވިފައެވެ.
މުސްލިމުންގެ މިފަދަ ކާމިޔާބީތަކުގެ ސަބަބުން އެމެރިކާގެ ހާރިޖީ ސިޔާސަތަށް (Foreign Policy) ކުރާ އަސަރު ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. މިއަދު ކޮންގްރެސްގެ ތެރޭގައާއި ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިއްބެވި މުސްލިމް ލީޑަރުން ދަނީ އެމެރިކާގެ ސިޔާސަތުތަކަށް ސީދާ ގޮތުން ގޮންޖައްސަވަމުންނެވެ. ހާއްސަކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި، ގައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި އެމެރިކާއިން އިސްރާއީލަށް ދޭ މާލީ އަދި އަސްކަރީ އެހީތަކާ ދެކޮޅަށް ރާޝިދާ ތަލީބާއި، އިލްހާން އުމަރު ފަދަ ބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ކަންކަމެވެ. މުސްލިމުންގެ ސިޔާސީ ލޮބީ ގްރޫޕްތައް ކަމަށްވާ އެމްގޭޖް (Emgage) ފަދަ ޖަމްއިއްޔާތަކުން ދަނީ ބޮޑެތި އިންތިހާބުތަކުގައި ނުފޫޒުގަދަ ދައުރެއް އަދާކުރަމުންނެވެ.
ގޮންޖެހުންތަކާއި ކުރިމަގު
އެމެރިކާގެ މުސްލިމުން ހޯދަމުންދާ ސިޔާސީ ކާމިޔާބީތައް ގިނަ ނަމަވެސް، މި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. މުސްލިމް ސިޔާސީ ފަރާތްތަކަށް އަދިވެސް ކުރިމަތިވާ އެންމެ ބޮޑަށް ގޮންޖެހުމަކީ މީހުންގެ ސިކުނޑީގައި ނުފިލާ ހުރި އިސްލާމޯފޯބިއާ (Islamophobia) އެވެ. ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ފަރާތްތަކާއި، މީޑިއާތަކުން އަބަދުވެސް ދަނީ ކޮންގްރެސްއަށް އިންތިހާބުވާ މުސްލިމް މެންބަރުންގެ ބޮލުގައި އެމެރިކާއަށް ގައްދާރުވުމުގެ ތުހުމަތާއި، ހަރުކަށި ފިކުރަށް ތާއީދުކުރާ ކަމުގެ ދޮގު އިލްޒާމްތައް އަޅުވަމުންނެވެ. އިލްހާން އުމަރާއި، ރާޝިދާ ތަލީބަށް އަމާޒުކޮށް އަންނަ މަރުގެ އިންޒާރުތަކާއި، ނަސްލީ ދެކޮޅުވެރިކަމުގެ ހަމަލާތަކަކީ މީގެ ހެއްކެކެވެ.
ނަމަވެސް، ކުރިމަގަށް ބަލާއިރު އެމެރިކާގެ މުސްލިމުންގެ ސިޔާސީ މިސްރާބުހުރީ ވަރަށް އުއްމީދީ ގޮތެއްގައެވެ. އަދި މިއާއެކު މުސްލިމުންގެ ޒުވާން އާ ޖީލެއް ސިޔާސީ ދާއިރާއަށް ނިކުތުމަށް ދަނީ ތައްޔާރުވަމުންނެވެ. އެމީހުންނަކީ އެމެރިކާގެ މުޖުތަމައަށް ހޭނިފައިވާ، ގާނޫނީ އަދި ސިޔާސީ ނިޒާމަށް ލޯހުޅުވިފައިވާ ބައެކެވެ. މުސްލިމުންގެ ސިޔާސީ ސްޓްރެޓެޖީ މިހާރު ބަދަލުވަމުންދަނީ 'ދިފާއީ' މަސައްކަތްތަކުން، 'އިސްނެގުމުގެ' މަސައްކަތްތަކަށެވެ. މީގެ މާނައަކީ ތިމާވެށީގެ މައްސަލަތަކާއި، އިގްތިސާދީ ހަމަހަމަކަމާއި، އެންމެންނަށް ލިބޭ ސިއްހީ ފަރުވާ ފަދަ މުޅި އެމެރިކާގެ ރައްޔިތުންނަށް މުހިންމު ކަންކަމުގައި މުސްލިމް ލީޑަރުން އިސްދައުރެއް އަދާކުރުމެވެ.
އެމެރިކާގެ ސިޔާސީ މައިދާނުގައި މުސްލިމުން ހޯދަމުންދާ ކާމިޔާބީ ތަކަކީ ބުރަ މަސައްކަތާއި، ކެތްތެރިކަމުގެ ނަތީޖާއެވެ. ބާކީކޮށްލެވިފައި އޮތް މުޖުތަމައަކުން، ގައުމުގެ އެންމެ މަތީ ފަންތީގެ ނިންމުންތައް ނިންމާ ބާރަކަށް މުސްލިމުން ވަނީ ބަދަލުވެފައެވެ. ގާނޫނުހަދާ މަރުކަޒީ މަޖިލިސް ނުވަތަ ފެޑެރަލް ކޮންގްރެސްއިން ފެށިގެން ސިޓީ ކައުންސިލްތަކާއި ޝަރުއީ ކޯޓުތަކާ ހަމައަށް މުސްލިމުންގެ ނުފޫޒު ގަދަވަމުންދިއުމަކީ، އެމެރިކާގެ ޑިމޮކްރެސީގެ ތާރީހުގައި އައި އެންމެ ބޮޑު އެއް ބަދަލެވެ. ކުރިއަށް އޮތް ތަނުގައިވެސް އެމެރިކާގެ ސިޔާސީ ޗާޓު ކުރަހަމުންދާނީ މުސްލިމުންގެ ބައިވެރިވުމާއި، ބަސްވިކުމާ އެކުގައެވެ.




