އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގެ އޯވަލް އޮފީހުގައި.---
ވައިޓް ހައުސްއަށް ވަނުން މަނާކުރި މީޑިއާތަކަށް ފުރުސަތު ދިނުމަށް ކޯޓުން އަމުރުކޮށްފި
ފިޔެސް 24 ސެޕްޓެމްބަރ 2026 (ބުރާސްފަތި)   19:10
އެމެރިކާގެ ވައިޓް ހައުސްގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަނުން މަނާކުރި ސީއެންއެން، އެމްއެސްނައު އަދި ޕޮލިޓިކޯ އަށް ވައިޓް ހައުސް އަށް ވަނުމުގެ ފުރުސަތު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި އެވެ.

ވައިޓް ހައުސްއަށް ވަނުން މަނާކުރި ނޫސްވެރިންގެ ފާސްތައް ބާތިލުކުރީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިޖުރާއީ ހަމަތަކުގެ ބޭރުން ކަމަށް ފެޑަރަލް ފަނޑިޔާރު ވިދާޅުވި. ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ސަރުކާރުން ދެއްކި އުޒުރުތަކަށް އެކަށީގެންވާ ހެކި ހުށަހެޅިފައި ނުވާތީ، އެ ނޫސްވެރިންނަށް އަލުން ހުއްދަ ދިނުމަށް ކޯޓުން ވަނީ 14 ދުވަހުގެ ވަގުތީ އަމުރެއް ނެރެފައި

ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ މީޑިއާތަކުގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އަމުރު ނެރުއްވީ ފެޑަރަލް ފަނޑިޔާރު ޓިމޮތީ ކެލީ އެވެ. އެ އަމުރު ނެރެފައިވަނީ 14 ދުވަހުގެ މުއްދަތަށެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނެރުއްވި މި ހުކުމުގައި ފަނޑިޔާރު ކެލީ ވިދާޅުވީ، ނޫސްވެރިންގެ ފާސްތައް ބާތިލުކޮށްފައިވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ "އަދުލުވެރި އިޖުރާއީ ހަމަތަކުގެ" ބޭރުން ކަމަށެވެ.

މީގެ އިތުރުން، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ސަރުކާރުން ދެއްކި އުޒުރުތަކަށް ބާރުދޭ އެކަށީގެންވާ ހެކިތަކެއް ހުށަހެޅިފައި ނުވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވެފައިވާގޮތުގައި އެމެރިކާގެ ރައީސާއި، އެމެރިކާގެ ސަރުކާރާއި، އަދި އެމެރިކާއާ ގުޅޭގޮތުން ހަބަރު ފަތުރާއިރު، މީޑިއާތަކުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް މެދުނުކެނޑި ފެތުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އަދި ދޮގު ހަބަރު ފަތުރާ އެހެން މީޑިއާތަކާ މެދުވެސް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރުވެސް ކުރިން ޓްރަމްޕް ދެއްވާފައި ވެއެވެ.

ނޫސްވެރިންނަށް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުގައި ޓްރަމްޕާއި އޭނާގެ ވަކީލުން ވިދާޅުވެފައިވަނީ އެ މީޑިއާތަކުން މީގެ ކުރިން ގެނެސްދީފައިވާ ރިޕޯޓުތަކުގައި ސަރުކާރާ ދެކޮޅަށް ދޮގު ހަބަރު ފަތުރާ ފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށެވެ.

މިއާއެކު އެ ތިން މީޑިއާއިން ވެސް ވަނީ އެކަން މަނާ ކުރުން ހުއްޓާލުމަށް ނުވަތަ މުޅިން ބްލޮކް ކުރުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެ މީޑިއާތަކުގެ ވަކީލް ވިދާޅުވީ އެ މަނާ ކުރުމަކީ ކޯޓު ނިންމުންތަކާ ހިލާފު ކަމެއް ކަމަށާއި ޑިއު ޕްރޮސެސް ރޫލްސް އާ ހިލާފު ކަމަށެވެ.

ފަނޑިޔާރު ކެލީގެ ހުކުމުގައި ލިޔުއްވާފައިވަނީ، މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ހުރި އެއްވެސް ލިޔެކިޔުމަކުން، ނޫސްވެރިންގެ ދާއިމީ ފާސްތައް އަތުލާފައިވަނީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކާ ގުޅިގެންކަން އެނގެން ނެތް ކަމަށެވެ. އަދި މި ނޫސް އިދާރާތައް ވައިޓް ހައުސްއިން "ބޭން" ކުރިކަން އިއުލާނު ކުރެއްވިއިރު، ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައިވެސް އެކަމަށް އިޝާރާތް ކުރައްވާފައި ނުވާ ކަމަށާއި، އޭގެ ބަދަލުގައި އެމަނިކުފާނު ބޮޑަށް ފާހަގަކުރެއްވީ އެ މީޑިއާތަކުން ގެނެސްދޭ ހަބަރުތަކުގެ ތެދުވެރިކަމެއް ނެތް ކަމަށާއި އެއީ ނެގެޓިވް ރިޕޯޓުތަކެއް ކަމަށް ވިދާޅުވެފައިވާ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ފަނޑިޔާރު ވިދާޅުވީ، މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު ސަރުކާރުން ދައްކާފައިވާ ސަބަބުތަކުގައިވެސް ފުށުއެރުންތަކެއް ހުރި ކަމަށެވެ. ސަރުކާރުގެ ފަރާތުން މީޑިއާ އިދާރާތަކަށް ފޮނުވި ސިޓީތަކުގައި ގައުމީ ސަލާމަތުގެ ވާހަކަ އޮތް ނަމަވެސް، އެ ސިޓީތަކުގައި ބުނެފައިވަނީ އެ ނޫސްތަކުން ގެނެސްދީފައިވަނީ "ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނުވަތަ ދޮގު މައުލޫމާތު ހިމެނޭ" ރިޕޯޓުތަކެއް ކަމަށެވެ. އެހެންކަމުން، މިއީ ހަމައެކަނި ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ ނިންމި ނިންމުމަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

އަދުލުވެރި އިޖުރާއީ ހަމަތަކަށް ބަލާއިރު، ނޫސްވެރިންގެ ފާސްތައް އަތުލުމުގެ ކުރިން، އެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތެއް ޓްރަމްޕްގެ ސަރުކާރުން ދީފައި ނުވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު ކެލީގެ ހުކުމުގައި ކުރީގެ ގާނޫނީ ނިންމުންތަކާ ހަވާލާދީ ލިޔުއްވާފައިވަނީ، އާންމު އުސޫލަކީ ގާނޫނުއަސާސީން ރައްކާތެރިކަން ލިބިދީފައިވާ ހައްގަކުން މީހަކު މަހުރޫމް ކުރުމުގެ ކުރިން، އެމީހަކަށް އެކަމުގެ ނޯޓިސް ދީ، ޖަވާބުދާރީވުމުގެ ފުރުސަތު ސަރުކާރުން ދޭންޖެހޭނެ ކަމަށެވެ.

ކޮމެންޓް