ޝަރީއަތުގައި ހެކިބަސް ނެގުމުގެ އުސޫލުތަކަކީ އަދުލުއިންސާފުގެ ތިލަފަތް ހަމަހަމަކަން ހިފެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި އުސޫލުތަކެއް.--
ހެކިބަސް ނެގުމުގެ އުސޫލުތައް
މުހައްމަދު ހަލީމް 6 ސެޕްޓެމްބަރ 2026 (އާދީއްތަ)   09:18
އަދުލުއިންސާފު ގާއިމުކުރުމަކީ ކޮންމެ މުޖުތަމައެއްގެވެސް ދެމިއޮތުމުގެ އަސާސެވެ. ޝަރީއަތުގެ މަޖިލީހެއްގައި ހަގީގަތާ ހަމައަށް ވާސިލުވުމަށްޓަކައި ބޭނުންކުރެވޭ އެންމެ މުހިންމު އަދި އެންމެ ދުވަސްވީ ވަސީލަތަކީ ހެކިބަހެވެ. ހެކިބަސް ނެގުމުގެ ނިޒާމު ބައްޓަންވެފައިވާ ގޮތަކީ ކުށް ސާބިތުކުރެވޭ މިންގަނޑާއި، ކުށެއް ނެތް މީހާ ސަލާމަތްވުމުގެ ފުރުސަތު ކަނޑައަޅައިދޭ މައިގަނޑު ތަނބެވެ.

އިސްލާމީ ފިގުހުގައި ހެކިބަސް ނެގުމުގެ އުސޫލުތައް
އިސްލާމީ ޝަރީއަތަކީ ހައްގުތައްކާތެރިކުރުމަށާއި އަދުލުވެރިކަން ދެމެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅާ ނިޒާމެވެ. ކީރިތި ގުރުއާނާއި ކައު އިތުރު ރަސޫލާ ﷺ ގެ ސުންނަތުން ހެކިބަސް ދިނުމާއި ހެކިބަސް ނެގުމުގެ ހަރުދަނާ އަސާސްތަކެއް ވަނީ ކަނޑައަޅުއްވައިފައެވެ.

ހެކިބަސް ދިނުމުގެ ޝަރުއީ ހުކުމް
އިސްލާމްދީނުގައި ހެކިބަސް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީހެއްގެ ހައްގެއް ނުވަތަ މުޖުތަމައުގެ މަސްލަހަތެއް ހިމާޔަތްކުރުމަށް ހެކިބަސް ދޭންޖެހިއްޖެ ހިނދެއްގައި، އެކަން ސިއްރުކުރުމަކީ ފާފައެކެވެ. ކީރިތި ގުރުއާނުގެ ބަޤަރާ ސޫރަތުގެ 283 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَلَا تَكْتُمُوا الشَّهَادَةَ  وَمَن يَكْتُمُهَا فَإِنَّهُ آثِمٌ قَلْبُهُ' މި އާޔަތުގެ މަފުހޫމަކީ، އަދި ތިޔަބައިމީހުން ހެކިބަސް ސިއްރު ނުކުރާށެވެ! އަދި އެ ހެކިބަސް ސިއްރުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ ހިތަކީ ފާފަވެރި ހިތެކެވެ.

ކައު އިތުރު ރަސޫލާ ﷺ ވަނީ ހެކިބަސް ދިނުމުގެ ތެދުވެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި، ދޮގުހެކި ދިނުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެއްކަން ބަޔާންކޮށްދެއްވާފައެވެ. ސަހީހުލްބުހާރީގައި ރިވާވެގެންވާ ހަދީސެއްގެ މަފުހޫމުގައި ވެއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބޮޑެތި ފާފަތަކުގެ ތެރެއިންވެސް އެންމެ ބޮޑު ފާފަ ބަޔާންކޮށްދެއްވަންތޯއެވެ؟ ސަހާބީން ދެންނެވިއެވެ. އާދޭހެވެ! މާތްﷲ ގެ ރަސޫލާއެވެ! ދެން ރަސޫލާ ހަދީސްކުރެއްވިއެވެ. މާތްﷲ އަށް ޝިރުކުކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ. އަދި އެއަށްފަހު ހަދީސް ކުރެއްވިއެވެ. ދަންނާށެވެ! އަދި ދޮގު ވާހަކަ ދެއްކުމާއި ދޮގުހެކި ދިނުމެވެ.

އިސްލާމީ ތާރީހުގައި އަލީގެފާނުގެ ހިލާފަތުގައި ހިނގި މަޝްހޫރު ހާދިސާއެއްގައި، އެކަލޭގެފާނުގެ އަތްޕުޅުން ގެއްލުނު ދަގަނޑު ހެދުމެއް ޔަހޫދީއެއްގެ އަތުން ފެނިގެން ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. ގާޒީ ޝުރައިހު މައްސަލަ ބެއްލެވިއިރު، އަލީގެފާނުގެ ފަރާތްޕުޅުން ހެކިވެރިންގެ ގޮތުގައި ހުށަހެޅުއްވީ އެކަލޭގެފާނުގެ އަޅެއްގެ އިތުރުން ދަރިކަލުން ހަސަނުގެފާނެވެ. ގާޒީ ޝުރައިހު ނިންމެވީ ބައްޕައަށް ފަހިވާގޮތަށް ދަރިއަކު ދޭ ހެކިބަސް އިސްލާމީ ފިގުހުގައި ގަބޫލުނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ހެކި މަދުވުމުގެ ސަބަބުން އޭރުގެ ދައުލަތުގެ ވެރިޔާ (ހަލީފާ) އާ ދެކޮޅަށް، ޔަހޫދީ މީހާއަށް ފަހިވާގޮތަށް ގާޒީ ހުކުމް ކުރެއްވިއެވެ. މިއިން އެނގެނީ މަސްލަހަތުން އެއްކިބާވުމުގެ އުސޫލު އިސްލާމީ ފިގުހުގައި އޮތް ހަރުދަނާ މިންވަރެވެ.

ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް
ޒަމާނީ ބައިނަލްއަގުވާމީ ޤާނޫނީ ނިޒާމުތަކުގައި، ހެކިބަސް ނެގުން ބައްޓަންވެފައިވަނީ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށެވެ. މީގެ ތެރޭގައި 'އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (ICCPR)  14 ވަނަ މާއްދާ ހިމެނެއެވެ. އަދި؛

(ހ) އަދުލުވެރި އަޑުއެހުމެއްގެ ހައްގު (Right to a Fair Trial): ކްރޮސް އެގްޒެމިނޭޝަން   ސުވާލުކުރުން (Cross-examination) ދައުވާލިބޭ ފަރާތަށް، އޭނާޔާ ދެކޮޅަށް ހެކިބަސްދޭ މީހާޔާ ސީދާ ސުވާލުކޮށް، އެ ހެކިބަހުގެ ސައްހަކަމާމެދު ސުވާލު އުފައްދައި ގޮންޖެހުމުގެ ފުރިހަމަ ހައްގުލިބިގެންވެއެވެ.

(ށ) އަމިއްލަ ނަފްސާ ދެކޮޅަށް ހެކިބަސް ނުދިނު  (Nemo tenetur seipsum accusare):  ކުށެއްގެ ތުހުމަތުގައިވާ މީހާ، އޭނާ އަމިއްލައަށް ކުށަށް އިއުތިރާފުވުމަށް މަޖުބޫރުކޮށްގެން ހެކިބަސް ނަގައިގެން ނުވާނެއެވެ.

ބައިނަލްއަގުވާމީ ކޯޓުތަކުގެ ބައެއް މަޝްހޫރު ނިންމުންތައް
(ހ) އެމެރިކާގެ ދުސްތޫރީ ގާނޫނުގައި، ދައުވާލިބޭ ފަރާތާ ދެކޮޅަށް ހެކިބަސްދޭ މީހާއާ ކުރިމަތިލުމުގެ ހައްގު (Confrontation Clause)  ކަށަވަރުކޮށްދެއެވެ. މިކަމާ ގުޅޭ އެންމެ މަޝްހޫރު އެއް މައްސަލައަކީ އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމި Crawford v. Washington އެވެ. މި މައްސަލާގައި ކޯޓަށް ހާޒިރުނުވާ ހެކިވެރިޔަކު (ދައުވާލިބޭ ފަރާތުގެ އަނބިމީހާ) ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން، ޝަރީއަތުގެ މަޖިލީހަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓުން ނިންމީ، ޝަރީއަތުގެ ކުރިން ދީފައިވާ އެފަދަ ބަޔާންތައް (Testimonial Statements) ހެކީގެ ގޮތުގައި ބޭނުންކުރެވޭނީ، ހެކިވެރިޔާ ކޯޓަށް ހާޒިރުނުކުރެވޭ ފަދަ މަގުބޫލު ސަބަބެއް އޮވެފައި، އަދި ޝަރީއަތުގެ ކުރިން ދިފާއީ ފަރާތަށް އޭނާޔާ ކްރޮސް ސުވާލުކުރުމުގެ ފުރުސަތު ހަމައެކަނި ލިބިފައިވާނަމައެވެ.

(ށ) ނިއުޒީލޭންޑުގެ ނިޒާމަކީ ހެކިންގެ ރައްކާތެރިކަމާއި (Witness Protection) ކާކުކަން ސިއްރުކުރުމުގެ އުސޫލުތައް ހަރުދަނާކޮށްފައިވާ ނިޒާމެކެވެ. ނިއުޒީލޭންޑުގެ މަޝްހޫރު R v Radich މައްސަލައަކީ ހެކިބަސް ދޭ މީހުންނަށް ބިރުދެއްކުމުގެ ވެށި އޮންނަ ހާލަތްތަކުގައި، ހެކިން ހިމާޔަތްކުރުމުގެ މުހިންމުކަން ބަޔާންކޮށްދިން އަސާސީ މައްސަލައެކެވެ. މީގެ އިތުރުން ނިއުޒީލޭންޑުގެ ހެކީގެ ގާނޫނު (Evidence Act 2006) ގެ ދަށުން، ކުޑަކުދިންނާއި އަނިޔާލިބޭ ހާއްސަ ފަރާތްތަކުގެ ހެކިބަސް ނަގާއިރު، ސްކްރީންގެ ފުރަގަހުގައި ހުރެގެން ނުވަތަ ސީސީޓީވީ މެދުވެރިކޮށް ހެކިބަސް ދިނުން ހުއްދަކުރެއެވެ.

(ނ) ޔުނައިޓެޑް އަރަބި އެމިރޭޓުސްގެ ފެޑެރަލް ސުޕްރީމް ކޯޓުގެ ނަންބަރު 422/2004 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ޖިނާއީ ބޮޑު މައްސަލައެއްގައި ހެކިވެރިޔަކު ތަހުގީގު މަރުހަލާގައި ދީފައިވާ ބަޔާނަކަށް އެކަނި ބުރަވެ، ޝަރީއަތުގެ މަޖިލީހަށް އޭނާ ހާޒިރުކޮށް ކްރޮސް ސުވާލުކުރުމުގެ ފުރުސަތު ދައުވާލިބޭ ފަރާތަށް ނުދީ ކުށް ސާބިތުކުރުމުން ހުށަހެޅުނު މައްސަލައެކެވެ. އެމިރޭޓުސްގެ ފެޑެރަލް ސުޕްރީމް ކޯޓުން ނިންމީ، ތަހުގީގު މަރުހަލާގައި ދޭ ބަޔާނަކީ އެއަށް އެކަނި ބުރަވެގެން ކުށް ސާބިތުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ، ފަނޑިޔާރުގެ ކުރިމަތީގައި ސީދާ އަނގަބަހުން ހެކިބަސް ދޭންޖެހޭނެއެވެ. އެ ފުރުސަތު ނުދީ، ހަމައެކަނި ލިޔެފައިވާ ބަޔާނަށް ބަލައިގެން ހުކުމް ކުރުމަކީ އިސްލާމީ ޝަރީއަތުގެ އަސާސެއް ކަމަށްވާ 'އަދުލުވެރިކަމާއި ދިފާއީ ހައްގު' އަށް އުނިކަން އަންނަ ބާތިލު އިޖުރާއާތެކެވެ.

(ރ) ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ނިންމި Al-Khawaja and Tahery v. United Kingdom (2011) މި މައްސަލާގައި ބަލާފައިވަނީ ހެކިވެރިޔާ މަރުވުން ނުވަތަ ބިރުގަތުމުގެ ސަބަބުން ކޯޓަށް ހާޒިރުނުކުރެވި، އޭނާ ކުރިން ދީފައިވާ ބަޔާން ޝަރީއަތަށް ހުށަހެޅުމުން 'ކްރޮސް ސުވާލުކުރުމުގެ ހައްގު' އަށް އުނިކަން އާދޭތޯއެވެ. ކޯޓުން ނިންމާފައިވަނީ މަގުބޫލު ސަބަބަކާ ހުރެ ހެކިވެރިޔާ ހާޒިރުނުކުރެވޭ ހާލަތްތަކުގައި އޭނާގެ ބަޔާން ހެކީގެ ގޮތުގައި ބޭނުންކުރުމަކީ އިންސާފުވެރި ޝަރީއަތެއްގެ ހައްގަށް އުނިކަން އަންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ ބަޔާނަކީ ކުށް ސާބިތުކުރުމަށް އޮތް ހަމައެކަނި ނުވަތަ އެންމެ މުހިންމު ހެކި ކަމުގައިވާނަމަ، ދިފާއީއަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ވަރުގަދަ އެހެން ގަރީނާތަކެއް ހުންނަންޖެހޭނެއެވެ.

ދިވެހިރާއްޖޭގައި ކަންއޮތްގޮތް
ދިވެހިރާއްޖޭގެ ގާނޫނީ އެވޭލާ ތާރީހަށް ބަލާއިރު، ހެކިބަސް ނެގުން ބިނާވެފައި އޮތީ ސީދާ އިސްލާމީ ފިގުހުގެ މައްޗަށެވެ. ނަމަވެސް، 2022 ގައި އަމަލުކުރަން ފެށި ގާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ގާނޫނު) އާއެކު ރާއްޖޭގެ ހެކިބަސް ނެގުމުގެ އުސޫލުތަކަށް ބޮޑު އިންގިލާބެއް ވަނީ އައިސްފައެވެ.

ހެކިބަސް ދިނުމުން އިސްތިސްނާވުން  (Privilege)
ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން، އަމިއްލަ ނަފްސާ ދެކޮޅަށް ހެކިބަސް ނުދިނުމުގެ ހައްގު ލިބިގެންވެއެވެ. އަދި ހެއްކާބެހޭ ގާނޫނުގެ ދަށުން ކައިވެނީގެ ގުޅުން އޮންނަ ފަރާތްތަކާއި، ގާނޫނީ ވަކީލާއި މުވައްކިލުގެ ދެމެދު ދެކެވޭ ވާހަކަތަކާއި، އަދި ނޫސްވެރިންގެ މަސްދަރު ސިއްރުކުރުމުގެ ހައްގު ގާނޫނުއަސާސީގެ 28 ވަނަ މާއްދާ ކަށަވަރުކޮށްދެއެވެ.

ސިއްރު ހެކިބަސް ނެގުމުގެ ބަހުސް
ރާއްޖޭގައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހެކިންނަށް ބިރުދެއްކުން ބޮޑުވުމުގެ ސަބަބުން ސިއްރު ހެކިބަސް ނެގުމުގެ އުސޫލު ވަރަށް ގިނައިން ބޭނުންކުރެއެވެ. މީގެ ތެރޭގައި ހެކިވެރިޔާގެ އަޑު ބަދަލުކުރުމާއި، ކޯޓުގެ ސްކްރީނެއްގެ ފުރަގަހުގައި ބަހައްޓައިގެން ހެކިބަސް ނެގުން ހިމެނެއެވެ. ހެއްކާބެހޭ އާ ގާނޫނުގައި ސިއްރު ހެކިބަސް ބޭނުންކުރެވޭނީ ހަރުކަށި ޝަރުތުތަކަކާ އެކު، އެނޫން ގޮތެއް ނެތް ހާލަތްތަކުގައި އެކަނި ކަމަށް ވަނީ ކަނޑައަޅާފައެވެ.

ހިއަސޭ އެވިޑެންސް (Hearsay Evidence)
ވާހަކައިގެ ހެކި ނުވަތަ ބުނި ބުންޏޭ ބުނާ ހެކި (Hearsay Evidence) އަކީ، ޝަރީއަތުގެ މަޖިލީހުން ބޭރުގައި މީހަކު ބުނެފައިވާ ބަހެއް ނުވަތަ ލިޔެފައިވާ ލިޔުމެއް، އެހެން މީހަކު މެދުވެރިކޮށް ކޯޓަށް ހުށަހަޅައި، އެ ބުނި ވާހަކައަކީ ތެދު ހަގީގަތެއްކަން ސާބިތުކުރުމަށް ބޭނުންކުރާ ދުރުހެކީގެ ބާވަތެކެވެ. އާންމު އުސޫލުން މިފަދަ ހެކި ކޯޓުތަކުން ބަލައެއް ނުގަނެއެވެ. ސަބަބަކީ އެ ވާހަކަ އަސްލު ދެއްކި މީހާ ނުވަތަ ބުނި މީހާ ކޯޓަށް ހާޒިރުނުވާތީ، އޭނާއާ ކްރޮސް ސުވާލުކޮށް  (Cross-examine) ހެކިބަހުގެ ތެދުދޮގާއި އިތުބާރު ހުރި މިންވަރު ކަށަވަރު ފުރުސަތު ނުއޮންނާތީއެވެ.

ނަމަވެސް، ގާނޫނުގައި ހިއަސޭ އެވިޑެންސަށް އިސްތިސްނާއީ ހާލަތްތަކެއް ކަނޑައަޅާފައިވެއެވެ. މިސާލަކަށް ދިވެހިރާއްޖޭގެ ހެކީގެ ގާނޫނު ގެ ދަށުންނާއި ބައިނަލްއަގުވާމީ އާންމު ގާނޫނީ (Common Law) އުސޫލުތަކުގައި، މަރުވަމުންދާ މީހަކު އެންމެ ފަހުން ދީފައިވާ ބަޔާން (Dying Declaration) އަދި ކުއްލި ސިހުމެއް ލިބޭ ފަދަ ހާދިސާއަކާ ގުޅިގެން ވަގުތުން ދެވޭ ކުއްލި ޝުއޫރުގެ ބަސްތައް (Res Gestae) އަކީ ކޯޓަށް ބަލައިގަނެވޭނެ ހެކިތަކެކެވެ.

ލީގަލް ޕްރެކްޓިސްގައި ހިއަސޭ ހެކި ހުށަހަޅާއިރު އެއަށް ބާރުދޭނެ އެހެން ސީދާ ހެކިތައް (Corroborating Evidence)  ހުށަހެޅުމާއި، އަސްލު ބަސްބުނި ބަހުގެ ވެރިޔާ ކޯޓަށް ހާޒިރުނުކުރެވުނު ސަބަބު ކޯޓަށް ސާފުކޮށް ދިނުމަކީ ލާޒިމުކަމެކެވެ.

ދުނިޔޭގެ ގާނޫނީ ނިޒާމުތަކުގައި ހިއަސޭ އެވިޑެންސް ބޭނުންކުރުމުގެ އުސޫލު ބަދަލުވެގެން ދިޔައީ ކެނެޑާގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުންނެވެ. އެގޮތުން ކެނެޑާގެ މަޝްހޫރު R v Khan (1990)  މައްސަލާގައި، ޖިންސީ އަނިޔާ ލިބުނު 4 އަހަރުގެ ކުޑަކުއްޖާ ކޯޓުގައި ހެކިބަސް ދޭން ނުކުޅެދުމުން، އެ ކުއްޖާ އޭނާގެ މަންމަ ގާތު ބުނި ވާހަކަ (Hearsay) ކޯޓަށް ބަލައިގަތުމަށްޓަކައި ލޭންޑްމާކު އުސޫލެއް ކަނޑައެޅިއެވެ. މި މައްސަލައިގައި ކެނެޑާގެ ކޯޓުތަކުން ތައާރަފްކުރި 'ޕްރިންސިޕަލްޑް އެޕްރޯޗް' (Principled Approach) ގެ ދަށުން، ހިއަސޭ ހެކި ބަލައިގަނެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެންނެވެ؛ އެއީ، އެ ހެކި ހުށަހެޅުމުގެ ޒަރޫރަތްތެރިކަން (Necessity)  އަދި އެ ވާހަކައިގެ އިތުބާރު ހުރި މިންވަރު (Reliability) ކޯޓަށް ކަށަވަރުކޮށްދެވުމުންނެވެ.

ރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝާހު (2019/HC-A/325) މައްސަލާގައި ވެސް، އަނިޔާ ލިބުނު ފަރާތްކަމުގައިވާ ޒިޔާދާ ނައީމް ނިޔާވެފައި ވުމުންޒަރޫރަތް އޮތުމުން ޒިޔާދާ ދިރިހުއްޓާ އެހެން މީހުން ގާތު ދައްކާފައި ހުރި ވާހަކަތަކުގެ ހެކިބަސް ކަށަވަރކުރަން (Reliability)  މެޑިކަލް ހެކިތަކާއެކު ހިއަސޭ ހެކިބަސް ފަނޑިޔާރުން ވަނީ މައްސަލަ ސާބިތުކުރުމުގައި ރިއާޔަތްކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ R v Bedingfield (1879)  މައްސަލާގައި، ކަރު ބުރިކޮށްލާފައި ހުރި އަންހެނަކު ކޮޓަރިން ނިކުމެ 'އެންޓް ސީ ވޮޓް ބެޑިންފީލްޑް ހޭޒް ޑަން ޓު މީ' އޭ ބުނި ބުނުން، އެއީ ހާދިސާ ހިނގާ ނިމުނު ފަހުން ބުނި އެއްޗަކަށް ވާތީ 'Res Gestae' ގެ ދަށުން ހިއަސޭހެކީގެ ގޮތުގައި މިހެކިބަސް ކޯޓުން ބަލެއް ނުގަތެވެ.

ނިޒާމުތައް އަޅާކިޔުން  (Synthesis & Comparison)
އިސްލާމީ ފިގުހާއި، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިހާއި، އަދި ދިވެހިރާއްޖޭގެ ޒަމާނީ ގާނޫނީ ނިޒާމުގައި ހެކިބަސް ނެގުމުގެ އުސޫލުތައް ބައްޓަންވެފައިވާ ގޮތް އަޅާކިޔައިލާއިރު، އެންމެ ފުރަތަމަ ފާހަގަކުރެވެނީ ހެކިބަސް ދިނުމުގެ މަސްއޫލިއްޔަތާ މެދު ދެކޭގޮތެވެ. އިސްލާމީ ފިގުހުގައި ހެކިބަސް ދިނުމަކީ ގޮވާލެވިއްޖެނަމަ ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކުގައި މިކަން ބަލަނީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި އަދާކުރަންޖެހޭ މަދަނީ ވާޖިބެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ނިޒާމަކީ މި ދެމަފްހޫމް އެކުލެވޭ ނިޒާމެކެވެ. ރާއްޖޭގައި ހެކިބަސް ދިނުމަކީ ގާނޫނީ ވާޖިބެކެވެ. ކޯޓުން އަމުރުކުރުމުން ހެކިބަސް ދިނުމުން މަނާވެއްޖެނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށެއްގެ ގޮތުގައި ބަލައި އަދަބުދެވެއެވެ.

ހެކިވެރިޔާގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާއި އޭނާގެ އިތުބާރު ހުރި މިންވަރު ވަޒަންކުރުމުގައިވެސް މި ތިން ނިޒާމުގެ މެދުގައި ފަލްސަފާގެ ގޮތުން ތަފާތުތަކެއް އެބަހުއްޓެވެ. އިސްލާމީ ޝަރީއަތުގައި ހެކިވެރިޔާގެ 'އަދުލުވެރިކަން' ނުވަތަ އޭނާގެ ދީނީ އަދި އަހުލާގީ ސާފުކަމަށް ވަރަށް ބޮޑަށް ބަލައެވެ. ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހެއްގެ ހެކިބަސް ގަބޫލެއް ނުކުރެއެވެ. ނަމަވެސް ބައިނަލްއަގުވާމީ ނިޒާމުތަކުގައި މީހެއްގެ އަމިއްލަ އަހްލާގަށްވުރެ ބޮޑަށް ބަލަނީ، އޭނާގެ ބުއްދި ސަލާމަތުން ހުރި މިންވަރަށާއި މައްސަލައިގެ ހަގީގަތް ބަޔާންކޮށްދިނުމުގެ ގާބިލުކަމަށެވެ. ދިވެހިރާއްޖޭގެ ހެއްކާބެހޭ ގާނޫނު ބުރަވަނީ ބައިނަލްއަގުވާމީ މިންގަނޑަށެވެ. ބުއްދި ސަލާމަތުން ހުރި ކޮންމެ މީހެއްގެ ހެކިބަސްވެސް ކޯޓަށް ނެގިދާނެއެވެ. އޭނާގެ ވާހަކައިގެ އިތުބާރު ހުރި މިންވަރު (Weight of Evidence) ކަނޑައެޅުމުގެ އިހްތިޔާރު ގާނޫނުން ދެނީ ފަނޑިޔާރަށެވެ.

ހެކިބަހުގެ ތެދުދޮގު ކަށަވަރުކުރުމަށްޓަކައި ހިންގާ މަރުހަލާތަކަށް ބަލާއިރު، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިހުގެ އެންމެ މުހިންމު އެއް ތަނބަކީ ދައުވާލިބޭ ފަރާތަށް ލިބިދޭ ކްރޮސް ސުވާލުކުރުމުގެ ހައްގު'   (Right to Cross-examination)  އެވެ.  މިއީ އިންސާފުވެރި ޝަރީއަތެއްގެ އަސާސީ ޝަރުތެކެވެ. އިސްލާމީ ފިގުހުގައި މިކަން ކުރަނީ 'ތަޒްކިޔާ' ގެ ޒަރީޢާއިން ހެކިންގެ ސާފުކަން ބެލުމާއި، ގާޒީ ސީދާ ހެކިވެރިޔާއާ ސުވާލުކޮށްގެންނެވެ.  ދިވެހިރާއްޖޭގެ ކޯޓުތަކުގައި މިހާރު އަމަލުކުރަނީ 'ކޮމަން ލޯ' ނިޒާމުގެ މިންގަނޑަށެވެ. ގާނޫނުން މަޖުބޫރުކުރާ ގޮތެއްގައި، ފުރަތަމަ ސުވާލުކުރުމަށް ފުރުސަތުދީ، އަނެއް ފަރާތަށް ކްރޮސް ސުވާލުކުރުމުގެ ފުރިހަމަ ފުރުސަތު ދޭންޖެހެއެވެ. މިއީ ހެކިބަހުގެ ފުށުއެރުންތައް ދައްކައިދިނުމަށް ރާއްޖޭގެ ޝަރުއީ ނިޒާމުގައި ބޭނުންކުރާ އެންމެ ބާރުގަދަ ވަސީލަތެވެ.

އެންމެ ފަހުން، ސިއްރު ހެކިބަސް ނެގުމާއި ހެކިންނަށް ހިމާޔަތްދިނުމުގެ މައުލޫއަށް ބަލާއިރު، ބައިނަލްއަގުވާމީ މިންގަނޑުތަކުން ސިއްރު ހެކިބަސް ނެގުން ވަރަށް ބޮޑަށް ހަނިކުރެއެވެ. ސަބަބަކީ ކާކުކަން ނޭނގޭ ހެކިވެރިޔަކާ ކްރޮސް ސުވާލުކުރުމަށް ދިފާއީ ވަކީލުންނަށް އުނދަގޫވުމެވެ. ނަމަވެސް، އިސްލާމީ ފިގުހުގައި މުޖުތަމައުގެ އާންމު މަސްލަހަތަށާއި ހެކިވެރިޔާގެ ފުރާނައިގެ ސަލާމަތަށް ބަލައި ހާއސަ ހާލަތްތަކުގައި ސިއްރުކުރުން ހުއްދަކުރެއެވެ. ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި، ދިވެހި މުޖުތަމައުގެ ހާލަތު ހުރިގޮތުން ހެކިންނަށް ބިރުދެއްކުމުގެ މައްސަލަތައް ގިނަވުމުން ދާތީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ސިއްރު ހެކިބަސް ނެގުމުގެ ޖާގަ ގާނޫނުން ދެއެވެ. އެހެންނަމަވެސް، އެކަން ކުރަންވާނީ ބައިނަލްއަގުވާމީ އުސޫލުތަކާއި، މިސާލަކަށް؛ Crawford އަދި Al-Khawaja މައްސަލައިގެ ނިންމުމާ އެއްގޮތަށް، ދައުވާލިބޭ ފަރާތުގެ ހައްގުތަކަށް ވީހާވެސް ކުޑަ އަސަރެއް ކުރާނެ ގޮތެއްގެ މަތިންނެވެ.

ނިންމުން
ޝަރީއަތުގައި ހެކިބަސް ނެގުމުގެ އުސޫލުތަކަކީ އަދުލުއިންސާފުގެ ތިލަފަތް ހަމަހަމަކަން ހިފެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި އުސޫލުތަކެކެވެ. އިސްލާމީ ފިގުހުގައި ހެކިވެރިޔާގެ ތެދުވެރިކަމާއި ދީނީ އަދި އަޚްލާގީ ކަންކަމަށް ބާރުއަޅާއިރު، ބައިނަލްއަގުވާމީ މިންގަނޑުތަކުން ބާރުއަޅަނީ ދައުވާލިބޭ ފަރާތުގެ ދިފާއީ ހައްގުތައް ހިމާޔަތްކުރުމަށެވެ. ދިވެހިރާއްޖޭގެ މިހާރުގެ ގާނޫނީ ނިޒާމު ބައްޓަންވެފައިވަނީ މި ދެމަފްހޫމް އެކުލެވޭ ގޮތަށެވެ. ރާއްޖޭގެ ހެއްކާބެހޭ ގާނޫނަކީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް، އަދި އިސްލާމީ ޝަރީއަތުގެ އަސާސްތަކާ ފުށުނާރާނެހެން އެކުލަވައިލެވިފައިވާ ހަރުދަނާ ނިޒާމެކެވެ. މި ނިޒާމު ފުރިހަމައަށް ތަންފީޒުކުރަން ފެށުމުން ކުށްވެރިންނަށް އަދަބުދެވި، ކުށެއްނެތް މީހާ ސަލާމަތްވުމުގެ މަގު ފަހިވެގެންދެއެވެ.

ކޮމެންޓް