މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް މުވައްޒަފުން ތަމްރީން ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެތެރެއިން.-- ފޮޓޯ: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
މެޖިސްޓްރޭޓް ކޯޓުތަކުގެ އާ ގަވާއިދަށް އަމަލުކުރަން ފަށައިފި
ހިޝާމް ހާރޫން 1 އޮކްޓޯބަރ 2026 (ބުރާސްފަތި)   11:33
މެޖިސްޓްރޭޓް ކޯޓުތަކުގެ ހިންގުން އެއްއުސޫލަކުން ހަރުދަނާކޮށް، ކޯޓުތަކުން ދެވޭ ޚިދުމަތްތައް އެއްފެންވަރެއްގައި ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ "މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު" އަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

މިހާރު އަމަލުކުރަމުންދާ އާ ގާނޫނުއަސާސީ ތަސްދީގުކުރުމުގެ ކުރިން މެޖިސްޓްރޭޓް ކޯޓުތަކުގައި އަމަލުކުރަމުންދިޔައީ މިނިސްޓްރީ އޮފް ޖަސްޓިސް އިން އެކުލަވާލާފައި އޮތް ޝަރީއަތް ކުރުމާބެހޭ ގަވާއިދެއްގެ ދަށުންނެވެ. އެހެންނަމަވެސް އާ ގާނޫނު އަސާސީއާ އެކު ޝަރުއީ ދާއިރާ ވަކި މިނިވަން ދާއިރާއެއްގެ ގޮތުގައި ކަނޑައެޅި، ޖަސްޓިސް މިނިސްޓްރީ ނެތުމާ ގުޅިގެން އެ ގަވާއިދުވެސް އުވުނީއެވެ. އާ ގާނޫނުއަސާސީގެ ދަށުން "މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު" އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރީ 2026 ޖުލައި 1 ގައެވެ. އަމަލުކުރަން ފެށީ މިއަދު އެވެ.

އެހެންކަމާއެކު، މިއަދުން ފެށިގެން، ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަ ހުށަހެޅުމާއި، މައްސަލަ ބަލައިގަތުމާއި، ޝަރީޢަތްތައް ކުރިއަށްގެންދިއުމުގެ އިޖުރާއަތްތައް ގަވާއިދާ އެއްގޮތަށް އެއް އުސޫލަކުން ކުރިއަށް ގެންދެވޭނެއެވެ.

މި ގަވާއިދުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކަށް ރަޖިސްޓްރާއިން އައްޔަންކުރުމަށް ކަނޑައަޅާފައިވާއިރު، މީގެކުރިން ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރަމުންދިޔައީ ކޯޓުގެ އެޑްމިނިސްޓްރޭޓަރު ނުވަތަ ގާޒީންނެވެ.

މި ގަވާއިދުގެ 83 ވަނަ މާއްދާގައިވާ ގޮތުން، މެޖިސްޓްރޭޓް ކޯޓުތަކަށް ކައިވެނިކުރުމަށް އެދި ހުށަހަޅާއިރު ދެމީހުން ތެލަސީމިއާއަށް ޓެސްޓުކޮށް، ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް އެކަކުގެ ކިބައިގައި ތެލަސީމިއާ ވާރުތަކުރާ ގޮތް ނެތްނަމަ، ދެވަނަ މީހާގެ ނަތީޖާ ހުށަހެޅުން ލާޒިމެއް ނޫނެވެ.

މި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ކުރިއަށްގެންދާނެ ވަގުތުތަކާއި އުސޫލުތައް ގަވާއިދުގައި ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދަށް މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނާއި ފަނޑިޔާރުން އަހުލުވެރިކުރުމަށް ޖުޑީޝަލް އެކަޑަމީން ވަނީ ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް މުވައްޒަފުން ތަމްރީން ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު، ފާއިތުވި ސެޕްޓެމްބަރު 8 ވަނަ ދުވަހު ލ.ގަމުގައި ބޭއްވިއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުން ޖަސްޓިސް މިނިސްޓްރީ އުވުމާއެކު، މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު އުވިގެން ދިއުމުން އެކި ޒިންމާތައް އަދާކުރަމުން ދިޔައީ އެކި އިދާރާތަކުން ކަމަށެވެ. އަދި އޭގެފަހުން 18 އަހަރުވީއިރު ވެސް އެކަން އެގޮތަށް އޮއްވާ އަލަށް އެކުލަވާލި ގަވާއިދާއެކު އެ، ގާނޫނީ ހުސްކަން ނިމުމަކަށް އަންނާނެ ކަމަށެވެ. 

"1 އޮކްޓޫބަރު 2026 ގައި އެ ގަވާއިދަށް އަމަލުކުރަން ފެށޭނެ. އެހެންކަމުން 18 އަހަރުވީ ދިގު ހުސްކަމަށް އެހާތަނުން ފެށިގެން ނިމުން އަންނާނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެފަދަ ގަވާއިދެއްގެ މުހިންމުކަން ވިސްނިގެން އެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރީ ވެސް މެޖިސްޓްރޭޓުންގެ އިސް ނެގުމާއެކުއެވެ. އަދި އެ ގަވާއިދާއެކު، ކުރިން އެކި ރަށްރަށުގެ ކޯޓުތަކުން އެކި އުސޫލުން އަމަލުކުރަމުންދާ ދިއުން ނިމުމަކަށް އައިސް، ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ ހިދުމަތް ހުރިހާ ރަށެއްގައި އެއް ފެންވަރަކަށް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް