މައްކާގައި ހުންނަ ހަރަމްފުޅު: ސައުދީ ކޯލިޝަންގެ ތަރުޖަމާނު ވިދާޅުވީ ދެ ހަރަމްފުޅާއި އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ ރަތް ރޮނގެއްކަމަށް.-- ފޮޓޯ: ރޮއިޓާސް
މައްކާއަށް އަމާޒުކޮށް ހޫތީން ފޮނުވި ޑްރޯނެއް ވައްޓާލައިފި
މަރްޔަމް މުޙައްމަދު 16 ސެޕްޓެމްބަރ 2026 (ބުދަ)   17:13
މައްކާއަށް އަމާޒުކޮށް ހޫތީން ފޮނުވާލި ޑްރޯނެއް، އެ ސިޓީގެ އުދުހުން މަނާ ސަރަހައްދަށް ވަނުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އެއާ ޑިފެންސް ސިސްޓަމްތަކުން ވައްޓާލައިފިކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައުދީ އިސްވެ އޮންނަ ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލްމާލިކީ ވިދާޅުވީ، އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުއްދަނެތް ވައިގެ ސަރަހައްދަށް އެ ޑްރޯން ވަނުމުގެ ކުރިން ރޯޔަލް ސައުދީ އެއާ ޑިފެންސް ފޯސަސްއިން އެ ހަމަލާ ހުއްޓުވާފައިވާ ކަމަށެވެ.

އެއީ އަޅުކަންކުރާ މީހުން ބިރުގަންނަވައި، އާންމުންނަށް ގެއްލުން ދިނުމަށް ހިންގި އަމަލެއްގެ ގޮތުގައި ކުށްވެރިކުރައްވައި، އަލްމާލިކީ ވިދާޅުވީ ދެ ހަރަމްފުޅާއި އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ "ރަތް ރޮގެއް" ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

މިއީ އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިން ދިން ހަމަލާއެއް ކަމަށާއި، މިކަމުގެ ސަބަބުން ސައުދީ އަރަބިއްޔާ މި ހަނގުރާމައިގެ ތެރެއަށް އިތުރަށް ވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހޫތީން މައްކާއަށް ހަމަލާދިން ކަމަށް އިންކާރުކޮށް ބުނެފައިވަނީ، އެމީހުން މުގައްދަސް ތަންތަނަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ހަ މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅިން މުދާ އުފުލުން ވަރަށް ބޮޑަށް މަޑުޖެހިފައިވާ ދަނޑިވަޅެއްގައި، ސައުދީ އަރަބިއްޔާއަށް ދެމުންދާ މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ.

ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ބާބުލް މަންދަބަށް ފެންނަ ގޮތަށް އޮންނަ ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތައް ފާއިތުވި ދުވަސްތަކުގައި ހޫތީންގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު، މީގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅީގެ ބަދަލުގައި އެހެން މަގުތަކުން ސައުދީން ބޭރުކުރާ ތެލަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ.

މައްކާގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއިން އަންގާރަ ދުވަހު އިންޒާރު ނެރެފައިވީ ނަމަވެސް، ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު މުހައްމަދު އަލް ފަރާހް ވަނީ އެ ސިޓީއަށް ހަމަލާދިން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.

ފާއިތުވި ހަފުތާގައި ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ބޮޑެތި ހަމަލާތަކެއް ދީފައިވާ ކަމަށް ހޫތީން ވަނީ އިއުލާންކޮށްފަ އެވެ. މީގެ ތެރޭގައި ހޯމަ ދުވަހު ވައިގެ މަރުކަޒަކަށް ދިން ހަމަލާ ހިމެނޭއިރު، އެއީ ޔަމަނަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށް އެ ޖަމާއަތުން ބުނެ އެވެ. ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ބުނި ގޮތުގައި، ވައިގެ މަރުކަޒަށް ދިން އެ ހަމަލާގައި އާންމުންގެ 13 މީހަކު ވަނީ ޒަހަމްވެފައެވެ.

މީގެ އިތުރުން، އަރަބި ހަނަފަސް ސަހަރާ ހުރަސްކޮށް އޮންނަ ސައުދީގެ އެންމެ މުހިންމު ތެޔޮ އުފުލާ މަގު ކަމަށްވާ "އީސްޓް-ވެސްޓް ޕައިޕްލައިން" އަށް ހުކުރު ދުވަހު ދިން ހަމަލާގެ ޒިންމާ، އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ އެހެން ގްރޫޕެއްގެ ބޮލުގައި ސައުދީން ވަނީ އަޅުވާފަ އެވެ.

މިދިޔަ ހަފުތާގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، މިހާތަނަށް އެމެރިކާއިން ފޯރުކޮށްދެމުންދަނީ ޖާސޫސީ މައުލޫމާތު އެކަންޏެވެ.

ސައުދީ އަރަބިއްޔާ އަށް ދޭ ހަމަލާތައް އެކި ގައުމުތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ. ހާއްސަ ގޮތެއްގައި މައްކާއަށް އަމާޒުކޮށް ހޫތީން ދޭން އުޅުނު ހަމަލާ ރާއްޖެއިންވެސް ވަނީ ކުށްވެރިކޮށްފަ އެވެ. 

އެ ހަމަލާ ކުށްވެރި ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ޙުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވޭ ފުރައްސާރައެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް