ކިންގް ސަލްމާން ކެނަލް އަކީ ސައޫދީ އަރަބިއްޔާގެ ކުރިމަގު ބަދަލުކޮށްލުމަށް ގެންގުޅޭ އެންމެ ޖެހިލުންކުޑަ ހިޔާލު.--
ކިންގް ސަލްމާން ކެނަލް: މެދުއިރުމަތީގެ ޗާޓު ބަދަލުކޮށްލާނެ ބިޔަ މަޝްރޫއު
މުހައްމަދު ހަލީމް 8 އޮކްޓޯބަރ 2026 (ބުރާސްފަތި)   14:01
ކިންގް ސަލްމާން ކެނަލަކީ ސައޫދީ އަރަބިއްޔާގެ އިރުމަތީ ބިތުގައި އޮންނަ ޕާޝިއަން ގަލްފް އާއި އަރަބި ކަނޑު ސައޫދީގެ ސަރަހައްދުގެ ތެރެއިން ގުޅާލުމަށް ރޭވިފައިވާ ޕްރޮޖެކްޓެކެވެ. މިއީ، ދުނިޔޭގެ ތާރީހުގައިވެސް ކުރިއަށްގެންދަން އުޅޭ އެންމެ ބޮޑު މަޝްރޫއެވެ. އަދި އެންމެ ހަރަދުބޮޑު މެގާ-ޕްރޮޖެކްޓެވެ. މިއީ ހަމައެކަނި ފެނުގެ މަގެއް ހެދުމުގެ މަޝްރޫއެއް ނޫނެވެ. މިއީ މުޅި މެދުއިރުމަތީގެ އިގުތިސޯދީ، އިސްތިރާޖީ އަދި ޖިއޯޕޮލިޓިކަލް ޗާޓު މުޅިން ބަދަލުކޮށްލާނެ ފަދަ ޒަމާނީ އިންގިލާބެކެވެ.

މި މަޝްރޫއުގެ މައިގަނޑު ވިސްނުމަކީ އީރާނުގެ ނުފޫޒާއި، ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ސްޓްރެއިޓް އޮފް ހޯރްމޫޒް ނުވަތަ ހުރުމޫޒު ކަނޑުއޮޅި ބައިޕާސްކުރުމުވެ. މީގެ ބޭނުމަކީ ސައޫދީ އަރަބިއްޔާގެ ސާފުނުކުރާ ތެޔޮ ނުވަތަ ކުރުދް އޮއިލް ސީދާ ބައިނަލްއަގުވާމީ ބާޒާރަށް ނެރެވޭނެ ރައްކާތެރި، އަދި އިތުބާރު ހުރި އައު މަގެއް ގާއިމުކުރުމެވެ.

މަޝްރޫއުގެ ތާރީހާއި އުފެދިގެން އައިގޮތް
ހުރުމޫޒު ކަނޑުއޮޅި ނޫން އެހެން މަގެއް ހޯދުމުގެ ވިސްނުމަކީ މީގެ ދިހަވަރަކަށް އަހަރު ކުރިންވެސް ސައޫދީ އަރަބިއްޔާއިން ގެންގުޅޭ ވިސްނުމެކެވެ. ނަމަވެސް، މި ހިޔާލަށް ރަސްމީ ސިފައެއް އަންނަން ފެށީ ސައޫދީ އަރަބިއްޔާގެ ޒުވާން ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ 'ވިޒަން 2030' އިއުލާނު ކުރެއްވި ހިސާބުންނެވެ.

މި މަޝްރޫއުގެ ވާހަކަ އެންމެ ފުރަތަމަ ފާޅުކަން ބޮޑު ގޮތެއްގައި ދުނިޔޭގެ ސަމާލުކަމަށް އައީ ސައޫދީގެ ރިސާޗް ސެންޓަރެއް ކަމަށްވާ އަރަބް ސެންޓަރ ފޯ ފިޝަރީޒް އެންޑް ސްޓަޑީޒް އިން މިކަމާ ގުޅޭ ރިޕޯޓެއް ޝާއިއުކުރުމާ ގުޅިގެންނެވެ. އެ ސެންޓަރުގެ ޑިރެކްޓަރ ތޯރިގު އަލް-ގާމިދީ ހާމަކުރެއްވި ގޮތުގައި، މި ކެނަލްގެ ސަބަބުން ސައޫދީއަށް ލިބޭނެ ސަލާމަތީ އަދި އިގުތިސޯދީ ރައްކާތެރިކަން އިންތިހާއަށް ބޮޑެވެ. ހާއްސަކޮށް 2019 ވަނަ އަހަރާއި އޭގެ ފަހުން ޕާޝިއަން ގަލްފް ސަރަހައްދުގައި ތެޔޮ ޓޭންކަރުތަކަށް ދެވުނު ހަމަލާތަކާއި، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ ބިރުދެއްކުންތަކާއެކު ކިންގް ސަލްމާން ކެނަލްގެ މުހިންމުކަން ސައޫދީ ސަރުކާރަށް ދެގުނަ ބޮޑުވެގެންދިޔައެވެ.

ކެނަލްގެ ޖިއޮގްރަފިކަލް ސިފަތައް
ކިންގް ސަލްމާން ކެނަލް ފަރުމާކުރެވިފައިވަނީ އިންސާނީ ތާރީހު ދުށް އެންމެ ދިގު އަދި އެންމެ ފުޅާ މަސްނޫީ ފެނުގެމަގުގެ ގޮތުގައެވެ. މި މަޝްރޫއުގެ ދިގުމިން ގާތްގަނޑަކަށް 950 އިން 960 ކިލޯމީޓަރަށް ދިގު ދެމިގެންދާނެއެވެ. މިއީ މިސްރުގެ މަޝްހޫރު ސުއޭޒް ކެނަލްއާ އަޅާބަލާއިރު ފަސް ގުނަ ދިގު މަގެކެވެ. މި ފެންމަގު ފަރުމާކުރެވިފައިވަނީ ފުޅާމިނުގައި 150 މީޓަރު އަދި ފުންމިނުގައި 25 މީޓަރު ހުންނަ ގޮތަށެވެ. މިއީ ދުނިޔޭގެ ކަނޑުތަކުގައި މިހާރު ދުއްވާ އެންމެ ބިޔަ ސުޕަރޓޭންކަރުތަކަށްވެސް އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފަދަ ބޮޑު ސައިޒެކެވެ.

މި ކެނަލްގެ ޖިއޮގްރަފިކަލް މަގަށް ބަލާއިރު، މިއީ ސައޫދީ އަރަބިއްޔާގެ އިރުމަތީ ބިތުން ޕާޝިއަން ގަލްފްގެ އައްސޭރިން ފެށިގެން ކުރިއަށްދާ މަޝްރޫއެކެވެ. އެއަށްފަހު ސައޫދީގެ ދެކުނުގައި އޮންނަ، ދުނިޔޭގެ އެންމެ ބޮޑު ސަހަރާ ކަމަށްވާ ރުބުއުލްހާލީ ގެ ބިޔަ ވެލިގަނޑު ހުރަސްކޮށް މި ފެންމަގު ދަތުރުކުރާނެއެވެ. މި ބިޔަ ކެނަލް ނިމި ސީދާ އަރަބި ކަނޑާ ގުޅިގެންދާނީ ޔަމަންގެ އަލް-މަހްރާ ޕްރޮވިންސްގެ ސަރަހައްދުން ނުވަތަ އޮމާންގެ ބޯޑަރު ސަރަހައްދުންނެވެ. ނަމަވެސް އިސްތިރާޖީ ގޮތުން މިހާރު އެންމެ ބޮޑަށް ބުރަވަނީ ޔަމަންގެ ސަރަހައްދަށް މި މަގު ނިންމުމަށެވެ.

އަންދާޒާކުރެވޭ ހަރަދާއި މާލީ އިންވެސްޓްމަންޓް
މިފަދަ ބިޔަ މަޝްރޫއަކަށް ހިނގާނެ ހަރަދު ވެގެންދާނީ ދުނިޔޭގެ މާލީ ތާރީހުވެސް ސިއްސުވާލާނެ ފަދަ ފަލަކީ އަދަދެއް ނުވަތަ އިންތިހާއަށް ބޮޑު އަދަދަކަށެވެ. އެކި ދިރާސާތަކުން ދައްކާގޮތުގައި މި ކެނަލް ކޮނުމަށާއި، އޭގެ ވަށައިގެންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް 80 ބިލިއަން އެމެރިކާ ޑޮލަރާއި 250 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ބޮޑު ހޭދައެއް ކުރަންޖެހޭނެއެވެ.

މި މަޝްރޫޢުގެ ހަރަދު މިހާ ބޮޑުވެގެންދަނީ ހަމައެކަނި ކޮންނަން ޖެހޭ ބިމުގެ ބޮޑުކަމުންނެއް ނޫނެވެ. ކެނަލްގެ މަގުގައި ހުރި ބިޔަ ފަރުބަދަތަކާއި، ސަހަރާގެ ބިޔަ ވެލިފަރުބަދަތައް ނައްތާލުމަކީ ބޮޑު ހޭދައެއް ހިނގާނެ ކަމެކެވެ. މީގެ އިތުރުން ކަނޑުގެ ލެވެލްއަށްވުރެ މާ މަތީގައި ހުރި ބިންތަކަށް ފެން އުފުލުމަށް ބޭނުންވާ ޒަމާނީ ހައިޑްރޮލިކް ލޮކް ސިސްޓަމްތައް ބިނާކުރަންޖެހުމަކީވެސް ބޮޑު ހޭދައެއް ހިނގާނެ ކަމެކެވެ. މި ބިޔަ މަޝްރޫއަށް ފަންޑުކުރުމަށް ސައޫދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (PIF) ގެ އިތުރުން، ބައިނަލްއަގުވާމީ ބޮޑެތި ކޮންސޯޓިއަމްތަކާއި، ޗައިނާ ފަދަ ވިޔަފާރީގެ ގޮތުން ބާރުގަދަ ގައުމުތަކުގެ އިންވެސްޓްމަންޓް ހޯދުމަށް ސައޫދީ ސަރުކާރުން ދަނީ ރާވަމުންނެވެ.

ސިޔާސީ އަދި ޖިއޯޕޮލިޓިކަލް މަންފާ
ކިންގް ސަލްމާން ކެނަލްގެ އެންމެ މުހިންމު ބޭނުމަކީ ސިޔާސީ އަދި އަސްކަރީ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މިއީ ސައޫދީ އަރަބިއްޔާއަށް ކުރިމަތިވާ ޖިއޯޕޮލިޓިކަލް ގޮންޖެހުތަކަށް ލިބޭނެ ބޮޑު ސްޓްރެޓީޖިކް ކާމިޔާބީއަށް ވެގެންދާނެއެވެ. މިހާރު ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ދަތުރުކުރާ ހޮރުމުޒު ކަނޑުއޮޅީގެ އެއްފަރާތް އީރާނުން ކޮންޓްރޯލް ކުރެއެވެ. މި ކެނަލްގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންތަކުގައި އީރާނުން ބޭނުންކުރާ ސިޔާސީ ބާރު މުޅިން ކެނޑިގެންދާނެއެވެ. ސައޫދީގެ ތެޔޮ އީރާނުގެ ސަރަހައްދަށް ނުވަދެ ސީދާ ބައިނަލްއަގުވާމީ ކަނޑަށް ނެރެވުމަކީ ރިޔާޒުގެ ސިޔާސީ މިނިވަންކަން ދެގުނައަށް އުފުލިގެންދާނެ ކަމެކެވެ.

މީގެ އިތުރުން، މި ކެނަލް ނިމޭ ހިސާބަކީ ޔަމަން ނުވަތަ އޮމާން ކަމަށްވާތީ، އެ ގައުމުތަކުގެ މައްޗަށް ސައޫދީން ބާއްވާ ސިޔާސީ އަދި އިސްތިރާޖީ ނުފޫޒު ކުރިއަށްވުރެ ވަރުގަދަވެގެންދާނެއެވެ. ހާއްސަކޮށް ޔަމަނުގެ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް ސައޫދީއަށް ބައިނަލްއަގުވާމީ ގޮތުން ބޮޑު ބާރެއް ލިބޭނެއެވެ. ހަމައެއާއެކު، ޕާޝިއަން ގަލްފުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އެމެރިކާގެ އަސްކަރިއްޔާއަށް ކުރާ ބަރޯސާ ކުޑަވެގެންދާނެއެވެ. އަދި ސައޫދީގެ އަމިއްލަ ސަރަހައްދުން ސީދާ ބައިނަލްއަގުވާމީ ކަނޑަށް ނިކުމެވުމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުގެ ކުރިމަތީގައި ސައޫދީގެ ގައުމީ ހައިބަތު މަތިވެގެންދާނެއެވެ.

މަޝްރޫއާ މެދު އީރާނުން ދެކޭގޮތް
ކިންގް ސަލްމާން ކެނަލްގެ މަޝްރޫއަކީ އީރާނުގެ ގައުމީ މަސްލަހަތަށާއި ޖިއޯޕޮލިޓިކަލް ބާރަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ތެހެރާނުން ދެކެއެވެ. އީރާނުގެ އަސްކަރީ އަދި ސިޔާސީ މުހައްލިލުން ދެކޭގޮތުގައި، މި ކެނަލްގެ މައިގަނޑު މަގުސަދަކީ ހަމައެކަނި ވިޔަފާރީގެ ފަސޭހައެއް ހޯދުމެއް ނޫނެވެ. މިއީ ހޮރްމޫޒު ކަނޑުއޮޅީގެ މައްޗަށް އީރާނަށް ލިބިފައިވާ ގުދުރަތީ އަދި އިސްތިރާޖީ ބާރު ކަނޑުވާލުމަށް ހުޅަނގުގެ އެހީތެރިކަމާއެކު ސައޫދީން ރާވާފައިވާ ސިޔާސީ ރޭވުމެކެވެ. އެހެންކަމުން، މި މަޝްރޫއު ހަގީގަތަކަށް ވެއްޖެނަމަ، ބައިނަލްއަގުވާމީ މައިދާނުގައި އީރާނަށް އޮތް ބާރުގަދަ ލީވަރޭޖް ނުވަތަ މަޖުބޫރުކުރުވުމުގެ ބާރު ގެއްލިގެންދާނެ ކަމަށް އީރާނުން ގަބޫލުކުރެއެވެ.

މީގެ އިތުރުން، ކެނަލް ނިމޭ ސަރަހައްދެއްގެ ގޮތުގައި ޔަމަންގެ ސަރަހައްދު ކަނޑައެޅުމަކީވެސް އީރާނުގެ ކަންބޮޑުވުން އޮތް ކަމެކެވެ. ޔަމަނުގައި ހަރަކާތްތެރިވާ، އީރާނުގެ މަދަދުލިބޭ ހޫތީ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކާ ކައިރިން މިފަދަ ބިޔަ ފެންމަގެއް ހެދުމަކީ ސައޫދީން ޔަމަނުގެ މައްޗަށް އޮންނަ އަސްކަރީ ނުފޫޒު ދާއިމީ ގޮތެއްގައި ވަރުގަދަކުރާނެ ކަމެކެވެ. ތެހެރާނުގެ ބައެއް ރަސްމީ މަސްދަރުތަކުން ބުނާގޮތުގައި، މި މަޝްރޫއަކީ ސަރަހައްދީ ހަމަޖެހުމަށް އެޅޭ ހުރަހެކެވެ. އަދި މީގެ ސަބަބުން ޕާޝިއަން ގަލްފުގެ ގައުމުތަކުގެ މެދުގައި އޮންނަ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ. ބޭރުގެ އަސްކަރީ ބާރުތަކުން މެދުއިރުމައްޗަށް ވަނުމަށް ލިބޭ ފުރުސަތަކަށް މިކަން ވެގެންދާނެ ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.

އިގުތިސޯދީ މަންފާ އަދި ވިޔަފާރީގެ ބޮޑު ބަދަލު
މި މަޝްރޫއަކީ ސައޫދީ އަރަބިއްޔާ ހަމައެކަނި ތެޔޮ ވިއްކާ ގައުމަކުން، ދުނިޔޭގެ ލޮޖިސްޓިކްސް އަދި ވިޔަފާރީގެ މައި މަރުކަޒަކަށް ބަދަލުކޮށްލާނެ އިގުތިސޯދީ ބޮޑު ބަދަލެކެވެ. ޓޭންކަރުތައް ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރާއިރު ނަގާ ހަނގުރާމައިގެ ނުރައްކަލުގެ އިންޝުއަރެންސް ފީތައް އިންތިހާއަށް ބޮޑެވެ. އަދި މި ރައްކާތެރި ކެނަލްގެ ސަބަބުން އެ ހަރަދުތައް ކުޑަވެގެންދާނެއެވެ. މިއާއެކު ތެލުގެ ސާފު ފައިދާ އިތުރުވެގެންދާނެއެވެ. މިއީ ސައޫދީގެ އިގުތިސޯދަށް ދިގުމުއްދަތަކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން ކެނަލްގެ ދެފަރާތުގައި ބޮޑެތި ފްރީ-ޒޯންތަކާއި، ޝިޕްޔާޑްތަކާއި، ތެޔޮ ސާފުކުރާ ކާރުހާނާތަކުގެ އިތުރުން މުދާ އުފުލާ ބޮޑެތި ބަނދަރުތައް ގާއިމުކުރާނެއެވެ. މިއީ، ސައޫދީގެ ރައްޔިތުންނަށް އެތައް ލައްކަ އާ ވަޒީފާއެއް އުފެދިގެންދާނެ ކަމެކެވެ. އަދި ގައުމުގެ ޖީޑީޕީ އިތުރުވެގެންދާނެ ސަބަބެކެވެ. އަދި މިހާރު ފަޅު ސަހަރާއެއްގެ ގޮތުގައި އޮތް ރުބުއުލްހާލީ ސަރަހައްދަށް ކަނޑުގެ މަގުން ފެން އަންނާނެއެވެ. އޭގެ ސަބަބުން އެ ސަރަހައްދުގައި ވޯޓާ ލޮކްސް ނުވަތަ ހައިޑްރޮލިކް ލޮކްސް މެދުވެރިކޮށް ދަނޑުވެރިކަން ކުރުމާއި، ބައިނަލްއަގުވާމީ ޓޫރިޒަމް ތަރައްގީކުރުމާއި، ކަނޑުގެ ދިރުންތައް އާލާކުރާ ބޮޑެތި ފާމްތައް ހެދުމުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

މިހާތަނަށް ކުރިއަށް ގެންދެވިފައިވާ ގޮތް
މިހާތަނަށް ބަލާއިރު ކިންގް ސަލްމާން ކެނަލް މަޝްރޫއު އަދިވެސް އޮތީ ފީޒިބިލިޓީ ސްޓަޑީ ނުވަތަ ގާބިލުކަން ހުރިގޮތުގެ ދިރާސާގެ މަރުހަލާގައެވެ. ސައޫދީ އަރަބިއްޔާގެ ސަރުކާރުން ބައިނަލްއަގުވާމީ ބޮޑެތި އިންޖިނިއަރިން ކުންފުނިތަކާ ހަވާލުކޮށްގެން، ބިންގަނޑުގެ ސާވޭތަކާއި، ތިމާވެށްޓަށް ކުރާނެ އަސަރުތަކުގެ ސައިންޓިފިކް ދިރާސާތައް ވަނީ ހަދާފައެވެ.

ހަމައެއާއެކު، ޔަމަނުގެ ސަރުކާރާއެކު ސިޔާސީ ގޮތުންނާއި ސަލާމަތީ ގޮތުން ކުރަންޖެހޭ މުހިންމު މަޝްވަރާތައްވެސް އެކި ފެންވަރުގައި ކުރިއަށް ގޮސްފައިވެއެވެ. ނަމަވެސް، ޔަމަނުގެ ދާހިލީ ހަނގުރާމައާއި ހޫތީ ޖަމާއަތުގެ ރޮކެޓް ހަމަލާތަކުގެ ނުރައްކަލުގެ ސަބަބުން، ކެނަލް ނިމޭ ހިސާބުގެ ސަލާމަތީ ކަންކަން ސައްތައިން ސައްތަ އަދިވެސް ކަށަވަރެއް ނުވެއެވެ. އެހެންކަމުން އަމަލީ ގޮތުން މަސައްކަތްތައް ފެށުން ސައުދީ ސަރުކާރުން ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.

އިންޖިނިއަރިން އަދި ތިމާވެށީގެ ބޮޑެތި ގޮންޖެހުންތައް
މި ބިޔަ މަޝްރޫއު ހަގީގަތަކަށް ހެދުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް އިންތިހާއަށް ބޮޑެވެ. ކެނަލް ކޮނުމަށް ހަމަޖެހިފައިވާ ރުބުއުލްހާލީގެ ބައެއް ހިސާބުތަކަކީ ކަނޑުގެ ލެވެލްއަށްވުރެ 300 މީތަރުން ފެށިގެން 700 މީޓަރު އުސް ހިސާބުތަކެވެ. އެހާ އުސް ބިންތަކެއް ކަނޑުގެ ލެވެލްއަށް ތިރިކުރަން ކޮނުމަކީ ނުވަތަލޮކް ސިސްޓމް ބޭނުންކޮށްގެން ބިޔަ ޝިޕްތައް އުފުލުމަކީ އިންޖިނިއަރިން ގޮތުން މިހާތަނަށް ދުނިޔެ ނުދެކޭ ފަދަ އުނދަގޫ ކަމެކެވެ. މީގެ އިތުރުން ސަހަރާގެ ވެލިފަރުބަދަތަކަކީ އަބަދުވެސް ވައާއެކު ދަތުރުކުރާ އެއްޗެކެވެ. އެހެންކަމުން ކެނަލްގެ އައްސޭރިފަށް ކޮންކްރީޓްކޮށް ހިފެހެއްޓުމަށް ބޮޑު ހަރަދެއް ކުރަންޖެހޭނެއެވެ.

ތިމާވެށީގެ ގޮތުން ބަލާއިރުވެސް މި މަޝްރޫއުގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެއެވެ. ޕާޝިއަން ގަލްފުގެ ލޮނުގަނޑާއި އަރަބި ކަނޑުގެ ލޮނުގަނޑު އެއްވުމުން، ކަނޑުގެ ދިރުންތަކުގެ ބަޔޮލޮޖިކަލް ބެލެންސް ގެއްލުމުގެ ބިރު އެބައޮތެވެ. އެންމެ ބޮޑު ބިރަކީ ސައޫދީގެ ބިމުގެ އަޑީގައި ހުރި މީރުފެން ފަށަލަތަކަށް ކަނޑުގެ ލޮނުގެ އަސަރުކޮށް، ބޯފެނުގެ ތަގައްޔަރުވުމެވެ. އެހެންކަމުން، ތިމާވެށީގެ ބޮޑު ކާރިސާއެއް މުޅި ސަރަހައްދަށް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމެވެ.

ނިންމުން
ކިންގް ސަލްމާން ކެނަލް އަކީ ސައޫދީ އަރަބިއްޔާގެ ކުރިމަގު ބަދަލުކޮށްލުމަށް ގެންގުޅޭ އެންމެ ޖެހިލުންކުޑަ ހިޔާލެވެ. މިއީ ހަމައެކަނި އިގުތިސޯދީ ގޮތުން ފައިދާހުރި މަޝްރޫއެއް ނޫނެވެ. މިއީ ސައޫދީގެ ގައުމީ ސަލާމަތާއި، މެދުއިރުމަތީގައި އޮތް އީރާނުގެ ނުފޫޒު ކަނޑުވާލުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައެވެ.

މި މަޝްރޫއަށް ހިނގާނެ ބޮޑު ހަރަދާއި، އިންޖިނިއަރިން ގޮންޖެހުންތަކާއި، އީރާނުގެ ސިޔާސީ ދެކޮޅުވެރިކަމުގެ އިތުރުން ޔަމަނުގެ މަސްރަހު އޮތްގޮތުން މި މަސައްކަތް ހަގީގަތަކަށް ވުމަށް އަދި ގިނަ އަހަރުތަކެއް ނަގާނެއެވެ. ނަމަވެސް، މި ކެނަލް ކޮނެ ނިމޭ ދުވަހަކީ، ދުނިޔޭގެ ވިޔަފާރިއާއި ޖިއޯޕޮލިޓިކްސްގެ އައު ބާބެއް ފެށިގެންދާނެ ދުވަހެކެވެ.

ކޮމެންޓް