ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުގަދަ ހަމަލާއެއްދީފައި
ސައުދީގެ މައި އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެއްޖެ
ހަސަން އިބްރާހީމް 11 އޮކްޓޯބަރ 2026 (އާދީއްތަ)   12:23
ސައުދީ އަރަބިއްޔާގެ މައި އެއާޕޯޓުކަމުގައިވާ، ވެރިކަންކުރާ ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ބާރުގަދަ ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުންނަށް އަނިޔާވެއްޖެކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

އިއްޔެ ދިން މި ހަލާއާ ގުޅޭގޮތުން، ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްތީނު، ސީރިއާ، ސޫދާން އަދި މިސްރުގެ މީހުން ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައި ވާއިރު، މިއީ 2015 ވަނަ އަހަރުގެ މެއި މަހަށްފަހު ސައުދީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާކަމަށް ބެލެވެއެވެ. އެގޮތުން މިއީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއާޕޯޓަށް ހޫޘީން އަމާޒުކުރި މިފަދަ ތިން ވަނަ ހަމަލާކަން ފާހަގަކޮށްލެވެއެވެ.

އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ، އަނިޔާވި 309 މީހުންނަށް އެކި ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ ކަމަށާ، ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

އަދި އެއާޕޯޓަށް ލިބުނު ގެއްލުންތައް މިހާރު ވަޒަންކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައި ވާއިރު، ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ބުނި ގޮތުގައި، ސައުދީގެ އިރުމަތީގައި އޮންނަ ދައްމާމްގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށް ވެސް އިއްޔެ ޕްރޮޖެކްޓައިލްއެއް ވެއްޓިފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ގަލްފުގެ ގިނަ އެއާލައިންތަކަކުން ވަނީ ރިޔާޟަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައެވެ. ކުވައިތު އެއާވޭސްއިން ބުނި ގޮތުގައި ދަތުރުތައް ކެންސަލްކުރީ އެއާޕޯޓުގެ ސަލާމަތީ ހާލަތަށް ރިއާޔަތްކުރުމަށްފަހުއެވެ. އޭވިއޭޝަން ޓްރެކިން ވެބްސައިޓް ފްލައިޓްރާޑާއިން ދައްކާ ގޮތުގައި، ރިޔާޟަށް ދަތުރުކުރަމުންދިޔަ ހުރިހާ ފްލައިޓެއް ވަނީ އެހެން މަންޒިލްތަކަށް ޑައިވާޓްކޮށް ނުވަތަ ކެންސަލްކޮށްފައެވެ.

ކޮމެންޓް