
ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. ހަސަން ހަމީދު މިހެން ވިދާޅުވީ ދަށު ސާނަވީ އިމްތިހާނު ތަކުގައި، އެކި ތައުލީމީ ގޮފިން (ސްޓްރީމުން) ބައިވެރިވާ ދަރިވަރުންގެ ނިސްބަތް ހޯދުމަށް ހުށަހެޅި އާރުޓީއައި ފޯމުގެ އިޖާބަ ލިބުމުން ސާފުކުރެވުނު ނަތީޖާ ހިއްސާކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ކްރިޓިކަލް ތިންކިންގެ ދާއިރާއިން ޕީއެޗްޑީ ހެއްދެވި ޑރ. ހަސަން ވިދާޅުވި ގޮތުގައި، ރާއްޖެ ފަދަ ގައުމެއްގައި %20އަށް ވުރެ ގިނަ ދަރިވަރުން ބިޒްނަސް ކިޔެވުމަކީ ހާސްވާން ޖެހޭ ކަމެކެވެ.
އެގޮތުން އިނގިރޭސި ވިލާތާއި ސިންގަޕޫރުގައި ވެސް މި ނިސްބަތް ފަސްބައިކުޅަ އެއް ބަޔަށް ވުރެ ދަށްކަން ވަނީ ފާހަގަ ކުރައްވާފަ ހަސަން ވިދާޅުވީ، ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށާ، އެހެންކަމުން މި ނިސްބަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވަންތޯ އާންމުންނާއި ސުވާލު ކުރައްވާ ކަމަށެވެ.
ގިނަ އަދަދެއްގެ ދަރިވަރުން އެއް މާއްދާތަކެއް ހިޔާރުކުރުމުން، މުސްތަގްބަލުގައި އެ ކުދިން ނުކުންނާނީ ކޮމާޝަލް އަދި އެޑްމިނިސްޓްރޭޓިވް ދާއިރާތަކަށް ކަމަށް ވިދާޅުވެ ހަސަން ވިދާޅުވީ، އެކަމުގެ ސަބަބުން އެ ދާއިރާތަކުން ވަޒީފާ ހޯދަން ދަތިވެ، އަދި އެހެން ދާއިރާތަކުން އެކަށީގެންވާ މުވައްޒަފުން ހޯދަން އުނދަގޫވާނެ ކަމަށެވެ.
އަދި ހަމަ މިހާރު ވެސް ރާއްޖޭގެ ޕްރޮފެޝަނަލް މުހިއްމު ދާއިރާތަކުގައި ބޮޑު ޕަސެންޓެއް ބިދޭސީން ހިއްސާކުރާ ކަން ވެސް ހަސަން ފާހަގަކުރައްވާފައި ވާއިރު، ދަށު ސާނަވީ އިމްތިހާނު ތަކުގައި ދަރިވަރުން ބައިވެރިވާ ސްޓްރީމްގެ ނިސްބަތުން ސައިންސް ކިޔަވަނީ 50 އިންސައްތަ ދަރިވަރުންނެވެ. ބިޒްނަސް ކިޔަވަނީ 49 އިންސައްތަ ދަރިވަރުންނެވެ. އަނެއް އިންސައްތަ ދަރިވަރުންނަކީ އާޓްސް ކިޔަވާ ދަރިވަރުންނެވެ.
އެގޮތުން ހަސަން އާއްމު ކުރެއްވި މައުލޫމާތުތަކުގެ ތަފްސީލަށް ބަލާއިރު، އޯލެވެލްގައި %50 ދަރިވަރުން ސައިންސް ސްޓްރީމް ހެދި އިރު އާޓްސް ހިޔާރުކުރީ އެންމެ ޕަސެންޓެއްގެ ދަރިވަރުންނެވެ.
ފާއިތުވި 2025 ވަނަ އަހަރުގެ މެއި މަހާއި ޖޫން މަހުގެ އިމްތިހާނުގައި ބައިވެރިވި 7،971 ދަރިވަރުންގެ ތެރެއިން، 7،000އަށް ވުރެ ގިނަ ދަރިވަރުން ބިޒްނަސް ސްޓްރީމްގެ މާއްދާތައް ކިޔެވިއިރު، އެ ސްޓްރީމްގައި ހިމެނޭ މާއްދާތަކުގެ ތެރެއިން ވެސް ނިސްބަތުން މަދުކަން ފާހަގަކުރެވެނީ އިކޮނޮމިކްސް ކިޔެވި ދަރިވަރުންގެ އަދަދެވެ.




