ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޝަހީދު ޢަލީ ސްކޫލް، ހުޅުވުމުގެ ރަސްމިއްޔާތުގައި.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އިލްތިމާސްކުރެއްވީ ފަތިސް ނަމާދުން ދުވަސް ފެށުމަށް
މަރްޔަމް މުޙައްމަދު 27 ޖެނުއަރީ 2026 (އަންގާރަ)   14:40
ފަތިސް ނަމާދުން ދަރިވަރުން އެ ކުދިންގެ ދުވަސް ފެށުމަށާއި މިކަން މައިންބަފައިން ކަށަވަރުކުރައްވައި ދަރިވަރުން އެގޮތަށް ބައްޓަންކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލޭގެ ފޭސް 2 ގައި މިއަދު ހުޅުވި "ޝަހީދު ޢަލީ ސްކޫލް" ހުޅުވުމުގެ ރަސްމިއްޔާތުގައި، މިއަދު ފެށުނު ދިރާސީ އައު އަހަރުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލިރަސްގެފާނު މިޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ކުރެއްވި ޖިހާދަށް ނިސްބަތްކޮށް މިސްކޫލަށް ނަންދެވިފައިމިވަނީ ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ތުއްތު ކުދިންނާއި، ޒުވާނުންގެ ހިތުގައި ޤައުމީ ލޯބި އަށަގަންނުވައި ބިންވަޅު ނެގުމަށްޓަކައި ކުރެވޭ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުންކަމަށެވެ.

އަދި ސްކޫލް ނިސްބަތްވެގެންވާ އަލިރަސްގެފާނުގެ ޖިހާދާއި، އަލިރަސްގެފާނު އެދުވަހު އެކަންތައްތައް ކުރެއްވި ގޮތާއި މިކަންކަމުން ދަރިވަރުން އިބްރަތް ހާސިލްކޮށް ޤައުމީ ލޯބި ކޮންމެ ކުއްޖެއްގެވެސް ހިތުގައި ބިންވަޅުނަގައި ޤައުމަށްޓަކައި ތިމަންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަބަދުވެސް ވިސްނައި އެގޮތުގެ މަތިން މަސައްކަތްކުރުމަށް ހިތްވަރުކޮށް އެގޮތުގައި ކުރިއަށް ދިއުމަށް ހުރިހާ ކުދިން މަސައްކަތްކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ތަޢުލީމް ހާސިލްކުރަނީ ސިކުނޑި ތަރައްޤީކުރުމަށް ކަމަށާއި، ޤައުމެއް ތަރައްޤީވުމުގައި އިމާރާތްތައް އެޅުމާއެކުގައި ސިކުނޑިއާއި ވިސްނުން ތަރައްޤީވާންޖެހޭ ކަމަށާއި، ތަރުބިއްޔަތު ރަނގަޅުގޮތުގައި އަށަގަންނުވާންޖެހޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ކުއްޖަކީވެސް މާތްވެގެންވާ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި މުސްލިމުންނަށްވާއިރު އަޅުގަނޑުމެންވާންޖެހޭނީ އަބަދުވެސް އެކަން ހަދާންކޮށް އިސްލާމްދީނުގައި ކަނޑައަޅާފައިވާގޮތަށް ކަންކަން ތަރުތީބުކޮށް ހަޔާތުގައި ކޮންމެދުވަހެއްވެސް އެގޮތުގައި ހޭދަކުރާ ބަޔަކަށްކަމަށެވެ. އެހެންކަމުން ފަރުޟު ފަސް ނަމާދުކުރުމަށް ހުރިހާ ދަރިވަރުންނަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ވަގުތުން ވަގުތަށް ނަމާދުކުރުމަށާއި ފަތިސްނަމާދުކޮށްގެން ދުވަސް ފެށުމަށް ހުރިހާކުދިންވެސް އަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރެއްވިއެވެ. އަދިމިކަމަކީ މައިންބައިފައިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައި އެކަން ކަށަވަރުކުރެއްވުމަށް ރައީސް ގޮވާލެއްވިއެވެ.

"ނަމާދަށް ފަރުވާތެރިކަން އަދާކޮށް މައިންބަފައިންނަށް ކިޔަމަންތެރިވެ ޓީޗަރުންނާއި ސްކޫލްތަކުގެ ވެރިން އަންގާމަގުން ތަޢުލީމީ ހަޔާތުގައި ކަންކަންކުރަންވާނެ. އޭރުން ކުދިންގެ މުސްތަޤުބަލަށް އެޅިގެންދަނީ ގުޑުވާނުލެވޭ ވަރުގެ ވަރުގަދަ ބިންގަލެއް. ރެނދުއަޅުވާ ނުލެވޭވަރުގެ ވަރުގަދަ ފައުންޑޭޝަނެއް. ތިކުދިން ކިޔަވައިގެން ނިކުމެ ބޮޑެތި މީހުންނަށްވެގެން ކުރިއަށްދާން ބަލާއިރުގައި ބިންގާ އޮތީ ވަރަށް ވީކްކޮށް ރެނދުއަޅާފަކަމަށް ވަންޏާ ހަޔާތުގައި ގެއްލުންތަކެއް ވެދާނެ. މިބިންގާ ވަރުގަދައަށް އެޅުމަށްޓަކައި ސްކޫލްތަކަށް މިއަންނަނީ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންކުލޫސިވް އެޑިއުކޭޝަނަކީ މިސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ހާމަކުރައްވަމުން މުޖްތަމަޢުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ފަރާތްތަކާއި އެކިގޮތްގޮތުން މާޖިނަލައިޒްވެފައި ތިބޭ ކުދިންނާއި ފަރާތްތައްވެސް ހިމެނޭގޮތަށް ތަޢުލީމީ ނިޒާމް ބައްޓަންކުރެއްވުމަށްވެސް މަސައްކަތްކުރައްވަމުން އަންނަކަމަށް ވިދާވިއެވެ.

"އިންކުލޫސިވް އެޑިއުކޭޝަނަކީ މިސަރުކާރުގެ މުހިންމު ސިޔާސަތެއް. މިސްކޫލްގައިވެސް އެފެސިލިޓީ ގާއިމްވެފައި މިހިރީ. ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް އިންކުލޫސިވިޓީ އިތުރުކުރުމަށްޓަކައިވެސް ދަނީ މަސައްކަތްކުރަމުން. މިއަހަރުތެރޭގައި އެކަމަށް ޚާއްސަ މަސައްކަތްތައްކުރުމަށްވެސް އޮތީ ކަނޑައެޅިފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އުނގަންނައި ދިނުމަށްޓަކައި ސަރުކާރާއި ހުރިހާ އެންމެން ގުޅިގެން ހޯދައިދޭ ފުރުސަތަކީ ރަނުގެ ފުރުސަތެއްގެގޮތުގައި ބަލައި އެފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ހުރިހާ ދަރިވަރުންގެ ކިބައިން އެދިވަޑައިގަތެވެ.

ކޮމެންޓް