
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ސިޔާސަތުގެ ދަށުން ޕްލާސްޓިކް ހޮޅި ހިމެނޭހެން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ބައެއް ޕްލާސްޓިކްގެ ބާވަތްތައް އެތެރެކުރުން މަނާކުރުމަށް އަމަލުކުރަން 2021 ވަނަ އަހަރުގެ ޖޫން މަހު ފަށާފައިވުމާއެކު، މިކަން ތަންފީޒުކުރަމުންދާތާ މިހާރު ވަނީ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
މިފަދަ ބަދަލުތަކެއް ގެނެސްފައިވަނިކޮށް، އެކަށީގެންވާ ސަބަބެއް، ހުއްޖަތެއްނެތި ސިޔާސަތު ބަދަލުކުރުމަކީ ގަވާއިދުތަކާއި ސިޔާސަތުތަކާމެދު އޮންނަ ޔަގީންކަން ގެއްލި، ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކުގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
މިކަމަށް ސަރުކާރުން ދައްކާފައިވާ އުޒުރުތަކަކީވެސް އެކަށީގެންވާ ސަބަބުތަކެއް ނޫންކަން ފާހަގަކޮށް އެމްޑީޕީން ބުނީ މިފަދަ ބަދަލެއް ގެންނަން ޖެހުނީ ކީއްވެކަން، ނުވަތަ އެހެނިހެން ގަވާއިދުތަކުގެ ތެރެއިން މިކަން ހައްލުކުރެވެން ނެތީ ކީއްވެކަން، ނުވަތަ 2031 ވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުކުރަން ޖެހުނު ސަބަބު ސާބިތުކޮށްދޭނެ ދިރާސާއެއް ނުވަތަ އެކަށީގެންވާ ސަބަބުތަކެއްވެސް ސަރުކާރުން ހާމަނުކުރާ ކަމަށެވެ.
"ރާއްޖެ ފަދަ އިގްތިސާދާއި ރައްޔިތުންގެ ދިރިއުޅުމާއި އަދި ބައިނަލްއަޤްވާމީ މައިދާނުގައި ތިމާވެށީގެ ގޮތުން ލިބިފައިވާ މަގާމު، ކަނޑާއި ވެށީގެ ދުޅަހެޔޮކަމާ ގުޅިފައިވާ ގައުމަކަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ތަޣައްޔަރުކަމާ ގުޅޭގޮތުން ނިންމާ ނިންމުންތައް ވާން ޖެހޭނީ ސާބިތުކަމާއި، ހަރުދަނާ ހެކީގެ މައްޗަށް ބިނާކުރާ ނިންމުންތަކަށް،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ރާއްޖެއިން ކުރިއަށްދާންވީ ތިމާވެށި ހިމާޔަތް ކުރުމުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް އެ ޕާޓީން ބުންޏެވެ. މިގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ މަތިވެރި އަޒުމުގައި ނަމޫނާ ދައްކާ ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރަމުންދިޔަ ދައުރު އަލުން އަދާކުރަން ފަށަން ޖެހޭ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް އަލުން އަމަލުކުރަން ފަށައި، އެ ސިޔާސަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ އެހެނިހެން ތަކެއްޗަށް އެކަށީގެންވާ މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަނޑުތަކަށް ފެތުމަށް ވިޔަފާރިތަކަށް އެހީތެރިވެދީ، ޕްލާސްޓިކް ކުނިބުނި އުފައްދާ ފަރާތްތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ކުނި މަދުކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެއިތުރުން އެމްޑީޕީން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް ފުރިހަމައަށް އަމަލުކޮށް، މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ނުޖެއްސުމަށް އެމްޑީޕީން ވަނީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް ގޮވާލާފައެވެ.




