އެންމެން އެކުވެގެން ކުރާ މަސައްކަތުން ނޫނީ ރާއްޖޭގެ މި ރީތި ޖަޒީރާތަކުގެ ގުދުރަތީ ވެށި އަންނަން އޮތް ޖީލުތަކާ ހަމައަށް ސަލާމަތުން ފޯރުކޮށްދިނުމަކީ މުސްތަހީލު ކަމެއް.--
ވެށީގެ ގުދުރަތީ ރީތިކަން ދެމެހެއްޓުން
މުހައްމަދު ހަލީމް 23 ސެޕްޓެމްބަރ 2026 (ބުދަ)   10:38
މާހައުލުގެ ގުދުރަތީ ރީތިކަމާއި ތިމާވެށީގެ ދުޅަހެޔޮކަމަކީ ކާއިނާތުގެ ހަމަޖެހުމާ ސީދާ ގުޅިފައިވާ މުހިންމު އަސާސެކެވެ. މާތްﷲ މި ބިންހައްދަވައި، އިންސާނުން އުޅުމަށްޓަކައި މިބިން ފުރިހަމަކުރެއްވީ ވަރަށް ފުރިހަމަ މިޒާނެއް ނުވަތަ ތިލަފަތެއްގެ މަތީގައެވެ. ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށާއި، އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހާއްސަކޮށް، ދިވެހިރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޖަޒީރާ ގައުމެއްގައި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ވަކިން ބޮޑެވެ.

ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި ވެށި
އިސްލާމްދީނަކީ ތިމާވެށި ހިމާޔަތްކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެކެވެ. މާތްﷲ ކާއިނާތް އުފައްދަވާފައިވަނީ ހަމަހަމަކަން ގާއިމުކުރެވިފައިވާ މީޒާނެއްގައެވެ. ރަހްމާނު ސޫރަތުގެ 7 އަދި 8 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. 'وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ(7) أَلَّا تَطْغَوْا فِي الْمِيزَانِ(8)'

މި ދެ އާޔަތުގެ މަފުހޫމަކީ، އަދި އެ އިލާހު އުޑު އުފުއްލެވިއެވެ. އަދި އެ އި؛ާހުގެ އަދުލުވެރިކަމުގެ ތިލަފަތް ލެއްވިއެވެ. އެއީ ތިޔަބައިމީހުން ހަމަހަމަކަމުގެ މީޒާނުން ބޭރުވެ، ހައްދު ފަހަނައަޅައި ނުދިއުމަށެވެ.' މި ދެއާޔަތުން އެނގެނީ ދުނިޔޭގެ ގުދުރަތީ ނިޒާމަށް ބަދަލު ގެނެސް، އޭގެ ހަމަޖެހުން ނަގާލުމަކީ ދީނީގޮތުން މަނާކުރައްވާފައިވާ ކަމެއް ކަމެވެ. ބިމުގައި ފަސާދަ ނުއުފެއްދުމަށްވެސް ކީރިތި ގުރުއާނުގައި ވަނީ އަންގަވާފައެވެ. އައުރާފު ސޫރަތުގެ 56 ވަނަ އާޔަތުގައި މާތްﷲ ސުބުހާނަހޫ ވަތައާލާ އަންގަވާ ވަހީކުރައްވާފައި ވެއެވެ. 'وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا' މި އާޔަތުގެ މަފުހޫމަކީ، އަދި ބިން އިސްލާހުވުމަށްފަހު، ތިޔަބައިމީހުން އެބިމުގައި ފަސާދަ ނުއުފައްދާށެވެ.

މާތް ރަސޫލާ ﷺ ގެ ސުންނަތުންވެސް ތިމާވެށި ހިމާޔަތްކުރުމަށް ގިނަގުނަ އިރުޝާދުތަކެއް ދެއްވަފައިވެއެވެ. އެކަލޭގެފާނު ހަދީޘްކުރައްވާފައިވެއެވެ. 'إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ، وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ'

މި ހަދީސްގެ މަފުހޫމަކީ، ހަމަކަށަވަރުން ދުނިޔެއަކީ ފޮނި، ފެހި ތަނެކެވެ. އަދި ހަމަކަށަވަރުން މާތްﷲ ތިޔަބައިމީހުން އެބިމުގައި ހަލީފާއިން ކަމުގައި ލެއްވިއެވެ. އެއީ ތިޔަބައިމީހުން އަމަލުކުރަނީ ކިހިނެއްތޯ ބެއްލެވުމަށެވެ. އަދި އިންސާނުންނަކީ ބިމުގެ އަމާނާތްތެރިންނެވެ. އެހެންކަމުން ބިމުގެ ގުދުރަތީ ރީތިކަން ހަލާކުނުކޮށް ރައްކާތެރިކުރުމަކީ ދީނީ ވާޖިބެކެވެ.

ކުނީގެ ބާވަތްތައް މެނޭޖުކުރުމާއި އިލްމީ ހަގީގަތްތައް
ޒަމާނީ އިލްމީ ހޯދުންތަކުން ދައްކާގޮތުގައި ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ކުނި މެނޭޖުނުކުރެވުމެވެ. ހާއްސަކޮށް ޕްލާސްޓިކްގެ ސަބަބުން ލިބޭ ގެއްލުންތައް އިންތިހާއަށް ބޮޑެވެ. މިގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް (Single-use plastics) ބިމުގެ ތެރޭގައި މޮޑެވި ހަލަކުވެގެން ދިޔުމަށް ސަތޭކަޔަށްވުރެ ގިނަ އަހަރު ނަގައެވެ. އޭގެ ބަދަލުގައި ފޮތި ކޮތަޅާއި ބިއްލޫރި ފުޅި ފަދަ ތިމާވެއްޓާ ރައްޓެހި ތަކެތި ބޭނުންކުރުން މުހިންމެވެ. އަދި އެހެންމެ، ކުނި އުފެދޭ ތަނުން (އަދި ގޭގެއިން) ކުނި ވަކިކުރުމަކީ (Segregation) ރީސައިކަލް ކުރުމަށް ފަސޭހަވާ ކަމެކެވެ. ކަނޑުތަކަށާއި ގޮނޑުދޮށްތަކަށް ކުނި އެޅުން ހުއްޓާލައި، ކުނި ރަނގަޅު ގޮތުގައި ނައްތާލަންޖެހެއެވެ. މައިކްރޯޕްލާސްޓިކްސްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ވަމުންދާ ގެއްލުމަކީ މިއަދު ސައިންސްވެރިން އެންމެ ކަންބޮޑުވާ އެއް މައްސަލައެވެ.

ކަނޑާއި ފަޅުތައް ހިމާޔަތްކުރުން
ދިވެހިރާއްޖޭގެ ދިރުމަކީ ކަނޑާއި ފަރުތަކެވެ. އިލްމީ ހޯދުންތަކުން އެނގޭ ގޮތުގައި ދުނިޔޭގެ އޮކްސިޖަންގެ ދެބައިކުޅައެއްބައި އުފައްދައިދެނީ ކަނޑުގެ ފެއްސާއި ފަރުތަކުންނެވެ. އަދި ފަރުތަކަށް ނަގިލި އުކުމާއި، މުރަކައަށް ގެއްލުންވާ ފަދަ ކަންކަމަކީ ދުރުހެލިވާންޖެހޭ ކަންކަމެވެ. މުރަކަ ހުދުވުމުގެ (Coral Bleaching) މައްސަލައަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އަދި ވެލާ، މިޔަރު، އަދި އެކި ބާވަތްތަކުގެ މަސްމަހާމެހި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ރައްކާތެރިކަމަށް އަހަރުމެން ސަމާލުވާންވާނެއެވެ. ކަނޑުގެ ދިރުންތަކުގެ މާހައުލީ ނިޒާމު (Marine Ecosystem) ހަލާކުވެއްޖެނަމަ، އޭގެ އަސަރު އިންސާނުންގެ ކާނާގެ ޔަގީންކަމަށް (Food Security) ކުރާނެއެވެ.

ގަސްގަހާގެހި އާލާކުރުން
ގަސްގަހާގެއްސަކީ ބިމުގެ ފުރާނައެވެ. ކާއިނާތުގެ މާހައުލީ ނިޒާމު ހަމަހައްޓައިދީ، ދިރޭތަކެއްޗަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދޭ މައިގަނޑު ވަސީލަތަކީ ގަސްގަހާގެއްސެވެ. އިސްލާމްދީނުގައި ގަސް އިންދުމާއި ދަނޑުވެރިކަން ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. މާތް ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. 'إِنْ قَامَتِ السَّاعَةُ وَبِيَدِ أَحَدِكُمْ فَسِيلَةٌ، فَإِنِ اسْتَطَاعَ أَنْ Lا تَقُومَ حَتَّى يَغْرِسَهَا فَلْيَغْرِسْهَا'

މި ހަދީސްގެ މަފުހޫމަކީ، ގިޔާމަތްވާ ވަގުތު ކައިރިވެއްޖެނަމަ، އަދި ތިޔަބައިމީހުންގެ އަތުގައި އިންދާނެ ގަހެއް ނުވަތަ އޮށެއް އޮތްނަމަ، ފަހެ އެ ގަސް އިންދޭތޯ މަސައްކަތްކުރާށެވެ.

މި މާތް ހަދީސުން އެނގެނީ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ގަސް އިންދައި ބިން ފެހިކުރުމުގެ މުހިންމުކަމެވެ. އިލްމީ ގޮތުން ބަލާއިރު، ގަސްތަކުން ޖައްވުގައި ހުންނަ ކާބަންޑައިއޮކްސައިޑް ދަމައިގަނެ، ދުނިޔެ ހޫނުވުން (Global Warming) ކުޑަކޮށްދެއެވެ. ހާއްސަކޮށް ރާއްޖޭގެ ނާޒުކު ރަށްރަށުގައި ގަސް އިންދުމަކީ ރަށްގިރުމުން ސަލާމަތްވުމަށާއި ޖައްވު ސާފުކޮށް ބެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، ބޭނުމެއްނެތި ބޮޑެތި ގަސްތައް ކެނޑުން ހުއްޓާލަންޖެހެއެވެ. ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކުގައި ހުންނަ ކާނި، ހިރުނދު، އަދި ކުރެދި ފަދަ ގަސްތަކަކީ ރަށްގިރުން ހުއްޓުވައިދޭ ގުދުރަތީ ރައްކާތެރި އައްޑަނައެކެވެ.

ހަކަތަޔާއި ފެން އިގްތިސާދުކުރުން
ގުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމާއި، ހަކަތަޔާއި ފެން އިގްތިސާދުކުރުމަކީ ތިމާވެށި ދެމެހެއްޓުމުގެ މުހިންމު އަސާސެކެވެ. އިސްރާފުކުރުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެކެވެ. އައުރާފު ސޫރަތުގެ 31 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. 'وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ' މި އާޔަތުގެ މަފުހޫމަކީ، އަދި ތިޔަބައިމީހުން ކާށެވެ. އަދި ބޯށެވެ. އަދި އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ އެ އިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ."

މިއަދުގެ ސައިންސްވެސް ބާރުއަޅަނީ މި ދީނީ އިރުޝާދާ އެއްގޮތަށް ވަސީލަތްތައް ހެޔޮގުތގައި ހިފުމަށެވެ. އިސްރާފުކުރުމާއި ދުރުހެލި ވުމަށެވެ. ހަކަތަ އުފެއްދުމަށްޓަކައި ޑީސަލް ފަދަ ތެޔޮ އެންދުމުގެ ބަދަލުގައި، އަވިން ހަކަތަ އުފައްދާ ނިޒާމުތައް (Solar Panels) ފަދަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުވެ، މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ހަމައެއާއެކު، ފެން ބޭނުންކުރުމުގައި އިގްތިސާދުކުރަންޖެހެއެވެ. ބިމުގެ ފެން ފަށަލަ ތަގައްޔަރުވެފައިވާ މި ޒަމާނުގައި، އަދި ކާރިސާތަކުގެ ވަގުތުގައި ސާފު ބޯފެން ލިބުމަކީ މުޅި ދުނިޔެއަށްވެސް އޮތް ބޮޑު ގޮންޖެހުމަކެވެ. ފެން އިސްރާފުނުކޮށް ރައްކާތެރިކުރުމަކީ އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކާއި ވެށި ހިމާޔަތްކުރުން
ތިމާވެށީގެ މައްސަލަތަކަކީ އެއްވެސް ގައުމެއްގެ ބޯޑަރުގެ ތެރޭގައި އެކަނި ބަންދުވެފައި އޮންނަ ކަންކަމެއް ނޫނެވެ. މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބައިނަލްއަގުވާމީ ގޮންޖެހުމަކަށް ވާތީ، ދުނިޔޭގެ ފެންވަރުގައި އެކުލަވާލެވިފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި (Multilateral Environmental Agreements) ދިވެހިރާއްޖެއިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރެއެވެ. މިގޮތުން ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާ ބެހޭ އދ. ގެ ފްރޭމްވޯކް ކޮންވެންޝަން (UNFCCC) އަދި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ބާރުއަޅާ ޕެރިސް އެގްރީމެންޓް (Paris Agreement) ގައި އެންމެ ފުރަތަމަ ސޮއިކޮށް ތަސްދީގުކުރި އެއް ގައުމެވެ.

މީގެ އިތުރުން، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމާ ބެހޭ ކޮންވެންޝަން (CBD)، އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ބެހޭ މޮންޓްރިއަލް ޕްރޮޓޮކޯލް އަދި ނުރައްކާތެރި ކުނި ބޭރުކުރުން މަނާކުރާ ބޭސެލް ކޮންވެންޝަން ފަދަ މުހިންމު ބައިނަލްއަގުވާމީ މުއާހަދާތަކުގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. މި މުއާހަދާތަކުގެ ދަށުން ރާއްޖެއިން ވަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމަށް ސިޔާސަތުތައް އެކުލަވާލާފައެވެ. ބައިނަލްއަގުވާމީ މުއާހަދާތަކަށް ބޯލެނބުމަކީ ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތިމާވެށީގެ އަޑު އުފުލުމަށް ލިބޭ ބޮޑު ބާރެކެވެ.

ތިމާވެށީގެ ގާނޫނުތަކާއި ފަރުދީ ޒިންމާ
ދިވެހިރާއްޖޭގެ ނާޒުކު ޖަޒީރާ މާހައުލު ރައްކާތެރިކުރުމަށްޓަކައި ވަރުގަދަ ގާނޫނީ އޮނިގަނޑެއް ވަނީ އެކުލަވާލެވިފައެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ތިމާވެށި ހިމާޔަތްކުރުމަކީ ދައުލަތުގެ އަސާސީ ވާޖިބެއްގެ ގޮތުގައި ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައިވާ ގޮތުން، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކޮށް، އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތައް ހިންގަންވާނީ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައެވެ.

މީގެ އިތުރުން، ރާއްޖޭގެ ތިމާވެށީގެ މައިގަނނޑު ގާނޫނު ކަމުގައިވާ ގާނޫނު ނަންބަރު: (4/93) (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކާމެދު ބޮޑެތި ޖޫރިމަނާތަކެއް ކުރުމާއި ފިޔަވަޅު އެޅުމުގެ ބާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (EPA) އަށް ލިބިދެއެވެ. އަދި ކުނި މެނޭޖުކުރުމުގެ ގާނޫނާއި، ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ބެހޭ ގަވާއިދުތަކަކީވެސް މި ފަރުތަކާއި ފަޅުތައް ސަލާމަތްކުރުމަށް ހަދާފައިވާ މުހިންމު ގާނޫނީ ގަވާއިދު ތަކެވެ. ނަމަވެސް، ހަމައެކަނި ގާނޫނުތަކަކުން ނުވަތަ މުއައްސަސާތަކަކުން ކުރާ މަސައްކަތުން އެކަނި ތިމާވެށި ސަލާމަތެއް ނުކުރެވޭނެއެވެ. ގާނޫނު ތަންފީޒުކުރުމަށްވުރެ މުހިންމީ، ކޮންމެ ފަރުދަކުވެސް ތިމާވެއްޓަށް ލޯބިކޮށް، ފަރުދީ ޒިންމާ އަދާކުރުމެވެ. މިގޮތުން ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

ހ. ތިމާވެށީގެ ގާނޫނުތަކަށް ބޯލެނބުން: ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗަށް، މިސާލަކަށް، ވެލާ، މިޔަރު، އަދި ކަނޑުގެ އައިންމަތީ ދޫނިތަކަށް ގެއްލުން ނުދިނުމާއި، އީޕީއޭ އިން މަނާކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގުމާއި ރުއްގަސް ކެނޑުން ހުއްޓާލުން.

ށ. ފާހަގަކޮށްލެވޭ ތިމާވެށީގެ ކުށްތައް ރިޕޯޓުކުރުން: މާހައުލަށް ބޮޑެތި ގެއްލުންދޭ އަމަލުތައް، މިސާލަކަށް، ފަރުފަރަށް ކުނި އެޅުން ނުވަތަ ގަވާއިދާ ހިލާފަށް މުރަކަ ނަގާތަން  ފެނުމުން އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުން.

ނ. އިސްރާފުކުރުމުގެ އާދަ ދޫކޮށްލުން: ގޭގޭގައާއި އޮފީސްތަކުގައި ފެނާއި ކަރަންޓު ބޭނުންކުރުމުގައި އިގްތިސާދުކޮށް، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު (Carbon Footprint) ކުޑަކުރުން.

ރ. މުޖުތަމައުގައި ހިންގާ ތިމާވެށީގެ ހަރަކާތްތަކުގައި ބައިވެރިވުން: ރަށްރަށުގެ ގޮނޑުދޮށްތަކާއި ފަރުތައް ސާފުކުރުމަށް ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ، ދަރިންނަށް ތިމާވެށީގެ ހޭލުންތެރިކަން ދަސްކޮށްދިނުން.

މާހައުލުގެ ގުދުރަތީ ރީތިކަން ދެމެހެއްޓޭނީ ވަކި ފަރުދެއްގެ ނުވަތަ ވަކި ވުޒާރާއެއްގެ ބަދަލުގައި އެންމެން އެކުވެގެން، 'މިއީ މަގޭގެވެސް ތިމާވެށި' ކަމުގެ އިހުސާސާއެކު ފަރުދީ ޒިންމާ ފުރިހަމައަށް އަދާކޮށްގެންނެވެ.

ނިންމުން
މާހައުލުގެ ގުދުރަތީ ރީތިކަމާއި ތިމާވެށީގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ހަމައެކަނި ދުނިޔަވީ ސައިންޓިފިކް ބޭނުމެއް ނުވަތަ މާއްދީ މަންފާއެއް ހާސިލުކުރުމަށް ކުރާ ކަމެއް ނޫނެވެ. އިސްލާމީ ތަޝްރީއުގެ އަލީގައި ބަލާއިރު، މިއީ މާތްﷲ އިންސާނާގެ ބޮލުގައި އަޅުއްވާފައިވާ ދީނީ އަދި ރޫހާނީ ބޮޑު އަމާނާތެކެވެ. ބިމުގެ ހަލީފާއެއްގެ ގޮތުގައި އިންސާނާ ލައްވާފައިވަނީ ކާއިނާތުގެ ގުދުރަތީ މިޒާން ހަމަހަމަ ކަމާއެކު ހިފެއްޓުމަށެވެ. އެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވުމަށެވެ. އެހެންކަމުން، ތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ އަގީދާއާ ސީދާ ގުޅިފައިވާ، އަދި އާހިރަތް ދުވަހުން އެއާމެދު ސުވާލުވެވޭނެ އަޅުކަމެއް ފަދަ ޒިންމާއެކެވެ.

އިލްމީ އަދި ސައިންޓިފިކް ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، އިންސާނުންގެ އަމަލުތައް މިއަދު ބަހައްޓާ ގޮތަކުން މާދަމާގެ ޖީލުތަކުގެ މުސްތަގުބަލު ސީދާގޮތެއްގައި ކަނޑައެޅިގެންދާނެއެވެ. ޕްލާސްޓިކުން ވެށި ތަގައްޔަރުވުމާއި، ކަނޑުފަޅުތައް ހަލާކުވުމާއި، އަދި ހަކަތަ އިސްރާފުކުރުމުގެ ސަބަބުން ކުރިމަތިވާ މޫސުމީ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ މައްސަލަތަކެއް ނޫނެވެ. އެއީ އަންނަން އޮތް ޖީލުތަކުގެ ސިއްހަތާއި، އިގުތިސޯދާއި، އަދި ދިރިހުރުމުގެ ހައްގަށް ދެވޭ ނުރައްކާތެރި ހަމަލާތަކެކެވެ. މިއަދު އަޅުގަނޑުމެން އަޅާ ކޮންމެ ރައްކާތެރި ފިޔަވަޅަކީ މާދަމާގެ ދަރިންނަށް ސާފު، ރީތި އަދި ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށްޓަކައި ކުރެވޭ ދެމެހެއްޓެނިވި އިންވެސްޓްމަންޓެކެވެ.

ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ތިމާވެށި ހިމާޔަތްކުރުމަށް ކިތަންމެ ވަރުގަދަ ބާރުތަކެއް ދީފައިވީ ނަމަވެސް، ހަމައެކަނި ގާނޫނުތަކަކުން ނުވަތަ މުއައްސަސާތަކެއްގެ މަސައްކަތުން އެކަނި މި ނާޒުކު މާހައުލު ސަލާމަތެއް ނުކުރެވޭނެއެވެ. ގާނޫނުގެ ބާރު ފުރިހަމަވަނީ މުޖުތަމައުގެ ފަރުދީ ހޭލުންތެރިކަމާއި، ކޮންމެ މީހަކުވެސް ތިމާވެށީގެ ހިމާޔަތަށް އިސްނަގައިގެން އަމަލީގޮތުން މަސައްކަތް ކޮށްގެންނެވެ. ފަރުދީ ޒިންމާގެ ދަށުން ކުނި މެނޭޖުކުރުމާއި، ގަސް އިންދުމާއި، އަދި ވަސީލަތްތައް އިގްތިސާދުކުރުމުގެ ސަގާފަތް މުޅި މުޖުތަމައުގައި އަށަގަންނުވަންޖެހެއެވެ.

ތިމާވެށި ހިމާޔަތްކުރުމަކީ ވަގުތީގޮތުން ނުވަތަ ވަކި ދުވަހެއް ފާހަގަކުރުމަށް ކުރާ ކަމެއްގެ ބަދަލުގައި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ދާއިމީ އާދައަކަށް ހަދަންޖެހެއެވެ. ގުދުރަތީ ވަސީލަތްތަކަށް އިހުތިރާމްކޮށް، އިސްރާފުކުރުމުން ދުރުހެލިވެ، ތިމާވެއްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅިއެއް ޚިޔާރުކުރުމަކީ މިއަދުގެ މަޖުބޫރީ ބޭނުމެކެވެ. "މިއީ މަގޭވެސް ތިމާވެށި" ކަމުގެ ފުން އިހުސާސާއެކު، އެންމެން އެކުވެގެން ކުރާ މަސައްކަތުން ނޫނީ ރާއްޖޭގެ މި ރީތި ޖަޒީރާތަކުގެ ގުދުރަތީ ވެށި އަންނަން އޮތް ޖީލުތަކާ ހަމައަށް ސަލާމަތުން ފޯރުކޮށްދިނުމަކީ މުސްތަހީލު ކަމެކެވެ.

ކޮމެންޓް