އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު.--
އުޅަނދުތަކުގެ ސަލާމަތްތެރިކަން ޔަގީންކޮށްދޭން ސަރުކާރު ވަނީ ނުކުޅެދިފައި: އެމްޑީޕީ
ހަސަން އިބްރާހީމް 12 ސެޕްޓެމްބަރ 2026 (ހޮނިހިރު)   17:56
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއްގެ ނަގިލި ކަނޑައިގެންގޮސް ސިނަމާލެ ބްރިޖަށް އުރުނު ހާދިސާއާމެދު ކަންބޮޑުވުން ފާޅުކޮށް، މާލެއާއި މާލެ ކައިރީގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ޔަގީންކޮށްދޭން ސަރުކާރު ވަނީ ނުކުޅެދިފައި ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރި، މިހާރު އަޑިއަށްގޮސްފައިވާ އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ ދެ ބޯޓަކީ ރިޕަބްލިކް އޮފް ހައިޓީގައި ރަޖިސްޓްރީކޮށްފައި، އެހެންނަމަވެސް ވެރިފަރާތް ކަށަވަރު ނުވާ ދެ ބޯޓެވެ.

އެ ދެ ބޯޓު ރާއްޖެ ސަރަހައްދަށް ވަނީ މިދިޔަ އޭޕްރިލް މަހު އެއްވެސް ހުއްދައެއް ނެތި އެވެ. އެ ދެ ބޯޓު ރާއްޖެ ސަރަހައްދުގައި އޮތްކަން ސަލާމަތީ ބާރުތަކަށް އެނގުނީ ވެސް މާލެ ސަރަހައްދުގައި އެ ދެ ބޯޓު ބަނދަރުކުރިތާ ހަފުތާއެއް ފަހުންނެވެ. އަދި، އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގައި ނަގިލި ނެތްއިރު އިންޖީނުވެސް މަސައްކަތް ކުރީ އެއް ބޯޓުގެ ކަމަށް ވެއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ދެ ބޯޓުގައި އެއްވެސް ސަލާމަތީ ފިޔަވަޅެއް ފުރިހަމަނުވާކަން އެނގިހުރެ، ދޮޅު މަސް ދުވަހު އެ ދެ ބޯޓު މާލެ ކައިރީގައި ދޫކޮށްލާފައި އޮތުމަކީ ސީރިއަސް އިހުމާލެއް ކަމަށެވެ. އަދި، އެ ބޯޓުތައް ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރަން ދޮޅު މަސް ކުރިން ނިންމުމަށްފަހު ވެސް، އެ މަސައްކަތް ކޮށްފައި ނުވުމުގެ ސަބަބުން މި ނުރައްކާތެރި ހާދިސާ ހިނގާފައިވާ ކަމަށް ފާހަގަކުރި އެވެ.

"ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވީ ނަމަވެސް، މިފަދަ ހާދިސާއަކުން ބޮޑެތި ގެއްލުންތަކެއްވުން އެއީ ދުރުކަމެއްނޫނެވެ. އަދި، މި ސަރުކާރުން އެހާ އަވަހަށް މުޅި ސިނަމާލެ ބްރިޖު ބަލާ. އެތަނަށް އެއްވެސް ގެއްލުމެއްނުވާކަން ކަނޑައެޅި ގޮތާމެދު މި ޕާޓީއިން ކަންބޮޑުވުން ފާޅުކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"މާލެއާއި މާލެ ކައިރީގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ޔަގީންކޮށްދޭން ނާގާބިލު އަދި ފަރުވާކުޑަ މި ސަރުކާރުން މިވަނީ ނުކުޅެދިފައެވެ. އަދި، ބޮޑުތަނުން އިހުމާލުވެފައެވެ. ދޮޅުމަސް ދުވަހު މިފަދަ ބޭރުގެ ދެ ބޯޓު މާލެ ކައިރީގައި އެއް ނަގިލިން ބަންދަރުކޮށްފައި އޮއްވާ ނަގިލި ކަހާލުމަކީ އާދަޔާ ޚިލާފުކަމެއް ނޫނެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެ ދެ ބޯޓު އޮވެ މިފަދަ ހާދިސާއެއް ހިނގުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ. ކަންކަން އިސްލާހު ނުކޮށްފިނަމަ، މާދަމާ މިފަދަ އުޅަނދެއް މާލޭގެ ތޮށިގަނޑަށް ނުވަތަ އެހެން އުޅަނދަކަށް އުރުމަކީ ދުރުކަމެއް ނޫނެވެ."

ކަމާބެހޭ މުއައްސަސާތަކަށް ނޭނގި އެއްވެސް ހުއްދައެއް ނެތް އުޅަނދުތަކެއް މާލެ ސަރަހައްދަށް ވަދެ ބަނދަރުކުރުމަކީ ދިވެހިރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާއި ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަން ފާހަގަކޮށް އެމްޑީޕީން ބުނެފައިވަނީ ކަމާގުޅޭ އެންމެހާ މުއައްސަސާތަކާއި އެތަންތަނުގެ ވެރިން ޒިންމާދާރުކުރުވާ ޖަވާބުދާރީކުރަންޖެހޭ ކަމަށެވެ.

ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުގެ ބޮޑުބައި ކަނޑަށްވެފައި އޮތުމުން، ބެލުމުގެ ދަށަށް ގެނެވޭ ބޭރުގެ އުޅަނދުތަކާ މެދު އަމަލުކުރާނެ ސާފު އުސޫލެއް ސަރުކާރުން އަވަހަށް އެކުލަވާލައި، އެއާ އެއްގޮތަށް އަމަލުކުރަން ފެށުމަށްވެސް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް