
ޖުމްލަ ފަސް މިލިޔަން ރުފިޔާގެ ބަޖެޓަކާއެކު ހުޅުވާލި މި ފުރުސަތުގެ ދަށުން އިންޑެޕެންޑެންޓް ރިސާޗު ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެމްއެމްއޭ އިން އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ މި ގްރާންޓްތައް ދޫކުރުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ އެމްއެމްއޭގެ މަގްސަދުތަކާ ގުޅުންހުރި އަދި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް ކަމަށެވެ. އެގޮތުން އިގުތިސޯދީ ހަމަޖެހުމާއި، މަނިޓަރީ ސިޔާސަތު، މާލީ ދާއިރާގެ ވިލުންވެރިކަން، ޑިޖިޓަލައިޒޭޝަން އަދި ފިންޓެކް ފަދަ ދާއިރާތައް ހިމެނެ އެވެ. އޭގެ އިތުރުން ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިގުތިސޯދު، އިސްލާމީ މާލިއްޔަތު، ވަޒީފާގެ ބާޒާރު، ބޯހިޔާވަހިކަން، އަދި ސިއްހީ ދާއިރާގެ އިތުރުން ދައުލަތުގެ ހަރަދުތަކާ ގުޅޭ ދިރާސާތަކަށް ވެސް ފުރުސަތު އޮންނާނެއެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށާއި، ތައުލީމީ އިދާރާތަކުގެ އިތުރުން ތިންކު ޓޭންކުތަކަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ. ނަމަވެސް، މި ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓާސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.
މި ގްރާންޓްތަކުގެ މައިގަނޑު މަގުސަދަކީ އިލްމީ ދިރާސާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ ދިރާސާ ކަރުދާސްތަކާއި ފޮތްތައް ލިޔުމަށް ހިތްވަރު ދިނުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ. ވަކިން ހާއްސަކޮށް، އިގުތިސޯދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އެހީތެރިވެދޭނެ އީޖާދީ އަދި މަތީ ފެންވަރުގެ ދިރާސާތަކެއް ރާއްޖޭގައި ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ މި ފަންޑުގެ މުހިންމު އަމާޒެކެވެ.
އެ ފަންޑަކީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ބޭއްވި އެ އޮތޯރިޓީގެ ރިސާޗް ކޮންފަރެންސްގައި އިފްތިތާހު ކުރި ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ބުރު 2025 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާއިރު، އެ ފަހަރު 6 ރިސާޗް ޕްރޮޕޯސަލަކާއި އެއް ފޮތް ލިޔުމުގެ ގްރާންޓް ވަނީ އެވޯޑު ކޮށްފައެވެ.
މި އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 13، އެވެ. މި ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެމްއެމްއޭ ރީސާޗު ފަންޑް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.




