ވަގު ޓީޓީ ހުއްޓުވުމުގެ އެމްއޯޔޫގައި ސޮއިކުރުމަށް އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އެމްއެމްއޭ
ވަގު ޓީޓީ ހުއްޓުވުމުގެ މުއާހަދާއެއްގައި ކަސްޓަމްސްއިން ބޭންކުތަކާއެކު ސޮއިކޮށްފި
މަރްޔަމް މުހައްމަދު 27 އޯގަސްޓް 2026 (ބުރާސްފަތި)   20:33
ރާއްޖެއިން ބޭރުން މުދާ ގެނައުމުގެ ނަމުގައި، ވަގު ޓީޓީ ( ޓެލެގްރަފިކް ޓްރާންސްފާ) ފޮނުވާ އޮޅުވާލުމުގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު ކަސްޓަމްސްއިން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު މި ނިޒާމުގެ ދަށުން، އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) މެދުވެރިވެގެން ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިކަމަށްޓަކައި އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސް ކޮމިޝަނަރު، ފާތިމަތު ދިޔާނާ ކަސްޓަމްސްގެ ފަރާތުން މި އެމްއޯޔޫތަކުގައި ސޮއިކުރެއްވި އިރު، ބޭންކުތަކުގެ ފަރާތުން އެ ބޭންކުތަކުގެ ސީއީއޯ އިންނާއި މެނޭޖިން ޑިރެކްޓަރުން ވަނީ ސޮއިކުރައްވާފައެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައި މި ވަނީ، ޓީޓީތަކަށް ގެންނަ މުދާ މޮނިޓާކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު، ޑޮލަރުގެ މައްސަލައިގައި ސަރުކާރުން އަޅާ ފިޔަވަޅުތައް އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާފައި ވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް