މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އިދާރާ.--
ބޭރު ފައިސާގެ ގާނޫނާ އެއްގޮތައް ބޭންކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތައް އާންމުކޮށްފި
ހިޝާމް ހާރޫން 23 އޯގަސްޓް 2026 (އާދީއްތަ)   19:57
ބޭރު ފައިސާގެ ގާނޫނަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުގެ ދަށުން އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އިން ކަނޑައަޅާފައިވާ ގޮތަށް، އެއްވެސްވަރަކަށް ބޭރުފައިސާ މާރުނުކުރާ ދެ ރިސޯޓެއްގެ ނަން ހާމަކުރަން ނިންމާ އެކަން އެ އިދާރާއިން އިއުލާންކޮށްފި އެވެ.

އެގޮތުން އެމްއެމްއޭއިން ހާމަކޮށްފައިވާ ދެ ރިސޯޓަކީ ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އާއި ރަހާ ރިސޯޓެވެ.

އެ ގާނޫނު ތަންފީޒުކުރަން ފެށިފަހުން މިހާތަނަށް ރާއްޖޭގެ ގިނަ ރިސޯޓުތަކުން ދަނީ ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރުމުގެ ކަންކަން ފުރިހަމަކުރަމުންކަން އެމްއެމްއޭ އިން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓަށް ބަލާއިރު ފެންނާންއޮވެއެވެ.

އެގޮތުން 78 އިންސައްތަ ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ އެކަށީގެންވާ ގޮތެއްގައި މާރުނުކުރަނީ 20 އިންސައްތަ ރިސޯޓުންނެވެ. މި 20 އިންސައްތައިގެ ތެރޭގައި ހިމެނޭ ގިނަ ރިސޯޓުތަކުން އެކި ސަބަބުތަކާ ހުރެ ލުއިތަކެއް (ކޮންސެޝަން) ދިނުމަށް އެދިފައިވީ ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކޮށްފައި ނެތުމުން އެކަން އެމްއޭ އިން ހަނދާންކޮށްދީފައިވާ ކަމަށް އެ އިދާއިން ބުނެއެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމުގައިވާ ގެސްޓްހައުސްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ސަފާރީ އަދި ހޯމްސްޓޭ ފަދަ ތަންތަން ހިމެނޭ ކެޓަގަރީ "ބީ" ގެ 48 އިންސައްތަ ތަނުން ވަނީ ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައި ކަން ފާހަގަކޮށްލެވެއެވެ.

އެންމެ އެކަށީގެންވާ ގޮތެއްގައި މިކަން ކުރިއަށް ނުގެންދަނީ 15 އިންސައްތަ ތަނުންނެވެ. އަދި 37 އިންސައްތަ ތަނަކުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ. މިއީ މެދު ފަންތީގެ ވިޔަފާރިތަކަށް ވާތީ، ގާނޫނުގެ ތެރެއިން އެ ފަރާތްތަކަށް އިތުރު ފުރުސަތު ދީ، ގަވާއިދަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކެޓަގަރީ "ސީ" (އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތައް) އަށް ބަލާއިރު، އޭގެ ތެރެއިން 38 އިންސައްތަ ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ފުރިހަމަކޮށްފައިވެއެވެ. މި ކެޓަގަރީގެ 33 އިންސައްތަ ތަނުން އެކަށީގެންވާ ގޮތެއްގައި މާރުނުކުރާއިރު، 29 އިންސައްތަ ތަނަކުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ.

ކޮމެންޓް