
މި ހާދިސާ އާ ގުޅޭގޮތުން މިއަދު ހެނދުނު އެމްއެންޑީއެފުން އާންމުކުރި މައުލޫމާތުގައި ބުނީ، ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް، ލިބުނީ، ރޭ ދަންވަރު 00:44 ގައި ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ޑައިވަރުންނަށް އެ މީހާ ފެނުނީ، ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައި ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމީހަކީ ބިދޭސީއެއް ކަމަށް ބުނުން ފިޔަވާ އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ނުދެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެ ކުރިން މަދުން ނަމަވެސް މީހުން ބްރިޖުން ކަނޑަށް ފުންމާލުމުގެ ނުވަތަ ފުންމާލަން އުޅުމުގެ ހާދިސާތައް ހިނގާފައި ވެއެވެ.




