ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލިގެންކަމަށާ، ރޭ ވަނީ އެ ދެ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލުކުރުމުގެ މަސައްކަތް ކޮށްފައިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެހެންކަމުން އެ ދެ ބޯޓަކީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެ އުޅަނދު ކަމަށްވުމުން، އިތުރު މައުލޫމާތު ދޭނީ ކަސްޓަމްސްއިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ދެ ބޯޓު އޮޔާ ގޮސްފައިވަނީ މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުން ކަމަށް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ. މި ހާދިސާއާ ގުޅިގެން ބްރިޖުގެ އޮނިގަނޑަށް އެއްވެސް އަސަރެއް ނުކުރާކަމަށް ހައުސިންމިނިސްޓަރު މުއްތޮލިބު މިއަދު ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.
އިންޑިއާގެ 20 ފަޅުވެރިން ތިބި މި ދެ ބޯޓާގުޅޭގޮތުން ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއްވެސް އިދާރާއަކަށް އެންގުމެއް ނެތި، ކްލިއަރެންސް ވެސް ނުހޯދައި މީގެ މަސްތަކެއް ކުރިން ރާއްޖެ އެތެރެވި މި ދެ ބޯޓު ކަމާބެހޭ ފަރާތްތަކަށް ފާހަގަވެ، ފެނިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަޅާފައި އޮންނަތާ ދުވަސްތަކެއް ވީފަހުންނެވެ. އަދި އެ ދެ ބޯޓުގައި ބޭނުންކުރަމުން އައީ ވެސް އެއް ނަގިއްޔެވެ.
މި ހާދިސާއާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ، އެ ދެ ބޯޓަކީ ހާލުގައި ޖެހިފައިވާ ބަޔަކު އުޅޭތާ އެތައް ދުވަހެއް ވެފައިވާ ދެ ބޯޓު ކަމަށާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެ ދެ ބޯޓު ވަދެފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
އަދި މިވަރު ކަމެއް ހިނގާދިޔައިރު ކޯސްޓްގާޑް އާއި އެމްޕީއެލް އަދި ކަސްޓަމްސް އާއި ފުލުހުން ކޮބާތޯ ސުވާލު އުފައްދަވަމުން ކުޑޫ ވަނީ، އެޕްރީލް މަހު ވަތް ބޯޓެއްގައި އޭގަތިބި ފަޅުވެރިން ހާލުގައި ޖެހިގެން އުޅޭތާ 5 މަސް ވެފައި ވާއިރު، މިކަމާ އަޅާލީ ކޮން ބައެއްތޯ ވެސް ސުވާލު އުފައްދަވާފައެވެ.
"ފަރުވާކުޑައީއެވެ. ޒިންމާ އަދާ ނުކުރެވެނީއެވެ. ނިޒާމު ގާއިމުކޮށްފައިނެތީއެވެ. އަދި އެއްވާހަކައެވެ. ސިނަމާލެ ބުރިޖު އޮތީ އިންޝުއަރ ކޮށްފައިބާވައެވެ." – ކުޑޫ
މައުލޫމާތު ލިބޭގޮތުގައި، ބޯޓުގައި ތިބި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު ތިބި ނަމަވެސް ބޯޓުގައި ފުރަތަމަ ތިބި 20 މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން އެ ދެ ބޯޓުގައި މިހާރު ތިބީ ޖުމްލަ ނުވަ މީހުންނެވެ.
އަދި އެ މީހުން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މައްސަލަ ކަސްޓަމްސްއާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން އެމްއެންޑީއެފުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.




