ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ހްފަލާގެތެރެއިން - ފޮޓޯ: ރައީސް އޮފީސް
ވަތަނީ ހިދުމަތުގެ 3 ވަނަ ބެޗް، ތަމްރީނުތައް ހެދުމަށް ފުރައިފި
16 ހަފުތާއަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށެއްގެ ޒުވާނުން ބައިވާއިރު، 64 ފިރިހެން އަދި 20 އަންހެން ދަރިވަރުން ހިމެނޭ
ހަސަން އިބްރާހީމް 12 އޮކްޓޯބަރ 2026 (ހޯމަ)   14:05
84 ދަރިވަރުން ހިމެނޭ ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީންގެ ތިންވަނަ ބެޗުގެ ޕްރޮގްރާމްގެ ބައިވެރިން މިއަދު ފުރައިފިއެވެ.

މި ތަމްރީނުތަކަކީ، ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފަންނީ އިލްމާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެކަމަށް ވާއިރު، މިއީ މި ޕްރޮގްރާމުގެ 3 ވަނަ ބެޗެވެ.

މިފަހަރު ބައިވެރިވާ ދަރިވަރުންނަކީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ ތިންވަނަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި ފަންނީ ތަމްރީނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން މި ބެޗުގައި ފުރުސަތު ދިން ދަރިވަރުން ކަމަށް މައުލޫމާތު ލިބެއެވެ.

ވަތަނީ ހިދުމަތުގެ މި ތަމްރީނުގައި ސެޓްފިކެޓް ލެވެލް 3 ގެ 6 ކޯހެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވާއިރު، އޭގެ ތެރޭގައި މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ކޯސް ވެސް ހިމެނެއެވެ.

މި ކޯސްތަކުގެ މުގައްރަރުގައިވާ ބައިތަކުގެ އިތުރުން ފިޒިކަލް ފިޓްނަސް، ސްވިމިންގ، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް މި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށް ގެންދާނެއެވެ. ހަމައެއާއެކު މި ޕްރޮގްރާމުގައި ލައިފް ސްކިލް ކޮމްޕޯނަންޓުގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމު ބިލްޑިންގ ހަރަކާތްތަކާއި، ލީޑަރޝިޕް ހަރަކާތްތަކުގެ އިތުރުން އަދަބު އަހުލާގު ދަސްކޮށްދޭނެކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ބ.ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.

ގައުމަށް ބޭނުންތެރި، މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރު ކުރާ، އަގީދާ ވަރުގަދަ، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަހުލާގާއި ސުލޫކު އަދި ލީޑަރޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާދާއިރާއެއްގައި ތަމްރީނުތައް ދޭނެކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ކޮމެންޓް