ވިލާ ކޮލެޖް: ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ކޮލެޖް، އަމިއްލަ ޔުނިވާސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ ދަށުން މިފަދަ ކޮލެޖްތައް ޔުނިވާސިޓީއަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭ.– ފޮޓޯ: ފިޔެސް
އަމިއްލަ ޔުނިވާސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު އާންމުކޮށްފި
މަރްޔަމް މުޙައްމަދު 27 ސެޕްޓެމްބަރ 2026 (އާދީއްތަ)   08:26
ރާއްޖޭގައި އަމިއްލަ ޔުނިވާސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އާންމުކޮށްފިއެވެ.

މަތީ ތައުލީމުގެ ގާނޫނުގެ ދަށުން އެކުލަވާލައި ރޭ އާންމުކުރި "ދިވެހިރާއްޖޭގައި ޔުނިވާސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވައިދު"ގައި ވަނީ ޔުނިވާސިޓީއަކަށް ބަދަލުވާނެ މުއްދަތާއި އެ ތަނުގައި ހުންނަން ޖެހޭ ޝަރުތުތައް ބަޔާންކޮށްފައެވެ.

ގަވާއިދުގައިވާ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުންނެވެ. ބޭރު ގައުމެއްގައި އެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގާތާ 10 އަހަރުވުން އަދި ތިން ދާއިރާއަކުން ބެޗެލާސް ޑިގްރީ އާއި މާސްޓާސް ޑިގްރީއާ ދެމެދުގެ ކޯސްތައް ހިންގުމަކީ ވެސް ޝަރުތެކެވެ.

އެ ކޯސްތައް ހިންގާ ކަމަށް ބަލާނީ މެދުކެނޑުމެއް ނެތި ފަސް އަހަރަށް ހިންގުމުންނެވެ.

ގަވާއިދުގައި ހިމެނޭ އިތުރު ކަންކަމުގެތެރޭގައި؛

  • ޑިގްރީ އަދި މާސްޓާސް ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 1،000 އަށް ވުރެ އިތުރުވުން
  • އިންޓަނޭޝަނަލް ޔުނިވާސިޓީ ރޭންކިންގައި ބައިވެރިވެ ރޭންކު ކޮށްފައިވާ ކޮލެޖަކަށްވުން
  • ބައިނަލްއަގުވާމީ ޔުނިވާސިޓީތައް ތަމްސީލުކުރާ ޖަމިއްޔާގެ މެމްބަރަކަށްވުން
  • ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗު މަސައްކަތްކުރުން
  • އެކަޑެމިކް ފުލްޓައިމް މުވައްޒަފުންގެ 10 ޕަސެންޓު ޕީއެޗްޑީ ނުވަތަ ގައުމީ އޮނިގަނޑުގެ ލެވެލް 10 ހާސިލްކުރުން


ގަވާއިދުގައި ބުނީ ޔުނިވާސިޓީއެއް ގޮތަށް ރަޖިސްޓްރީކުރަން ޕްރޮޕޯޒަލް ހުށަހަޅާނީ އެކަމަށް މިނިސްޓްރީން ހާއްސަކުރާ ޕޯޓަލުން ކަމަށެވެ. އެ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރަން މިނިސްޓްރީން ފަސް ބޭފުޅުންގެ ފަންނީ ކޮމިޓީއެއް އެކުލަވާލަންޖެހެ އެވެ.

އެ ކޮމެޓީ އެކުލެވިގެން ވާންޖެހެނީ، މަތީ ތައުލީމުގެ ދާއިރާގެ ދެ ތަޖުރިބާކާރުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސް މުވައްޒަފަކާއި އެމްކިއުއޭގެ އިސް މުވައްޒަފެއްގެ އިތުރުން ފައިނޭންސް ދާއިރާގެ މެންބަރަކު ހިމެނޭ ގޮތަށެވެ.

ޕްރޮޕޯޒަލް ބަލައިގަންނަތާ ތިން މަސް ދުވަހުގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ. އެ އަށް ފަހު، އެ ޔުނިވާސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީކުރަން 100،000ރ. ގެ ފީއެއް ދައްކަންޖެހެ އެވެ. އެ ޔުނިވާސިޓީގެ އިތުރު ކެމްޕަހާއި ލާނިން ސެންޓަރުތައް ރަޖިސްޓްރީ ކުރަން ވެސް ފީ ނަގާނެއެވެ.

ގަވާއިދުގައި ބުނީ ޔުނިވާސިޓީއަކަށް ވުމުން ދެ އަހަރުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަން ޖެހޭނެ ކަމަށެވެ.

އަމިއްލަ ކޮލެޖުތަކަށް ޔުނިވާސިޓީއަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވުނުއިރު، ރާއްޖޭގައި މި ވަގުތު ހިންގަނީ ސަރުކާރުގެ ދެ ޔުނިވާސިޓީ އެވެ. އެއީ ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީ އެވެ.

މިފުރުސަތާއެކު ރާއްޖޭގައި މިހާރު ހިންގާ އަމިއްލަ ބައެއް ކޮލެޖުތައް ޔުނިވާސިޓީއަށް ބަދަލުކުރާނެ ކަމަށް ބެލެވެއެވެ. މަތީ ތައުލީމުގެ ގާނޫނަށް ބަދަލުގެނެސް، ގަވާއިދު އެކުލަވާލާފައި މިވަނީ އެފަދަ ބައެއް ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

ކޮމެންޓް