
އާރުޑީސީން ނަޒީމް އިއްޔެ ވަކިކުރީ އެ ކުންފުނި އުވާލަން ނިންމާފައިވާތީވެ އެވެ. ވަގުތީ ގޮތުން އެ ކުންފުނި ހިންގުން ހަވާލުކުރީ، ކުރިއަށް އޮތްތަނުގައި އެ ތަނުގެ މަސައްކަތް ބަދަލުކުރަން ހަމަޖެހިފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ އެވެ.
ނަޒީމް އަކީ ޔޫތު މިނިސްޓްރީގެ އެކި މަގާމުތައް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ފުރުއްވި ބޭފުޅެކެވެ. އޭނާ އެ މިނިސްޓްރީގެ އެކި މަގާމުތައް 17 އަހަރު ވަންދެން ފުރުއްވި އެވެ.
ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް މީގެ ހަ އަހަރު ކުރިން އުފެއްދި އާރުޑީސީ އުވާލައި، މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން އިއުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިއީ ދައުލަތުގެ ކުންފުނިތަކުގެ އެފިޝަންސީ ނުވަތަ ހިންގުންތެރިކަން މަތިކޮށް، ހަރަދުތައް ކުޑަކުރަން ގެންނަ ބަދަލެކެވެ. މި ބަދަލުތައް މިދިޔަ މަހު އިއުލާންކުރެއްވި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވ، މިއީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އާރުޑީސީއަކީ އުފެދުނީއްސުރެ ބޮޑެތި ގެއްލުންތަކެއްވަމުންދާ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ކުންފުންޏާ ދެކޮޅަށް ކޯޓުތަކުގައި ގިނަ މައްސަލަތަކެއް ނިމިފައި އެބަހުއްޓެވެ.
މީގެ އިތުރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތަކެއް ނުނިމި ދިގުލައިގެން ގޮސްފައިވާކަން ވެސް ފާހަގަކުރެވެ އެވެ. މި ހުރިހާ ދަރަނިތަކަކާއި ނުނިމި ހުރި މަޝްރޫއުތަކަކާ ދެން ހަވާލުވާން ޖެހޭނީ އެމްޓީސީސީންނެވެ.
ނަމަވެސް، އެމްޓީސީސީއަކީ އާންމު ހިއްސާދާރުންގެ ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏަކަށް ވާއިރު، އާރުޑީސީ އެ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މައްސަލަ އަދި އާންމު ހިއްސާދާރުންނަށް ހުށަހަޅާފައެއް ނުވެއެވެ.




