މުދައްރިސުންނަކީ އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާ މީހުން.--
މުދައްރިސުންނާއެކު ސާބިތުވެތިބުން: ފަންނުގެ ރައްކާތެރިކަމާއި މުސްތަގުބަލް ބައްޓަންކުރުން
މުހައްމަދު ހަލީމް 5 އޮކްޓޯބަރ 2026 (ހޯމަ)   09:29
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ. މުދައްރިސުންނަކީ އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާ މީހުންނެވެ. މުޖުތަމައުގެ ބިންގަލެވެ. އެހެންކަމުން، މުދައްރިސުންގެ އަގުވަޒަންކޮށް، އެމީހުންގެ ހިދުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ފާހަގަކުރާ މުހިންމު ދުވަހެކެވެ. 2026 ވަނަ އަހަރުގެ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހަސް ބައްދަލުކުރަނީ ތާރީހީ ގޮތުން ނުހަނު މުހިންމު ޝިއާރަކާއެކުގައެވެ. މިގޮތުން، ޔުނެސްކޯ އާއި އާއި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމްއިއްޔާ (ILO) އިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ، މުދައްރިސުންނާއެކު ސާބިތުވެތިބުން: ފަންނު ރައްކާތެރިކުރުމާއި، ދަރަޖަ މަތިވެރިކުރުމާއި އަދި އަޅުގަނޑުމެންގެ މުސްތަގުބަލް ބައްޓަންކުރުމުގެ 60 އަހަރު އެވެ.

60 އަހަރުގެ ތާރީހީ ބިންގާ
މި އަހަރުގެ ޝިއާރު ހާއްސަވަނީ 1966 ވަނަ އަހަރުގެ އޮކްޓޫބަރު 5 ގައި ޔުނެސްކޯ އާއި އައިއެލްއޯ ގުޅިގެން މުދައްރިސުންގެ ދަރަޖައާއި، ހައްގުތަކާއި، ގުޅޭގޮތުން އެކުލަވައިލި ތާރީހީ ލިޔުމަށް 60 އަހަރު ފުރުމާ ދިމާކޮށެވެ. މިއީ މުދައްރިސުންގެ ޙައްޤުތަކާއި، މަސްއޫލިއްޔަތުތަކާއި، އަދި އެބޭފުޅުންގެ ތަމްރީނާއި ވަޒީފާގެ މާޙައުލު ހުންނަންޖެހޭނެ ބައިނަލްއަގުވާމީ މިންގަނޑުތައް އެންމެ ފުރަތަމަ ކަނޑައެޅި ބައިނަލްއަގުވާމީ މުއާހަދާއެވެ. މި މުއާހަދާ ފާސްކޮށްފައިވަނީ ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވުނު މުދައްރިސުންގެ ދަރަޖައާބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސެއްގައެވެ. މިގޮތުން، ޔުނެސްކޯ އާއި އައިއެލްއޯ ގުޅިގެން މި ބައްދަލުވުމުގައި ފާސްކުރި މުއާހަދާއަށް 'މުދައްރިސުންގެ ދަރަޖައާ ގުޅޭ ބައިނަލްއަގުވާމީ ރެކޮމެންޑޭޝަން' އެވެ.

1966 ގައި ނިންމި އެ ތާރީހީ ނިންމުމުން ފެށިގެން 2026  ވަނަ އަހަރާ ހަމައަށް ފާއިތުވި 60 އަހަރަކީ، ދުނިޔެއަށް އައި އެކި ބަދަލުތަކާއެކުވެސް، މުދައްރިސުންގެ ފަންނު ރައްކާތެރިކުރުމާއި އެމީހުންގެ ދަރަޖަ މަތިވެރިކުރުމަށް މެދުކެނޑުމެއް ނެތި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކަކީ މިކަމުގެ ހެޔޮ ނަތީޖާއެވެ.

މި ޝިއާރަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީވަމުން އައިގޮތަށާއި، ހާލަތަށާއި، ތާރީހަށް ނުހަނު ފުން ނަޒަރަކުން ވިސްނާލަންޖޭހޭ ޝިއާރެކެވެ.

1980 ގެ އިންގިލާބު: ކޮމިޔުނިޓީ ސްކޫލުތައް ބިނާކުރުން
ދިވެހިރާއްޖޭގެ ތައުލީމީ ތާރީހަށް ބަލާއިރު، 1970 ގެ ފަހުކޮޅާއި 1980 ގެ ކުރީކޮޅަކީ އަތޮޅުތަކުގެ ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލެއް އައި ދުވަސްވަރެކެވެ. މާލޭއިން ބޭރުގުގައި، އަތޮޅުތަކުގައި ކޮމިޔުނިޓީ ސްކޫލް ތައް ބިނާކުރުމަށް ޔުނިސެފުން ހިންގި ބޮޑު މަޝްރޫއަކީ ފާހަގަކޮށްވޭ މަޝްރޫއެކެވެ. މި ޝްރޫއުގެ ދަށުން އޭރު ރާއްޖެގައި އިދާރީގޮތުން އޮތް 19 އަތޮޅުގައި ކޮމިޔުނިޓީ ސްކޫލްތައް ބިނާކުރެވުނެވެ. ފަހުން އެ ސްކޫލުތަކުގެ ނަން ބަދަލުވެގެން ދިޔައީ އަތޮޅު ތައުލީމީ މަރުކަޒު ތަކަށެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ބިނާކުރެވުނީ ބާ އަތޮޅު ކޮމިޔުނިޓީ ސްކޫލެވެ. މި ސްކޫލް ހުޅުވުނީ 1978 ވަނަ އަހަރުއެވެ.  އެވެ. މިއީ މާލޭއިން ބޭރުގައި ސަރުކާރުން ބިނާކުރި އެންމެ ފުރަތަމަ ޒަމާނީ ސްކޫލެވެ. މި މަޝްރޫއުގެ ދަށުން ދެވަނައަށް ހުޅުވީ ކުޅުދުއްފުށީގައި އިމާރާތްކުރި ހދ. ކޮމިޔުނިޓީ ސްކޫލެވެ. އަދި ތިންވަނައަށް ގާއިމުކުރެވުނީ 1981 ވަނަ އަހަރު ވެލިދޫގައި ހުޅުވިގެންދިޔަ ނ. ކޮމިޔުނިޓީ ސްކޫލެވެ. 1980 ގެ ކުރީކޮޅާ ހަމައަށް ދިޔައިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކޮމިޔުނިޓީ ސްކޫލުތައް ވަނީ ހުޅުވިގެން ގޮސްފައެވެ. މި މަރުކަޒުތައް ވެގެންދިޔައީ ހަމައެކަނި ކުދިންނަށް ކިޔަވައިދޭ ތަންތަނަކަށް ނޫނެވެ. މި ސްކޫލުތައް ވެގެން ދިޔައީ މުޅި މުޖުތަމައު ބިނާކުރާ މަރުކަޒުތަކެއްގެ ގޮތުގައެވެ. އަދި ބޮޑެތި މީހުންނަށް އަސާސީ ތައުލީމު ދިނުމާއި، މުދައްރިސުން ތަމްރީނުކުރުމުގެ މައިގަނޑު ބިންގާއަށެވެ.

މުދައްރިސުން ބިނާކުރުމުގައި ޔުނެސްކޯގެ ދައުރު
ރަސްމީގޮތުން މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް ފެށުނީ 19777 ވަނަ އަހަރު އެވެ. އޭރު އެމަސައްކަތް ހިނގަމުންދިޔައީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބެލުމުގެ ދަށުންނެވެ. ރާއްޖޭގެ ތައުލީމީ ނިޒާމު ފުޅާވަމުން ދިޔައިރު، ފެންވަރު ރަނގަޅު ދިވެހި މުދައްރިސުން ބިނާކުރުމުގައި ޔުނެސްކޯ އިން ވަނީ ނުހަނު މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ފަންނީ، އިލްމީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ މުދައްރިސުން ތަމްރީނުކުރަން ފެށި މުއައްސަސާ ކަމުގައިވާ ޓީޗާސް ޓްރެއިނިން ސެންޓަރު 1984 ވަނަ އަހަރު ހުޅުވުމާއި އަދި މަންހަޖުތައް އެކުލަވައިލުމާއި، މުދައްރިސުންނަށް ބޭނުންވާ ފަންނީ އިރުޝާދު ދިނުމުގައި ޔުނެސްކޯގެ ތަޖުރިބާކާރުންގެ ލަފައާއި އެހީތެރިކަން ވަރަށްބޮޑަށް ލިބުނެވެ.

މީގެ އިތުރުން، އަތޮޅު ތައުލީމީ މަރުކަޒުތަކުގައި ތިއްބެވި މުދައްރިސުންނަކީ މުޅި މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށްދޭ ކޮމިޔުނިޓީ އެޑިއުކޭޓަރުން ގެ ގޮތުގައި ތަމްރީނުކުރުމަށް ޔުނެސްކޯއިން ހާއްސަ މަޝްރޫއުތަކެއް ހިންގިއެވެ. ދާދިފަހުން ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާއާއި، ބަލިމަޑުކަމުގެ ތެރޭގައާއި އަދި އޭގެ ފަހުންވެސް، ޔުނެސްކޯއިން ވަނީ ރާއްޖޭގެ މުދައްރިސުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ދުރުންދޭ ތައުލީމު ކުރިއެރުވުމަށް ގިނަގުނަ ފަންނީ ތަމްރީނު ޕްރޮގުރާމް ދީފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް އާއި 21 ވަނަ ގަރުނުގެ ގޮންޖެހުންތައް
މިއަދު އަހަރުމެން ދިރިމިއުޅެނީ ހަލުވިކަމާއެކު ޓެކްނޮލޮޖީ ކުރިއަރަމުންދާ 21 ވަނަ ގަރުނުގައެވެ. ހާއްސަކޮން އާޓިފިޝަލް އިންޓެލިޖެންސް (AI) ގެ ސަބަބުން ތައުލީމީ ނިޒާމަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފައެވެ. ޗެޓްޖީޕީޓީ ފަދަ އޭއައި ވަސީލަތްތަކުގެ ސަބަބުން ކްލާސްރޫމްތަކުގެ ސިފަ ވަންތަކަން ގެއްލި މުދައްރިސުންގެ ދައުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މައުލޫމާތު ހޯދުމަކީ ފިތަކަށް އޮބާލައިގެން ކުދީންނަށް ކުރެވޭކަމަށް ވަނީ ވެފައެވެ. އެހެން ނަމަވެސް، އޭއައި އަށް ކުދިންގެ އަހުލާގާއި، ސުލޫކާއި、 އަދި ނަފްސާނީ ދުޅަހެޔޮކަން ދުވަހަކުވެސް ބައްޓަމެއް ނުކޮށްދެވޭނެއެވެ. އަދި އިންސާނީ ލޯތްބާއި އިރުޝާދެއް ނުދެވޭނެއެވެ. އެހެންކަމުން މިއަދުގެ މުދައްރިސުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ފޮތުން ފިލާވަޅު ނަގައި ދިނުމެއް ނޫނެވެ. އޭގެ އިތުރުން، އޭއައި ގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތާއި، ފާޑުކިޔުމުގެ ވިސްނުމާއި، ހުނަރު ދަރިވަރުންނަށް ދަސްކޮށްދޭ މޭސްތިރިން ތަކަކަސެވެ.

ދިވެހިރާއްޖޭގެ ހާލަތު: ފަންނުގެ އަގުވެއްޓުމާއި މުދައްރިސުންގެ ދަތިކަން
ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގައިވެސް މިއަދު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް މައްސަލައަކީ މުދައްރިސުންގެ ފަންނަށް އޮންނަ ޝައުގުވެރިކަން ކުޑަވުމެވެ. ރާއްޖޭގެ މަސްރަހަށް ބަލާއިރު، މުސާރައަށް ބައެއް ހެޔޮ ބަދަލުތައް ވަނީ އައިސްފައެވެ. ނަމަވެސް، މަސައްކަތުގެ ބުރަކަމައި، އިދާރީ ކަރުދާހުގެ މަސައްކަތް ގިނަވުމާއި، އަދި ޒަމާނާ އެކަށީގެންވާ އިނާޔަތްތައް ނުލިބުމުގެ ސަބަބުން ގިނަ ޒުވާނުން މިއަދު މުދައްރިސުކަމުގެ ދާއިރާއަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. މީގެ އިތުރުން މުޖުތަމައުގެ ފަރާތުން މުދައްރިސުންނަށް ދެވޭ ގަދަރާއި، އިހުތިރާމު ކުޑަވުމަކީވެސް ފަންނުގެ އަގުވެއްޓެން މެދުވެރިވާ ސަބަބެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ތަމްރީނުލިބިފައިވާ ގާބިލު ދިވެހި މުދައްރިސުން ދާއިރާ ދޫކޮށް ދިއުމުގެ ސަބަބުން ޓީޗަރުންގެ ދަތިކަން ވަނީ ތަހަްމަލުކުރަންޖެހިފައެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ސައިންސް އަދި ހިސާބު ފަދަ މާއްދާތަކަށް ކިޔަވައިދޭ ބޭރުގެ މުދައްރިސުންނަށް ބަރޯސާވާންޖެހޭ މިންވަރު އަދިވެސް އިތުރެވެ.

ދިވެހި ޒުވާނުން މުދައްރިސުކަމުގެ ފަންނަށް ޝައުގުވެރި ކުރުވުން
މުދައްރިސުކަމުގެ ފަންނު ދިރުވައި، މުދައްރިސުކަމަށް މީހުން ޝައުގުވެރިކުރުވުމަކީ ދިވެހި ދައުލަތުންނާއި މުޖުތަމައުން އެންމެ އިސްކަމެއް ދޭންޖެހޭ ކަންތަކެވެ. އެގޮތުން، މުދައްރިސުންގެ މުސާރައާއި އިނާޔަތްތައް އަދިވެސް އިތުރަށް މުރާޖައާކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެއީ ފަންނީ އެހެން ދާއިރާތަކެކޭ އެއް ހަމައެއްގައި ފުރުސަތު ހުޅުވާލުމަށްޓަކައެވެ. ޔުނެސްކޯގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މުދައްރިސުންގެ ފެންވަރު މަތިކުރުމާއި، ސްކޫލުތަކަކީ މުދައްރިސުންނާއި، ދަރިވަރުންނަށް ރައްކާތެރި މާހައުލުތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ރަނގަޅުވާނެ ކަމުގައި ބެލެވެއެވެ. އަދި މުދައްރިސުންގެ ފަންނީ ތަރައްގީއަށް ސްކޮލަޝިޕްތަކުގެ ފުރުސަތު ފަހިވެފައި އޮތުމާއި، ޒަމާނީ ޓެކްނޮލޮޖީއާއި އޭއައި އަށް އަހުލުވެރިކުރުވުމުގެ ތަމްރީނުތައް ހިންގުމަކީ ޒުވާނުން އުނގަންނައިދިނުމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދިގެންދާނެ ކަމެކެވެ.

 

ނިންމުން
2026 ވަނަ އަހަރުގެ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ޝިއާރު އަހަރުމެނަށް ހަނދާންކޮށްދެނީ ވަރަށް މުހިންމު ހަގީގަތެކެވެ. ތައުލީމީ ނިޒާމެއް ކުރިއަރައިދާނީ މުދައްރިސުންނާއެކު ސާބިތުވެ ތިބެގެންނެވެ. ފާއިތުވި 60 އަހަރުގެ ތަޖުރިބާއަށް ބާލާއިރު ރާއްޖޭގެ ތައުލީމީ ބިންގާ އެޅުމަށާއި މުދައްރިސުން ތަމްރީނުކުރުމަށް ޔުނެސްކޯ ފަދަ ބައިނަލްއގުވާމީ ޖަމްއިއްޔާތަކުން އަދާކުރި ދައުރު ވަރަށް ބޮދެވެ. މި އެހީތެރިކަމުން ދަސްވި ފިލާވަޅަކީ، މުދައްރިސުންގެ ފަންނު ރައްކާތެރިކޮށް، އެމީހުންގެ ހައްގުތައް ކަށަވަރުކޮށްގެން މެނުވީ ގައުމުގެ އުޖާލާ މުސްތަގުބަލެއް ބިނާނުކުރެވޭނެ ކަމެވެ. ގައުމެއްގެ ދިރުމަކީ މުދައްރިސުންނެވެ. އެހެންކަމުން، ރާއްޖޭގެ ތައުލީމީ ޖީލުތައް ބިނާކުރާ މޭސްތިރިންގެ ގަދަރާއި، ޝަރަފު ހިފެހެއްޓުމުގައި ދައުލަތާއި، މުޖުތަމައުގެ ކޮންމެ ފަރުދަކުވެސް އަތާ އަތް ގުޅާލަންޖެހެއެވެ.

ކޮމެންޓް