ރައީސް މުއިއްޒު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ 23،000 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައި ވާކަމަށް
މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެ: ރައީސް
މަރްޔަމް މުޙައްމަދު 1 މޭ 2026 (ހުކުރު)   10:42
މި ސަރުކާރަށް ދެއަހަރާއި ބައިވާން ކައިރިވެފައިވާއިރު، 23,000 އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފައްދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށެވެ.

އެގޮތުން، ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމްކޮށްފައިވާ ކަމަށެވެ. ގައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމްތައް ފަށާފައިވާ ކަމަށާއި އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްދީފައިވާ ކަމަށެވެ.

"އެއްވެސް ޒުވާނަކު ބާކީވިޔަ ނުދީ ފިސާރި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި ފެށި ދިވެހި ވަޠަނީ ހިދުމަތުގެ ތަމްރީނު ފުރިހަމަކޮށް، ޒިންމާދާރު ވަޒީފާތަކަށް ދަރީން ނުކުންނަމުން އެދަނީ އައިލާތައް ހިނިތުންކުރުވަމުން. ދުނިޔޭގެ ބާޒާރުން ދިވެހި މަސައްކަތްތެރީންނާއި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް، ބައިނަލްއަގްވާމީ ބޮޑެތި އީ-ކޮމާސް މަންސަތަކާއެކު އަޅުގަނޑުމެން އިސްނެގި މަސައްކަތުގެ މޭވާ ލިބެން ފަށައިފި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރުމުގައި އިސްކަންދެމުން ދަނީ ގާބިލް ދިވެހި ކުންފުނިތަކަށް ކަމަށެވެ. މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެ ކަމަށް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. މަސްވެރީންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީން ނެތް ސިނާއީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ސަރުކާރުގެ އުމުރުން ދެ އަހަރާ ހަމަސް ވޭތުވާން ކައިރިވީއިރު، 23,000 އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިއްޖެ. ރާއްޖޭގައި ވަޒީފާތަކުގައްޔާއި މަސައްކަތްތަކުގައި އުޅޭ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ހަރުދަނާ ފިޔަވަޅުތަކާއެކު، ރައްޔިތުން އެދޭ އަމާޒަށް މިކަންވެސް ގެންދެވެން ފަށައިފި. ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި އަމަލީސިފަ މިދަނީ ގެންނަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެދެނީ ވަޒީފާއާއި މަސައްކަތުގެ ފުރުސަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތައް ހަލުވިކޮށް ކާމިޔާބު ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުން ކަމަށެވެ. މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކުމެ ހަށިފޮޅައިލައްވާ އަމަލީ މައިދާނަށް ނުކުމެވަޑައިގަތުން ކަމަށެވެ.  

އަދި 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު، ތަރައްގީވެފައިވާ ފުދުންތެރި ރާއްޖެއެއް ހޯދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ގައުމު ވާސިލުކޮށްދެވޭނީ ހީވާގި ދިވެހި މަސައްކަތްތެރީންނަށް ކަމާ މެދަކު ކުޑަވެސް ޝައްކެއްނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް