އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއީލް ޝަފީއު.-- ފޮޓޯ: މަޖިލިސް
ސްކޫލްތަކުގެ ނަމުގައި ޔޫނިއަން އުފެއްދޭނެ ކަމަށް ގަބޫލެއް ނުކުރަން: އެޑިއުކޭޝަން މިނިސްޓަރ
މަރްޔަމް މުޙައްމަދު 24 ޖޫން 2026 (ބުދަ)   11:10
ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދޭނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އާންމު ކުންފުނިތަކާ ހިލާފަށް ސްކޫލް މަދުރަސާތަކަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ ތަންތަން ކަމަށާއި އެއީ ވަރަށް ގިނަ ހިފެހެއްޓުންތަކެއް ހުންނަ ތަންތަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މެންބަރު މައުރޫފް ކުރެއްވި ސުވާލަކީ އިންޑަސްޓްރިއަލް ގާނޫނުގެ ދަށުން ޔޫނިއަން ހަދާ ހިންގުމުގެ ހައްގު ކޮންމެ މަސައްކަތްތެރިއަކަށްމެ ލިބޭއިރު، އިސްކަންދަރު ސްކޫލްގެ ޓީޗަރުން ރަޖިސްޓްރީކުރި އިސްކަންދަރު ވޯކް ޔޫނިއަން ނަމުގައި އުފައްދާފައިވާ ޔޫނިއަން ބަލައިނުގަންނާނެ ކަމަށް ސްކޫލްގެ މެނޭޖްމަންޓުން އަންގާފައިވަނީ ކޮން ގާނޫނެއްގެ ދަށުންތޯއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މުއައްސަސާއެއްގެ ނަން ނުވަތަ އެފަދަ މުއައްސަސާއަކާ އޮޅުން އަރާ ފަދަ ނަމެއް ޔޫނިއަންއަކަށް ކިޔައިގެން ނުވާނެ ކަމަށް ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"ހުށަހެޅިފައިވާ ސުވާލުގެ ކުރު ޖަވާބެއްގެ ގޮތުގައި ބުނަންޏާ އަޅުގަނޑަށް ބުނެވޭނީ ކުރިން މި ދެންނެވި ގަވާއިދުގެ (ޔޫނިއަން ހިންގުމާއި ރަޖިސްޓްރީކުރުމާ ބެހޭ ގަވާއިދު)ގެ 12 ވަނަ މާއްދާގެ (ހ)ގެ ހަތަރަކާ ހަވާލާދީ އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން، މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން ޔޫނިއަން އެއް އުފެއްދިދާނެ ކަމަކަށް،" މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.

އެ ޔޫނިއަން ރަޖިސްޓްރީކޮށްފައި އޮތީ އެންމެ ރަނގަޅުގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނުދެކޭ ކަމަށާއި އެހެންވެ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިސްކަންދަރުގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އެންގެވީ އެޑިއުކޭޝަން މިނިސްޓްރީން ދިން އިރުޝާދާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސްކޫލްމަދުރަސާތަކުގެ ތެރޭގައި މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ފުރުސަތު ދޭނަންމެ. އެހެން ނަމަވެސް ވަކިވަކި ނަންތަކެއް ހަދައިގެން، ސްކޫލްތަކުގެ ނަންތައް ބޭނުންކޮށްގެން މިފަދަ ކަންތައްތައް ކުރުމަށް ފުރުސަތު ދޭކަށް ގަސްދެއް ނުކުރާ ވާހަކަ މި ފުރުސަތުގައި އިއްޒަތްތެރި މެންބަރަށް ދަންނަވަން،" ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން ސުވާލުކުރަން ދިން ފުރުސަތުގައި މެންބަރު މައުރޫފް ވިދާޅުވީ އިސްކަންދަރު ސްކޫލްގެ ޓީޗަރުން އުފެއްދި ޔޫނިއަން މިދިޔަ ޖެނުއަރީ މަހު ރަޖިސްޓްރީކޮށްދިނީ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީން ކަމަށާއި މޭ ޑޭގައި ހޯމް މިނިސްޓްރީން އިންތިޒާމްކުރި ރެލީގައި ބައިވެރިވާން އެ މިނިސްޓްރީން އެ ޔޫނިއަން އަށް ދައުވަތު ވެސް ދިން ކަމަށެވެ. އެހެންވީމާ އެ ޔޫނިއަން އަށް އެ ނަމުގައި ހަރަކާތްތެރި ވެވޭނެ ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ އިރު، އެ ނަމުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް މިނިނިސްޓަރު ވިދާޅުވަނީ ކޮން ގާނޫނަކުން ބާރުލިބިގެންތޯ އޭނާ އެއްސެވި އެވެ.

"އަޅުގަނޑުގެ ހިތުން ސަރުކާރުގެ އިދާރާއަކުން ރަޖިސްޓްރީކުރިކަމުގައި ވިޔަސް، އެކަށީގެންވާ ވަރަށް ބަލައިލުމެއް ނެތިއޭ އެ ރަޖިސްޓްރީކުރެވިފައި އެވަނީ. އަޅުގަނޑު ކޮންމެހެން އެއަކަށް މާބޮޑު ޖަދަލެއް ކުރާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑު ކުރިން ދެންނެވި ޖަވާބަށް ރިއާޔަތްކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސްކޫލް މަދުރަސާތަކަކީ އެއީ ހާއްސަ ސިފަތަކަކާ ރައްކާތެރިކަމަކާ ދީ ހާއްސަ ގޮތަކަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެކޭ،"  މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްކަންދަރު ސްކޫލްގެ ޔޫނިއަނެއް އުފައްދާފައި "އިސްކަންދަރު" އެ ނަން ކިއުމުން އެ ސްކޫލް ނޫން ތަނަކަށް އެ ނަން ނިސްބަތް ނުވާނެ ކަމަށެވެ.

ކޮމެންޓް