
ބީއެމްއެލް އިން އާންމުކުރި ތަފާސް ހިސާބު ދައްކުވައިދޭ ރިޕޯޓުގައިވާ ގޮތުން ފާއިތުމިވީ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް، ލިބުނު މި ސާފު ފައިދާގެ މާލީ ނަތީޖާ ދައްކާގޮތުން، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.53 ބިލިޔަން ރުފިޔާއާ އަޅައިބަލާއިރު މިއީ %26 ގެ ކުރިއެރުމެއް ކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކަނިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައި ވާއިރު، މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއަށް ވުރެ %36 އިތުރު އަދަދެކެވެ.
މި މުއްދަތުގައި ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން އިތުރަށް ވަރުގަދަވެފައިވާއިރު، ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ %38 ގައި ހުރިއިރުގައި، މިއީ ރެގިއުލޭޓަރީ ގޮތުން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމަށްވާ %12 އަށްވުރެ ތިން ގުނަ މަތީ އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
ބީއެމްއެލްގެ ރިޕޯޓުގައިވާ ގޮތުން ކަސްޓަމަރުންގެ އިތުބާރު ބޮޑުވެ، ބޭންކުގައި ބަހައްޓާފައިވާ ޖުމްލަ ޑިޕޮސިޓް 42.36 ބިލިޔަން ރުފިޔާއަށް އަރާފައި ވާއިރު، މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %14 ގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.
ބޭރު ފައިސާގެ މުއާމަލާތްތަކަށް ބަލާއިރު، 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ރާއްޖޭން ބޭރަށް ޖުމްލަ 2.86 ބިލިޔަން ޑޮލަރު ފޮނުވާފައި ވާއިރު، ހަމައެއާއެކު، ދިވެހި ރުފިޔާއަށް ބަދަލުކޮށް ކަސްޓަމަރުންނަށް ދޫކުރި ބޭރު ފައިސާގެ އަދަދު 722.1 މިލިއަން ޑޮލަރަށް އަރައެވެ.
އެހެންކަމުން މިއީ 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 733.8 މިލިއަން ޑޮލަރާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެއް ކަމަށްވާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މަހަކަށްޖެހޭ އެވްރެޖަށްވުރެ %31 ގެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.




