
ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހާލަތު މެދުވެރިވީ ޑޮލަރު ވިއްކަން ޖެހޭ މިންވަރު، ހާއްސަކޮށް ރުފިޔާ އެކައުންޓުތަކުން ކުރާ ބޭރުގެ މުއާމަލާތްތައް، ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށެވެ.
އެގޮތުން، މިދިޔަ މަހުގެ ނިޔަލަށް މަހެއްގެ މައްޗަށް އެވަރެޖުކޮށް 81.6 މިލިޔަން ޑޮލަރު މަގުން 653 މިލިއަން ޑޮލަރު ވިކްކާފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރަށް ވަރު 33.3 ޕަސެންޓުގެ އިތުރުވުމެކެވެ. މި ނިސްބަތުން ޑޮލަރު ވިއްކުން ކުރިއަށްދާ ނަމަ އަހަރު ނިމޭއިރު، އެއް ބިލިޔަން ޑޮލަރު ވިއްކޭނެ ކަމަށް އެ ބޭންކުން ލަފާކުރެއެވެ.
މަހެއްގެ މައްޗަށް މައިގަނޑު ދާއިރާތަކަށް ޑޮލަރު ދޫކޮށްފައިވާ ނިސްބަތް:
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާއިން ޑޮލަރު ވިއްކައިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. ހާއްސަކޮށް ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑުވާ އެއް މަސް ކަމަށްވާތީ މިކަމުގެ ސަބަބުން ބޭންކަށް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.
ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވުމާ ގުޅިގެން ވޭތުވެދިޔަ ދެ ހަފުތާގައި ޓީޓީ އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޑޮލަރުގެ މުއާމަލާތްތަކަށް ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. ނަމަވެސް، ޑޮލަރުގެ ހަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ދާދި ފަހުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފެށުމުން، ޑޮލަރުގެ އައުމާއި ދިޔުން އެއްހަމައެއްގައި ހިފެހެއްޓުމަށް ވަނީ އެހީތެރިވެދީފައެވެ.
ބީއެމްއެލްއިން ބުނީ މި އެޅި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތަކާއި ޓްރާންސްފާތައް ހެދުމުގައި ހޭދަވާ ވަގުތު އާންމު ހާލަތަކަށް ގެނެވޭނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ބޭންކުގެ ރަސްމީ ވަސީލަތްތަކުން ހިއްސާކުރަމުންދާނެ ކަމަށްވެސް ބުންޏެވެ.
ބީއެމްއެލްއަކީ މާލީ ގޮތުން ނުހަނު ހަރުދަނާ ބޭންކެއްކަން ފާހަގަކުރަމުން ބޭންކުން ބުނެފައިވަނީ، މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއް ކަމަށެވެ. އަދި ކަސްޓަމަރުންނާއި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށް އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ބީއެމްއެލްގެ ބަޔާން ނިންމާލަމުން ވަނީ ދީފައެވެ.




