ރައީސް މުހައްމަދު ނަޝީދު.--
ބީއެމްއެލް އޮޑިޓްކޮށް ސައްހަ ހިސާބުތައް އާންމުކުރަން ރައީސް ނަޝީދު ގޮވާލައްވައިފި
ހިޝާމް ހާރޫން 21 ސެޕްޓެމްބަރ 2026 (ހޯމަ)   13:02
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސައްހަ މާލީ ހިސާބުތައް ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުން އޮޑިޓްކޮށް އާންމުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ރިޒާވްގައި މިވަގުތު ބޭރު ފައިސާއެއް ނެތް ކަމަށާއި، ގަވާއިދުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އަދިވެސް ދައްކަންޖެހޭ ކަމަށެވެ.

ދަރަނި ދެއްކުމަށްޓަކައި ކަސްޓަމަރުންގެ ޑިޕޮސިޓްތައް ބޭނުންކުރުމަށް ސަރުކާރުން ބީއެމްއެލް އަށް މަޖުބޫރުކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ކަސްޓަމަރުން އެދޭ ފައިސާ ދޫކުރުމަށް ބޭންކް ނުކުޅެދިފައިވާ ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

މީގެއިތުރުން، ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުކޮށްގެން ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރާ 160 މިލިޔަން ޑޮލަރު ލިބިއްޖެނަމަ، އަންނަ ހަފުތާގައި ކަސްޓަމަރުންގެ މުއާމަލާތްތަކަށް ފައިސާ ދޫކުރަން ފެށޭނެ ކަމަށް ބީއެމްއެލް އިން އުންމީދުކުރާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، އެއީކީ މާލީ ސްޓްރެޓެޖީއެއް ނޫން ކަމަށާއި އެއީ ހަމައެކަނި ދެކޭ ހުވަފެނެއް ކަމަށް ނަޝީދު ސިފަކުރެއްވި އެވެ.

ރައީސް ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބީއެމްއެލް އަކީ ރައްޔިތުންގެ ބޭންކަކަށް ވާތީ، ރާއްޖޭގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުން އެ ބޭންކުގެ ސައްހަ މާލީ އަދަދުތައް އާންމުކޮށް ހާމަކުރަންޖެހޭނެ ކަމަށެވެ.

ބީއެމްއެލްއިން އިއްޔެ ބުނެފައި ވަނީ ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު މެނޭޖުކުރަން އެ ބޭންކުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ގޮތުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ކޮމެންޓް