ހައުސިން މިނިސްޓަރު އަބްދުﷲ މުތަލިބު އާއި އީގަލް ހިލްސްގެ ފައުންޑަރ މުހައްމަދު އަލައްބާރު، ރަސްމާލެއިން ބިން ދިނުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ހައުސިން މިނިސްޓްރީ
ރާއްޖެއިން ބިން މިލްކުކުރެވޭ ފަދަ މުއާމަލާތްތަށް ހިންގަންޖެހޭނީ ރައްޔިތުންގެ ވޯޓަކުން - އެމްޑީޕީ
"ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރަން ޖެހޭނެ، އެތަނުުން ބޭރުގެ ބަޔަކަށް ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލަން"
ހަސަން އިބްރާހީމް 15 އޮކްޓޯބަރ 2026 (ބުރާސްފަތި)   13:25
ރާއްޖެއިން ބޭރުގެ ބަޔަކަށް ބިން މިލްކުކުރެވޭ ފަދަ މުއާމަލާތްތަށް ހިންގަންޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހުގައި ކަމަށާ، އެހެންކަމުން ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކޮށް އެތަނުުން ބޭރުގެ ބަޔަކަށް ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން މި ސަރުކާރަށް ގޮވާލައިފިއެވެ.

ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހާމަކޮށް، އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބޯހިޔާވަހިކަމުގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ދަށުން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ނިންމާފައިވާ މުއާމަލާތުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ބޭރުގެ އިންވެސްޓަރުންނަށް އެ ޕާޓީން އަބަދުވެސް މަރުހަބާ ކިޔާނެކަމަށް ބުނެ އެމްޑީޕީން ބުނެފައި ވަނީ، އެހެން ނަމަވެސް، އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން އެ ކުންފުނިން ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން ހާމަކުރާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް ހުރިކަމަށާ، މި މަޝްރޫއަކީ ރާއްޖެއަށް ފައިދާހުރި ކަމެއްނަމަ، އޭގެ ތަފްސީލު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މައުލޫމާތު ސިއްރުކުރުމަކީ ނުރައްކާތެރިކަމުގެ ނިޝާނެއް ކަމަށްބުނެ އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، މި މަޝްރޫއާ ގުޅިގެން ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތާއި، ދިވެހި ދައުލަތުން އުފުލަންޖެހޭ މާލީ އިލްތިޒާމުތަކާއި، ބޭރުގެ ކުންފުންޏަށް ދީފައިވާ މާލީ ލުއިތަކާއި އިސްތިސްނާތައް މި ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އެ ކުންފުނިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަކީ ކޮބައިކަންވެސް ރައްޔިތުންނަށް އެނގެންޖެހޭކަމަށް ބުނެ އެ ޕާޓީން ބުނެފައި ވަނީ މި މަޝްރޫއުގެ ދަށުން ބިދޭސީންނަށް ބިން މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވޭތޯ ނުވަތަ މުސްތަގުބަލުގައި ބިދޭސީންގެ ދާއިމީ މިލްކުވެރިކަމެއް އުފަންވެދާނެ ފަދަ ކަމެއް ހިމެނިފައިވޭތޯ ސަރުކާރުން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެ ކަމަށާ، އެ ކަމާމެދު ގޮތެއް ނިންމާނަމަ، އެކަން ނިންމަންވާނީ ސީދާ ދިވެހި ރައްޔިތުންކަމަށް ބުނެ އެމްޑީޕީން ބުނީ، ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައިވާ ފަދައިން، ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، ބިދޭސީންނަށް ބިން މިލްކުކޮށްދިނުން ފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ ސީދާ ރައްޔިތުން އެމީހުންގެ އާންމު ވޯޓަކުން ކަމަށެވެ.

އެހެންކަމުން، ރަސްމާލޭގެ މަޝްރޫއު ފަދަ ބޮޑު މުއާމަލާތެއް ކުރިއަށްގެންދަންވާނީ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނުވަތަ ރިފަރެންޑަމެއް ނަގައި، ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށްފަހުގައި ކަމަށް އެމްޑީޕީން ދެކޭ ކަމަށާ، އެހެންކަމުން އެކަން އެމަގުން ކުރުމަށް ސަރުކާރަށް ގޮވާލާކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް