
ގާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ހުށަހެޅުއްވި، މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައިވަނީ، މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.
ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ނުވަތަ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލަތަކާއި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ ދެމެދުގައި އުފެދޭ ހިލާފުތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކެވެ.
މައްސަލަ ބަލައި ނުގަންނަން ނިންމަވާ ރަޖިސްޓްރާގެ މި ނިންމެވުން މުރާޖާކޮށްދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު އަލީ ހުސައިން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވާ މުހިންމު ކަންތައްތަކަކީ:
ރަސްމާލެއިން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޭން، ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި މިދިޔަ ސެޕްޓެންބަރު 21 ގައި ސޮއިކޮށްފައިވާއިރު، އެތަން ދޭން ނިންމާފައިވަނީ ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެއެވެ.
ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް ހަދާ އެ ރަށުގެ އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށައިފަ އެވެ. މި މައްސަލައިގައި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް، ސަރުކާރުން އަންނަނީ މިއީ އާންމުކޮށް ރިސޯޓުތައް ދޫކުރާ އުސޫލުން ކޮށްފައިވާ ރަނގަޅު މުއާމަލާތެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެ ނުދެކޭ ފަދަ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ އެކަން ދިފާއުކުރަމުންނެވެ.




