އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން
އެޑިއުކޭޝަން މިނިސްޓްރީން ގުރުއާން މާއްދާ އެސެސް ކުރާ ގޮތް ރަނަގަޅުކުރަންޖެހޭ
ހަސަން އިބްރާހީމް 13 އޮކްޓޯބަރ 2026 (އަންގާރަ)   15:22
އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާ އެސެސް ކުރާ ގޮތުން، މުޖުތަމައުން ދަރިވަރުންނާ މެދު ދެކޭ ގޮތް ބަދަލުވެދާނެ ކަމަށާ، އެހެންކަމުން ގުރުއާން މާއްދާ އެސެސްކުރާ ގޮތް ބަދަލުކުރުމަށް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީ އިން މިއަދު ގޮވާލައިފިއެވެ.

އެސްއެސްސީ އިމްތިހާނުގައި ފުރަތަމަ ފަހަރަށް ގުރުއާން މާއްދާ ހިމަނައި އެއިން ދަރިވަރުން އިމްތިހާނު ކުރާނެކަން އެޑިއުކޭޝަން މިނިސްޓްރީން މި ފަހުން އިއުލާންކޮށްފައި ވާއިރު، އަޖުމަ ބެލުމުގެ ގޮތުން މަދު ސްކޫލުތަކެއްގައި އަންނަ އަހަރު އެކަން ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން، އަންނަ ނޮވެމްބަރު މަހު އޮންނަ އެސްއެސްސީ އިމްތިހާނުގައި 10 ސްކޫލެއްގައި ގުރުއާން މާއްދާއިން ޓެސްޓު ދިނުމަށް ނިންމާފައިވާއިރު، އޭގެ ފަހުން ހުރިހާ ސްކޫލަކަށް ވެސް މި ޓެސްޓު ދިނުމަށް އެ މިނިސްޓްރީ އިން ވަނީ ނިންމާފައެވެ.

އެހެންކަމުން، އެސްއެސްސީ އާއި އޯލެވެލް އިމްތިހާނުގެ ގަދަ 10 އިން ފުރުސަތު ލިބޭނީ ވެސް ގުރުއާން މާއްދާއިން ފާސްވާ ދަރިވަރުން ހިމެނޭ ގޮތަށް ކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގައި މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭން ޖެހޭ ކަމަށާ، ސްކޫލު ނިންމާފައި ނުކުންނައިރު، ރީތިކޮށް ގުރުއާން ކިޔަވަން ދަރިވަރުންނަށް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

ނަމަވެސް ބޮޑު އިމްތިހާނެއްގައި ގުރުއާން ހިމަނައި އަންނަ އަހަރު ދަރިވަރުން އެ މާއްދާއިން އިމްތިހާނުކުރާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޔައުގޫބު ވަނީ ވިދާޅުވެފައެވެ.

"އެ މާއްދާ އެސެސް މިކުރަނީ ދަރިވަރުންނަށް ލިބޭނީ ޕާސް ނުވަތަ ފެއިލް ނަތީޖާއެއްގެ ގޮތަށް. ދަރިވަރުންނަށް މި ލިބެނީ ގުރުއާނުން ފާސް ނުވަތަ ފެއިލްވީ ކަމުގެ ސެޓްފިކެޓެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ،" - ޔައުގޫބް

އެހެންކަމުން، ދަރިވަރުން ސްކޫލު ނިންމައި ވަޒީފާއަށް ކުރިމަތިލާއިރު ހުށަހަޅާ ސެޓްފިކެޓްތަކުގައި ގުރުއާނުން ފެއިލްވި ކަމަށް އޮތުން އެއީ ކުއްޖާއާ މެދު މީހުން ދެކޭ ގޮތް ބަދަލުވާނެ ކަމެއްކަމަށް ވިދާޅުވެ ޔައުގޫބު ވިދާޅުވީ، މުޅި އުމުރު އެ ކުއްޖާ ހިފައިގެން އުޅޭނީ ގުރުއާން މާއްދާއިން ފެއިލްވިކަމުގެ ސެޓްފިކެޓެއް ކަމަށެވެ.

އެހެންކަމުން މި މުސްލިމް މުޖްތަމައުގެ ތެރޭގައި، އޭނާ ކޮންމެ ތަނަކަށް ދިޔައަސް ދާން މި ޖެހެނީ ގުރުއާނުން ފެއިލްވި ކަމުގެ ސެޓްފިކެޓާ އެކުގައި ކަމަށް ވާއިރު، މިއީ ދަރިވަރާ މެދު މުޖުތަމައުން ދެކޭގޮތް ގޯސްވެދާނެ ކަމެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މި ސަބަބަށްޓަކައި އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީން ގުރުއާން މާއްދާ އެސެސް ކުރާ ގޮތް ބަދަލުކުރުމަށް ތަކުރާރުކޮށް ވަނީ އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް