އެމްޑީޕީ ކޮންގްރެސްގެ ތެރެއިން.--
އެމްޑީޕީ އިންތިހާބުތަކުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ހަސަން އިބްރާހީމް 23 އޮކްޓޯބަރ 2026 (ހުކުރު)   00:09
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު 2026 ގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނަކާއެކު، ކުރިއަށް އޮތް އެމްޑީޕީ އިންތިހާބު ތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު، އެކި ރަށްރަށާއި ސިޓީތަކާއި ދާއިރާތައް ވަކި ވަކިން ވަނީ އާންމު ކޮށްފައެވެ.

އަދި އާންމުކޮށްފައިވާ ވޯޓާސް ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ކަމެއް ހުށަހެޅުމުގެ ފުރުސަތު 25 އޮކްޓޯބަރު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އޮންލައިން ފޯމެއް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު އެމްޑީޕީން ވަނީ ހަމަޖައްސާފައެވެ.

ޝަކުވާތަކަށްފަހު، ދާއިމީ ވޯޓާސް ލިސްޓު އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އާންމުކޮށް، އިންތިހާބުތަކުގައި ވޯޓުލުން އޮންނާނީ  އަންނަ ނޮވެމްބަރު 27 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:30 އިން ރޭގަނޑު 20:30 އަށެވެ.

އެމްޑީޕީން ބުނީ، އަންނަ މަހު މި ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މި އިންތިހާބު ވެގެންދާނީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބޮޑެތި ބަދަލުތަކަށްފަހު ބާއްވާ ފުރަތަމަ އިންތިހާބަށް ކަމަށާ، އަދި މިއީ ޕާޓީގެ ކުރިމަގަށް ރޭވިގެންދާނެ މުހިންމު ކަންތައްތަކެއް ރޭވޭނެ ގައުމީ މަޖިލީހެއް އިންތިހާބުވެގެން އަންނަ އިންތިހާބަކަށް ވެގެންދާނެ ކަމަށެވެ.

ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމުގެ އިތުރުން ދާއިރާތަކުގެ އިތުރު މަގާމު ތަކަށާއި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރާއި އަންހެނުންގެ ރޫހުގެ މަގާމުތަކަށްވެސް މެންބަރުން އިންތިހާބު ކުރުން އެދުވަހު އޮންނާނެކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

ކޮމެންޓް