
އިލްހާންގެ އުމުރުގެ މައްސަލައެއް އުޅޭނަމަ އޭނާ ޑީޕޯޓްކޮށްލެވިދާނެތޯ އޯވަލް އޮފީހުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ: "އާނ، އޭނާ ޑީޕޯޓްކޮށްލެވިދާނެ. ނޫނީ އޭނާ ޖަލަށް ވެސް ލެވިދާނެ."
"އެނގިވަޑައިގަންނަވާނެ، އެމީހުން އަބަދުވެސް ދައްކަނީ ޑީޕޯޓްކޮށްލުމުގެ ވާހަކަ. ނޫން، އޭނާ ޖަލަށް ވެސް ލެވިދާނެ. މިއީ ހަމައެކަނި އަޅުގަނޑުގެ ހިޔާލެއް،" ޓްރަމްޕް ވިދާޅުވި އެވެ.
ސަރުކާރުގެ ލިޔެކިޔުންތަކުގައި ދޮގު މައުލޫމާތު ދީފައިވުމާއި ޖިނާއީ ރޭވުމެއް (ކޮންސްޕިރަސީ) އޮތް ކަމަށް ތުހުމަތުކޮށް އިމިގްރޭޝަން ފްރޯޑް ތަހުގީގު ކުރުމަށް ފެޑެރަލް އޭޖެންޓުން ވަނީ މި މަހުގެ ކުރީކޮޅު މެންބަރު އިލްހާންގެ ގެ ބަލައި ފާސްކޮށްފަ އެވެ.
ހޯމްލޭންޑް ސެކިއުރިޓީގެ އޭޖެންޓުން ވަނީ އޭނާގެ ފޯނާއި، ލެޕްޓޮޕްތަކާއި، ނޯޓްފޮތްތަކާއި، ޕާސްޕޯޓް އަތުލާފައެވެ.
ތަހުގީގުކުރާ ފަރާތްތަކުން ބަލަމުން ދަނީ 2000 ވަނަ އަހަރު އިލްހާން އެމެރިކާގެ ރައްޔިތުކަން ހޯއްދެވިއިރު، އޭނާގެ އުމުރާ މެދު އޭނާ ނުވަތަ މިހާރު ނިޔާވެފައިވާ އޭނާގެ ބައްޕަ ދޮގު ހަދާފައިވޭތޯ އެވެ.
މި ތުހުމަތުތައް ދޮގުކުރައްވަމުން އިލްހާން ވިދާޅުވީ، އޭނާ އެމެރިކާއަށް އައީ 1995 ވަނަ އަހަރު އުމުރުން 12 އަހަރުގައި ކަމަށާއި ރައްޔިތުކަން ލިބުނީ އުމުރުން 17 އަހަރުގައި ކަމަށެވެ.
އިމިގްރޭޝަން ފްރޯޑްގެ ތަހުގީގުގެ ބައެއްގެ ގޮތުގައި އިލްހާންގެ ވޮޝިންޓަން ޑީސީގެ ގެ ބަލައި ފާސްކުރުމަށް ފަހު، ފެޑެރަލް ތަހުގީގީ އޮފިސަރުން ވަނީ އިލްހާންގެ ކޮއްކޮ ސަހްރާ ނޫރާ ވެސް ސުވާލުކޮށްފަ އެވެ.
އިލްހާން ވަނީ އެ ގެ ބަލައި ފާސްކުރި ކުރުމަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފަ އެވެ.
"ޝައްކު ނުކުރައްވާ: މިއީ ސިޔާސީ ހަތުރުންނަށް އަމާޒުކޮށް، ފެޑެރަލް ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް ކުރާ މަސައްކަތެއް،" އޭނާ އެކްސްގައި ލިޔުއްވި އެވެ. "މިއީ ސިޔާސީ ގޮތުން ބިރުދެއްކުމަށް އޭނާ ހިންގާ ކެމްޕޭނުގައި އަލަށް އިތުރުވި ބޮޅެއް."
އެމެރިކާގެ ކޮންގްރެސްގެ ފުރަތަމަ ސޯމާލީ ދަރިކޮޅުގެ މެންބަރު އިލްހާން އުމަރު، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ހިދުމަތް ކުރައްވަމުން ގެންދަވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.
އިލްހާންގެ ރައްޔިތުކަން ނިގުޅައިގަތުމަށްޓަކައި، ޖަސްޓިސް ޑިޕާޓްމަންޓުން ޖެހޭނީ އެކަމުގައި މަކަރާއި ހީލަތް އެކުލެވިގެންވާކަން ސާބިތުކޮށްދިނުމަށް ފެޑެރަލް ދައުވާއެއް އުފުލާށެވެ.
މީގެ އިތުރުން، ވޮޝިންޓަންގެ ޔޫއެސް އެޓާނީ ޖެނީން ޕިރޯ ވަނީ، އިލްހާންގެ މާލީ ބަޔާންތަކާ ގުޅޭ މައްސަލަތަކެއް ވެސް އޭނާގެ އޮފީހުން ތަހުގީގު ކުރަމުންދާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ދަ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އިލްހާންގެ ރައްޔިތުކަން ބާތިލުކޮށް، އެންމެ ފަހުން އޭނާ އެމެރިކާއިން ޑީޕޯޓް ކޮށްލުމަށެވެ.




