
އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވި ގޮތުގައި، އީރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ހޫތީން ދަނީ ސައޫދީގެ އާންމު އެއާޕޯޓްތަކަށާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް ފޮނުވަމުންނެވެ. މި ހަމަލާތަކުގެ ސަބަބުން އާންމުންގެ އެތައް ބަޔަކު މަރުވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ހޫތީން ދުރުރާސްތާ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި، އަބްހާ އެއާޕޯޓުގެ އިތުރުން ދައްމާމްގެ ކިންގް ފަހުދު އެއާޕޯޓަށް މިދިޔަ ހަފްތާ ވެސް ހަމަލާދީފައި ވާއިރު ކިންގް ހާލިދު އެއާޕޯޓަށް ދިން ހަމަލާތަކެއްގައި އެމެރިކާ ރައްޔިތަކާއެކު 12 އަށްވުރެ ގިނަ މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވެއެވެ.
އަދި ދައްމާމް އެއާޕޯޓަށާއި ތެޔޮ ނަގާ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައިވެސް މީހުން މަރުވެފައިވާއިރު، އެމެރިކާއިން ވަނީ ސައޫދީގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން އެއާޕޯޓްތަކަށް ދިއުމާއި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް ސެކިއުރިޓީ އެލާޓެއް ނެރެފައެވެ.
މި ހަމަލާތައް ވަރުގަދަވެފައިވަނީ ސައޫދީ އިސްވެއޮންނާ ކޯލިޝަނުން ހޫތީންގެ އަތްދަށުގައިވާ ސަރަހައްދުތައް އަތުލުމަށް "ޑޯން އޮފް ޔަމަން" ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ފެށުމާ ގުޅިގެންނެވެ.




