ތަފާތު ވައްތަރުގެ އެޑިޓޯރިއަލް ކޮންޓެންޓް އުފެއްދުމުގެ އެކި، މަރުހަލާތަކުގައި ނޫސްވެރިން އަމަލުކުރާނީ، 'ފިޔެސް' ގެ ކޯޑް އޮފް އެތިކްސްއާ އެއްގޮތަށެވެ. ނޫސްވެރިކަމުގެ މަސައްކަތް މަތީ ފެންވަރެއްގައި ދަމަހައްޓައި، ޕްރޮފެޝަނަލްކޮށް ނޫސްވެރިކަމުގެ އެކި، މަސައްކަތްތައް ކުރުމުގައި، ތިރީގައިވާ މައިގަނޑު ތިން އަމާޒަށް އިސްކަން ދޭނެ އެވެ.
1.ޚަބަރާއި މައުލޫމާތު އަދި ނޫސްވެރިކަމުގެ އެކި ތަފާތު ކޮންޓެންޓްތައް ގެނެސްދޭނީ ވީހާ ވެސް ބޮޑަށް ހަގީގަތާ އެއްގޮތަށެވެ. އޮޅުން އަރާ ނުވަތަ ޔަގީންކަމެއް ނެތް މައުލޫމާތެއް ނުހިމަނާނެ އެވެ. އަދި ޚަބަރާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ މައުލޫމާތު ގެނެސްދެވޭތޯ މަސައްކަތް ކުރާނެ އެވެ.
2.އެއްވެސް ނޫސްވެރިއަކު، ނޫސްވެރިއެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތެއްގައި ބައިވެރިއެއް ނުވާނެ އެވެ.
3.ލިޔާއިރު، މައުލޫމާތު ދޭ ފަރާތުގެ ނަން ހިމަނާނެ އެވެ. މައުލޫމާތު ދޭ ފަރާތުގެ ނަން ނުހިމަނާނީ ކޮންމެހެން ސިއްރު ކުރަން ޖެހިއްޖެ ހިނދެއްގަ އެވެ.
4.މީހުންގެ ޒާތީ ވާހަކަތައް އާންމު ކުރާނެ މިންވަރު ނޫސްވެރިޔާ ދެނެގަންނާނީ، މުޖުތަމައު އެކަމެއް އެނގެން ބޭނުންވާނެ މިންވަރަށް ބަލާފަ އެވެ.
5.ޚަބަރަށް މައުލޫމާތު ހޯދާއިރު ނޫސްވެރިޔާ އަކީ ކާކުކަން ހާމަކުރާނެ އެވެ.
6.ނޫސްވެރިޔާ އިންޓަވިއު ރެކޯޑް ކުރާނީ އިންޓަވިއު ދޭ މީހާގެ ރުހުމާ އެކުގައެވެ. އިންޓަވިއު ދޭ މީހާއަށް ނޭނގި ރެކޯޑް ކުރާނީ، އެކަން ކޮންމެހެން ސިއްރު ކުރަން ޖެހިއްޖެ ހިނދެއްގަ އެވެ.
7.ލިޔުންތަކުގެ ބަހުރުވަ ހުންނާނީ ރީތިކޮށް އަދި ސާދާކޮށް، ކިއުންތެރިނަށް އޮޅުން ނާރާ ގޮތަށެވެ.
8.އެއްޗެއް ލިޔުއްވުމަށް، ނުވަތަ އުފައްދައި ޕަބްލިޝް ކުރުމަށް، އެއްވެސް ފަރާތަކުން ދޭ ރިޝްވަތެއް ނޫސްވެރިޔާ ނުހިފާނެ އެވެ. ނޫސްވެރިކަމުގެ މަސައްކަތުގައި އޭނާއަށް ލިބިފައިވާ އިޚްތިޔާރު އަމިއްލަ މަސްލަހަތަކަށް ބޭނުމެއް ނުކުރާނެ އެވެ.
9.ކުޑަކުދިން ކުރާ ނޭދެވޭ އަމަލުތަކުގެ ވާހަކަތައް ނޫހުގައި ލިޔާއިރު، އެކުދިންގެ ނަމެއް ނުހިމަނާނެ އެވެ. ޝާއިޢު ކުރާ ލިޔުމެއްގައި ކުޑަކުއްޖެއް ހިމެނޭ ނަމަ އެ ލިޔުމެއް ޝާއިޢު ކުރާނީ އެ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށް އެ ކުއްޖާއަށް އެންމެ މަންފާ ކުރާނެ ގޮތަކަށެވެ. އަދި ލިޔުމެއްގައި ކުޑަކުއްޖަކު ހިމެނޭ ނަމަ އެ ކުއްޖާއަށް އެއްވެސް ގޮތަކުން ގެއްލުމެއް، ހާއްސަކޮށް ނަފްސާނީ ގެއްލުމެއް ވެދާނެ ގޮތަކަށް އެ ލިޔުމެއް ޝާއިޢު ނުކުރާނެ އެވެ.
10.ލިޔުނު އެއްޗެއް ނުވަތަ އުފެއްދި ކޮންޓެންޓެއްގައި ކުށެއް ވާކަން އެނގިއްޖެނަމަ ވީހާވެސް އަވަހަކަށް، އެކުށެއް އިސްލާހު ކުރާނެ އެވެ.