'ފިޔެސް' އަކީ ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑަށް ފުރިހަމައަށް ތަބާވެ، ނޫސްވެރިކަމުގެ އެންމެ މަތީ ހަމަ ދެމެހެއްޓުމުގެ މަގުސަދުގައި އުފެއްދި ނޫހެކެވެ. މި ނޫހުގެ ނޫސްވެރިކަން ބިނާކުރާނެ މައިގަނޑު ސިޔާސަތުތައް ތިރީގައި އެވަނީ އެވެ. ފިޔެސްގައި ޝާއިޢު ކުރާ ހުރިހާ ލިޔުމެއް ވެސް ޝާއިޢު ކުރާނީ މި އެޑިޓޯރިއަލް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ފިޔެސްގެ ހުރިހާ މުވައްޒަފުން ވެސް އަމަލު ކުރާނީ މި ޕޮލިސީއާ އެއްގޮތަށެވެ.
އިންސާފުވެރިކަމަކީ ނޫހެއްގެ އެންމެ މައިގަނޑު ވިސްނުމެވެ. 'ފިޔެސް'ގެ އެޑިޓޯރިއަލް ސިޔާސަތުގެ ވެސް މައިގަނޑު ގަބޫލުކުރުމަކީ، ޚަބަރާއި ރިޕޯޓްތަކާއި އެހެން އުފެއްދުންތައް ވެސް އިންސާފުވެރިކަމުގެ މައްޗަށް ބިނާކުރުމެވެ. ވަކި ކަމަކާ މެދު ޚިޔާލު ފާޅުކުރާ އިރު ވެސް އެ އިންސާފުވެރިކަން ދަމަހައްޓާނެ އެވެ.
ޚަބަރާއި ރިޕޯޓްތަކާއި އެހެން އުފެއްދުންތައް 'ފިޔެސް' އިން އުފައްދާނީ ހަމަހަމަކަމުގެ މައްޗަށް ވީހާވެސް ބޮޑަށް ތަބާވެގެންނެވެ. ގަސްދުގައި ވަކި ފަރާތަކަށް ނުޖެހޭނެ އެވެ.
'ފިޔެސް'ގެ އުފެއްދުންތަކުގައި އަބަދުވެސް ބަލާނީ ތެދު ހޯދައި ހާމަކުރާށެވެ. ތެދު މައުލޫމާތު ހިމަނާށެވެ. ތެދު ހޯދުމަށް ކުރަން ޖެހޭ މަސައްކަތް އަބަދުވެސް ކުރަމުންދާނެ އެވެ.
'ފިޔެސް' އަކީ ސިޔާސީ ވަކި ފިކުރަކަށް ތާއީދުކުރާނެ ނޫހެއް ނޫނެވެ. އެހެންކަމުން ސިޔާސީ ގޮތުން ވަކި ނުފޫޒުތަކެއްގައި ޖެހިގެން 'ފިޔެސް'އިން ނޫސްވެރިކަމެއް ނުކުރާނެ އެވެ. އެއާ ހިލާފަށް 'ފިޔެސް'އިން ބަލާނީ އެއްވެސް ނުފޫޒެއްގެ ބާރުގައި ނުޖެހި މިނިވަންކަމާ އެކު ނޫސްވެރިކުރާށެވެ.
'ފިޔެސް'ގެ އެއްވެސް އުފެއްދުމެއް އިސްލާމް ދީނުގެ އުސޫލުތަކާ ޚިލާފެއް ނުވާނެ އެވެ. އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި ގަބޫލުކުރުންތަކާ ދެކޮޅު އުފެއްދުންތަކެއް 'ފިޔެސް' ގައި ނުޖަހާނެއެވެ.
ކުޑަކުދިންނާ ގުޅޭ އުފެއްދުންތައް ގެނެސްދޭ އިރު އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރާނެ އެވެ. އަބަދުވެސް އިސްކަންދޭނީ ކުޑަކުދިންގެ ހިމާޔަތަށެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނަކީ ކޮން ބައެއްކަން އެނގޭ ގޮތަށް އެއްވެސް އެއްޗެއް ނުގެންނާނެ އެވެ.
ދިވެހި ރައްޔިތުންގެ އާންމު މަސްލަހަތަށް 'ފިޔެސް' އިން އިސްކަން ދޭނެއެވެ. އާންމު މަސްލަހަތާ ގުޅޭ ކަންކަން ކަވަރުކުރާއިރު ރައްޔިތުންގެ ވިސްނުން ވީހާވެސް ފުޅާ ދާއިރާއެއްގައި ގެނެސްދޭން މަސައްކަތްކުރާނެ އެވެ.
ނަން ސިއްރުކޮށްގެން މައުލޫމާތު ދޭ މަސްދަރުތަކުގެ ސިއްރު 'ފިޔެސް' އިން ހިފަހައްޓާނެ އެވެ. އެ ސިއްރު ހިފެހެއްޓުމަކީ 'ފިޔެސް' ގެ އެންމެ މަތީ މަސްލަހަތުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
'ފިޔެސް' ގައި ޝާއިއުކުރާ ލިއުމެއް ނުވަތަ އުފެއްދުމެއްގައި ތިންވަނަ ފަރާތެއްގެ ފިކުރީ މުދަލެއް ބޭނުންކުރާނީ ހުއްދަ ހޯދައިގެންނެވެ. ނުވަތަ ވަކި ކަހަލަ ހާލަތްތަކެއްގައި ހުއްދަ ހޯދަން ހުރަސްތަކެއް ދިމާވެއްޖެ ނަމަ، އެ މުދަލެއްގެ ވެރިފަރާތަކީ ކޮބައިކަން އަންގައި، އެ ބަޔަކަށް އޭގެ ކްރެޑިޓް ދޭނެ އެވެ.
'ފިޔެސް' ގެ އެއްވެސް އުފެއްދުމެއްގައި ކުށެއް ޖެހިއްޖެ ނަމަ އެކަން ވީހާވެސް އަވަހަކަށް އިސްލާހުކުރާނެ އެވެ.
ފައިސާ ދީގެން ނުވަތަ ޕްރޮމޯޝަން އެއްގެ ގޮތުގައި 'ފިޔެސް'ގައި ޖަހާ އުފެއްދުންތަކަކީ އާންމު ކޮންޓެންޓްސްތަކުގައި ހިމެނޭ ބައެއް ނޫންކަން ކިއުންތެރިންނަށް އެނގޭނެ ގޮތަށް ފާހަގަކުރާނެ އެވެ. އެފަދަ އުފެއްދުން ތަކަކީ "އެޑްވަޓޯރިއަލް" ގެ ގޮތުގައި ފާހަގަވާން އޮންނާނެ އެވެ.