އެމްއެމްއޭ ބޯޑުގައި، އިކޮނޮމިކް މިނިސްޓްރީ ތަމްސީލު ކުރައްވާ ޝުހާދު އިބްރާހީމް
އެމްއެމްއޭ އެތެރެ ހޫނުވެއްޖެ، ފައިސާ ޗާޕު ކުރާތީ ޝުހާދު ވެސް އިސްތިއުފާ ދީފި
މަރްޔަމް މުޙައްމަދު 11 މާރޗް 2025 (އަންގާރަ)   13:58
އެމްއެމްއޭގެ އެތެރެ ހޫނުވެއްޖެ، ފައިސާ ޗާޕު ކުރާތީ އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ)ގެ ބޯޑުން ޝުހާދު އިބްރާހިމް ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެމްއޭގެ ބޯޑުގައި، އިކޮނޮމިކް މިނިސްޓްރީ ތަމްސީލު ކުރައްވާ ޝުހާދު މިއަދު އިސްތިއުފާ ދެއްވިއިރު، އިއްޔެ ވަނީ އެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރެއްވި އަހުމަދު ޒަޔާން މުހައްމަދު ވެސް އިސްތިއުފާ ދެއްވާފައެވެ.

ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝުހާދު އިސްތިއުފާ ދެއްވީ އެމްއެމްއޭގެ ބޯޑުން ފައިސާ ޗާޕު ކުރަން ފާސްކުރަން ނިންމި ނިންމުން އަލުން ރިވިއު ކުރުމަށް ހުށަހެޅުމުން އެކަން ބަލައިނުގަތުމުގެ ސަބަބުންނެވެ.

ޗާޕްކުރުމަށް ނިންމާފައިވާ 14 ބިލިއަނެއްހާ ރުފިޔާ އެމްއެމްއޭ އިން ބޭނުންކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ އާބަން އައިލް އިން 20 ހެކްޓަރުގެ ބިން ގަތުމަށް ކަމަށް ވާއިރު، އެ ބިން ގަތުމަށް އެމްއެމްއޭ އިން މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަސްމީ ސިޓީއެއް ވެސް ފޮނުވާފައި ކަމަށް މައުލޫމާތު ލިބެއެވެ.

މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ގޮވާލިތާ މަސްދުވަސް ނުވަނީސް، ރައީސް މުއިއްޒުގެ ވައުދާ ހިލާފަށް ރިކޯޑު މިންވަރަކަށް 14 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ފައިސާ ޗާޕު ކުރުމަށް ނިންމާފައިވާއިރު، އިގުތިސޯދީ ކަންކަމުގައި ރައީސަށް ލަފާދިނުމަށް އެކުލަވާލާފައިވާ އިކޮނޮމިކް ކައުންސިލުން އިއްޔެ (ރަސްމީ ބަންދު ދުވަހެއް)ގައި ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައި ކަން ފާހަގަކޮށްލެވެއެވެ.

އަދި މިކަމުގެ ނުރުހުން ފާޅުކޮށް އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ވެސް އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުން ދަނީ ފައިސާ ޗާޕްކުރުމަށް އެމްއެމްއޭ އަށް މަޖުބޫރު ކުރުވައިގެން ރާއްޖޭގެ އިގްތިސޯދު ނުރައްކަލުގެ ތުންފަތް މައްޗަށް ވައްޓާލަމުން ކަމަށާ، ފައިސާ ޗާޕުކުރުމަކީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން މުޅިން ނަގާލާނެ ފިޔަވަޅެއްކަމަށެވެ.

އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް އިއްޔެ ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ކުރަން އުޅެނީ ޒިންމާދާރުކަން ކުޑަ، އަދި އައި.އެމް.އެފް އާއި ވޯލްޑް ބޭންކުގެ އިތުރުން އިގްތިސާދީ މާހިރުގެ ލަފަޔާ ޚިލާފު އަމަލެއް ކަމަށެވެ.

މާލީ ސިޔާސަތު ހަރުދަނާކޮށް، ޚަރަދުކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އިގުތިސޯދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް ދޫކޮށްލުމުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި އިގުތިސޯދަށް ލޮޅުން އަންނާނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް