މޯލްޑިވްސް-ސިންގަޕޯ ބިޒްނަސް ފޯރަމް ސިންގަޕޫރުގައި މިއަދު ކުރިއަށް ދާއިރު އެ ފޯރަމްގައި ބައިވެރިވެ ވަޑައިގެން، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ވިދާޅުވެ ސައީދު ވިދާޅުވީ، އެހެން ނަމަވެސް މިދިޔަ 16 މަސް ދުވަހު އެކަންކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާފައިވާ ކަމަށެވެ.
އަދި ސޯލާ ސިޓީގެ މަޝްރޫއުގައި މި ފޯރަމްގެ ތެރެއިން ސޮއިކުރެވިގެން ދިއުމާއެކު، އެސްއީޒެޑް ކޮމިޓްމަންޓް 680 މިލިއަން ޑޮލަރަށް އިތުރުވެ، އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާ، އެހެންކަމުން 2028 ވަނަ އަހަރު ރާއްޖޭ ޖީޑީޕީ 150 ބިލިއަނަށް އިތުރުކޮށް އަދި 2030 ވަނަ އަހަރު ބޮލަކަށް ޖެހޭ އާމްދަނީގެ އަދަދު 17،000 ޑޮލަރަށް އިތުރުކުރުމަކީ ރައީސް މުއިއްޒުގެ އަމާޒެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ސައީދު ފާހަގަކުރެއްވި ސޯލާ ސިޓީގެ މަޝްރޫއަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެސްއީޒެޑް މަޝްރޫއެއްގެ ގޮތުގައި ހިންގާ މަޝްރޫއުއެކެވެ. އެ ކަމުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކުރީ މިއަދު އެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.
މިއަދު ބޭއްވި މޯލްޑިވްސް ބިންޒަސް ފޯރަމްގެ ތެރެއިން އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެގްރިމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.