ސީއެންއެންގެ އިކޮނޮމިކްސްއަށް ދެއްވި ބަސްދީގަތުމެއްގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ އަނބުރާ ފައިސާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކަކީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭ ސުކޫކުކަމަށާ، އެހެންކަމުން އެ 500 މިލިއަން ޑޮލަރުގެ ސުކޫކަށް ފައިސާ ދެއްކުމަށްޓަކައި އާ ސްކޫކެއް ވިއްކުމަށް ވިސްނަވަމުން އަންނަކަމަށެވެ.
އައިޑީބީ (އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް) ގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ސީއެންއެން އަށް ދެއްވި މި ބަސްދީގަތުމުގައި ގަވަރުނަރު މުނައްވަރު ދެއްކެވި ވާހަކަފުޅުގައި، ގައުމުގެ އެތެރޭގެ ބާޒާރުގައި ރާއްޖޭގައި ވެސް އިސްލާމިކް ސްކޫކް ވިއްކޭނޭ ފްރޭމް ވޯކް މިހާރު ވެސް އެބަހުރި ކަމަށާ، އެހެންކަމުން އަންނަ އަހަރު އެ ސްކޫކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު އަންނަންވާއިރު، އެ ސްކޫކް ރީއިޝޫ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން މިފަދަ ކަންކަމުގައި އިންޑޮނޭޝިއާ އާއި މެލޭޝިއާ ފަދަ ގައުމުތަކުގެ ތަޖުރިބާ ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވެ، ގަވަރުނަރު މުނައްވަރު ވިދާޅުވީ، އެގޮތުގެ މަތިން އިސްލާމިކް ބޮންޑު ދޫކުރުމަށް ޝަރުއީ އަދި ގާނޫނީ އޮނިގަނޑެއް ތައްޔާރުކުރުމުގެ މަސައްކަތް އެމްއެމްއޭއިން ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ އިގުތިސޯދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމަކީ މުހިންމު ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވި، ކުރިއަށްއޮތް ތިން ހަތަރު އަހަރެއްހާ ދުވަހުގެތެރޭގައި ރާއްޖޭގެ މާލީ ދާއިރާގެ ސައިޒު ދެގުނަ ކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ލަނޑުދަނޑި ކަމަށް ވެސް ސީއެންއެން އަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި ގަވަރުނަރު އަޙުމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ.