ބޭންކިން ޚިދުމަތް ފެށުމަށް ބޭނުންވާ ހުއްދަ ދެނީ.-- ފޮޓޯ: އެމްއެމްއޭ
އިތުރު ދެ ބޭންކެއް އުފެއްދުމުގެ ހުއްދަ އެމްއެމްއޭއިން ދީފި
މަރްޔަމް މުޙައްމަދު 27 މޭ 2025 (އަންގާރަ)   23:10
ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ އިތުރު ދެ ފަރާތަކަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ، 19 މެއި ގައި ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދީފައިވަނީ، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން، ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކެއް ގާއިމުކުރުމަށް ކަމަށެވެ.

މި ދެ ފަރާތަށް ވެސް ދޫކޮށްފައިވަނީ ޓިއާ 1 ބޭންކެއް އުފެއްދުމުގެ ހުއްދަ އެވެ.

your imageބޭންކިން ޚިދުމަތް ފެށުމަށް ބޭނުންވާ ހުއްދަ ދެނީ.-- ފޮޓޯ: އެމްއެމްއޭ

ޚިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދެވޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ މިއީ މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

އެމްއެމްއޭއިން އެންމެ ފަހުން ހިދުމަތް ފަށަން ހުއްދަ ދިނީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށެވެ. އެ ބޭންކް ހިންގުމުގެ ލައިސަންސް އެ އޮތޯރިޓީން ދިނީ 2024 އޮކްޓޯބަރު 13 ގައެވެ. އަދި 2024 ނޮވެމްބަރު 16 ގައި ރައީސް މުއިއްޒު، އެ ބޭންކް ރަސްމީކޮށް ހުޅުއްވައި ދެއްވި ނަމަވެސް މިއަދާ ހަމައަށްވެސް އެ ބޭންކްގެ ޚިދުމަތް ފަށާފައެއް ނުވެއެވެ.

ކޮމެންޓް