ރައީސް މުއިއްޒު އިއްޔެ ނެރުއްވި ރިޔާސީ ގަރާރަކުން، ހޯނޑެއްދޫގެ އިހުތިސާސްގައިވާ ކަނޑެވާރެހާ ވަކިކުރީ އެރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށްޓަކައި ހޯނޑެއްދޫ ކައުންސިލުން މީގެ ހައެއްކަމަސް ކުރިން ބީލަމަށް ހުށަހަޅާފައި ވަނިކޮށެވެ.
އެކަން ކުށްވެރިކޮށް ހޯނޑެއްދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ކަނޑެވާރެހާ އަތުލުމަކީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަތުން ކަމަށާ، އެކަމުގެ ސަބަބުން މުސްތަގުބަލުގައި ރަށުގެ އިގްތިސާދީ ތަރައްގީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
އަދި އެ ރަށުގެ އިހުތިސާސުގައި 2020 ވަނަ އަހަރު ކަނޑެވާރެހާ ހިމަނާފައި އޮއްވައި ރައީސް މުއިއްޒުގެ ގަރާރަކުން އެ ރަށް އަތުލީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ވަޒަންކުރުމެއް ނެތި ކަމަށާ، މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް ހިތާމަހުރި ކަމެއްކަން ފާހަގަކޮށް ހޯޑެއްދޫ ކައުންސިލުން ބުނެފައިވަނީ، ކަނޑެވާރެހާ އަތުލަން ނިންމި ނިންމުން ބަދަލުކޮށް، ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ސަރުކާރުން ކަންކަން ނިންމުމަށާ، ރަށްރަށުގެ އިހްތިސާސަށް ބަދަލު ގެންނަން އިންސާފުވެރި އަދި ހާމަކަން ބޮޑު އުސޫލެއް ގާއިމް ކުރުމަށް މި ސަރުކާރަށް ގޮވާލާ ކަމަށެވެ.
އަދި އެތައް ޒަމާންތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން އެކި ގޮތްގޮތަށް ބޭނުން ކުރަމުން އައިސްފައިވާ ކަނޑެވާރެހާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކައުންސިލުން ނިންމާފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމަށާ، މިކަމަކީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ދެކޭ ކަމަށް ވެސް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކަނޑެވާރެހާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ހޯނޑެއްދޫ ކައުންސިލުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި އިއުލާން ކުރީ އެރަށް 50 އަހަރަށް ކުއްޔަށް ދިނުމަށެވެ. އަދި ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި 700،000 ޑޮލަރު ހަމަޖައްސާ އޭރު ކުރި އިއުލާނުގައި ވަނީ ބިޑު ކާމިޔާބު ކުރާ ފަރާތުން ގިނަވެގެން 30 ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ނިންމަންޖެހޭނެ ކަމަށެވެ.
ކަނޑެވާރެހާއަކީ އެރަށުގެ ކައިރީގައި ގާތްގަނޑަކަށް 70 ވަރަކަށް ފަޅު ރަށް އޮންނަ، އަދި އެ ރަށުގެ ވަށައިގެން ވަރަށް ރީތި ޑައިވިން ސްޕޮޓުތަކެއް ހިމެނޭ ރަށެއްކަން ފާހަގަކޮށްލެވއެވެ.